Roadha Mihaaru
ސާފް ސުޒުކީ ކަޕް އަންނަ އަހަރު ސެޕްޓެމްބަރުގައި

ސާފް ސުޒުކީ ކަޕް އަންނަ އަހަރު ސެޕްޓެމްބަރުގައި

29 ޑިސެމްބަރ 2020

މި އަހަރު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކުރި ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) އަންނަ އަހަރު ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި އަހަރު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކުރި ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) އަންނަ އަހަރު ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

ބަންގްލަދޭޝްގައި މި އަހަރު ސެޕްޓެމްބަރު 19-30 އަށް ސާފް ސުޒުކީ ކަޕް ބާއްވަން ޝެޑިއުލްކުރި މުބާރާތް ފަސްކުރީ ކޮވިޑުގެ ސަބަބުންނެވެ.

އިއްޔެ ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަ އަހަރަށް ކަލަންޑަރު އެކުލަވާލިއިރު ސާފް ސުޒުކީ ކަޕް ބާއްވަން ކަނޑައެޅީ ސެޕްޓެމްބަރު 14-25 އަށެވެ. މި ތާރީހާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ސާފްގެ ބައްދަލުވުމުގައި ނެގުނު ވޯޓުން ވަނީ ތާއީދު ލިބިފަ އެވެ. ކޮވިޑް-19 ގެ ހާލަތުން އޭރު އަރައިގަނެވޭނެ ކަމުގެ އުއްމީދުގައި މުބާރާތް އެ ތާރީހުގައި ބާއްވަން ނިންމީ އެވެ.

އެންމެ ފަހުން ސާފް ސުޒުކީ ކަޕް ބޭއްވީ ވެސް ބަންގްލަދޭޝްގަ އެވެ. ޑާކާގައި 2018 ވަަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެ އެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގަ އެވެ.

ރާއްޖެ އަށް އެންމެ ފަހުން އޮތް ސާފް ސުޒުކީ ކަޕްގައި ކޯޗުކޮށްދީ މި މުބާރާތް ކާމިޔާބުކޮށްދިނީ 2015 ވަނަ އަހަރުގެ ފައިނަލުގައި އަފްގާނިސްތާން ގޮވައިގެން ވާދަކުރި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓް އެވެ. މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ދަށް ނަތީޖާ ތަކަށް ފަހު ސެގާޓް ވަނީ ވަކިކޮށްފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު 26 ވަނަ ދުވަހު ގައުމީ ޓީމަށް ހަމަޖެއްސި އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ގައުމީ ޓީމާ ހަވާލުވެ މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތަކެއް ކުރިއަށް ގެންދިޔަ އެވެ. މިހާތަނަށް ވާދަވެރި މެޗަކަށް ނުކުމެފައި ނުވެ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ބައިނަލްއަގުވާމީ މެޗުތައް ފަސްކުރަން ނިންމުމެވެ. އަންނަ މަހު 26 އަށް ކޫޕްމަންގެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ހަމަވާނެ އެވެ. ދެ ވަނަ އަހަރާ ކުރިމަތިލާއިރު މިހާރު އޮތްގޮތުން ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މާޗް މަހު ބޭއްވުމަށް އޭއެފްސީން ވަނީ ތާވަލުކޮށްފަ އެވެ.

ކޫޕްމަން އަށް ދީފައިވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓާއި ސާފް ސުޒުކީ ކަޕްގެ ތަށި ދިފާއުކުރުމެވެ.