Roadha Mihaaru
ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!

ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!

02 ނޮވެމްބަރ 2018

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމަށް ބޯނަސް ދިން ގޮތާ މެދު ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމަށް ބޯނަސް ދިން ގޮތާ މެދު ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބޯނަސްގެ ގޮތުގައި ސަރުކާރުން ކޮންމެ ކުޅުންތެރިޔަކަށް ދިނީ 25،000ރ. އެވެ. މިއީ ސްޕޯޓްސް ކައުންސިލުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން ދިން އަދަދެކެވެ. އެކަމަކު ރަސްމީކޮށް އާއްމުވެފައިވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ ދިމާކޮށް ކަނޑައެޅި ބޯނަސްގެ އުސޫލު ކަމަށްވެފައި އޭގެ ދަށުން ކުޅުންތެރިޔަކަށް 35،000ރ. ލިބެން ޖެހެ އެވެ. އެހެންވެ ބައެއް ކުޅުންތެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އޮފިޝަލުންނަށް ދީފައިވަނީ 5000ރ. ގެ ބޯނަސް އެކެވެ. ޓީމެއްގެ ގޮތުގައި ކުރި މަސައްކަތެއްގެ އަގުވަޒަންކުރަން ދިން ބޯނަސް ފައިސާގައި ކުޅުންތެރިންނާއި އޮފިޝަލުންގެ އަދަދު ތަފާތުވުމެއް ހުރުމުން ހިތްހަމަނުޖެހުންތަކެއް އުޅެ އެވެ. ބޯނަސް ދޭ އުސޫލާ މެދު ހިތްހަމަނުޖެހި ބައެއް އޮފިޝަލުން ތިބީ އެ ފައިސާ އަނބުރާ ދޭ ގޮތަށް ކަމަށް އެނގިފައިވެ އެވެ.

"މިއީ ޓީމެއް. ކޮންމެ ކަމެއް ކުރަނީ ވެސް މި ޓީމު އެކުގައި. ކޮންމެ ބައެއް ވެސް ޓީމުގައި ހޭދަކުރީ މުހިއްމު ވަގުތު. ގައުމަށް ކުރިއެރުން ހޯދައިދޭން،" ގައުމީ ޓީމުގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

Qaumee teamuge kulhuntherin udhaasthakaai shakuvaathah ohsaalaifi

Qaumee teamuge kulhuntherin udhaasthakaai shakuvaathah ohsaalaifi

The most trusted news source in the Maldives

Mihaaru

ސާފްގެ ކާމިޔާބީ އަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ގިނަ ޝަކުވާތަކެއްކޮށްފައި.--

ބޯނަސް ދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސެގާޓް ވަނީ އޭނާ އަށް ލިބުނު ބޯނަސް އިން ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ހަދިޔާކުރަން ނިންމައިފަ އެވެ.

"އަހަރެން އެދެން މިހާރު އޮތް ސަރުކާރު ވެސް އަދި އަންނަން އޮތް ސަރުކާރުން ވެސް މި ފަދަ ކަންތައްތައް ނުކުރުމަށް. މި ޓީމުގެ އޮފިޝަލުން ކުރި މަސައްކަތް އަހަންނަށް ފެނުނު. މި ކުޅުންތެރިން ކާމިޔާބީ ހޯދިޔަސް އޮފިޝަލުންގެ ދައުރު ބޮޑު. އެ މީހުންގެ މަސައްކަތް ބަލައިގަންނަން ޖެހޭ،" ސެގާޓް ބުންޏެވެ.

ސާފް ޗެމްޕިއަންކަން ހޯދުމުގެ ލިބުނު އިނާމް ފައިސާ ކަމަށްވާ 50،000 ޑޮލަރު (771،000ރ.) ލިބުމުން ޓީމުގެ ކުޅުންތެރިންނަށް އެފްއޭއެމްގެ ފަރާތުން ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސެގާޓް ބުނީ އެ ބޯނަސް އިންސާފުވެރިކަމާ އެކު ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮންމެ ކުޅުންތެރިޔަކަށް 200،000ރ. ބޯނަހެއް ސަރުކާރުގެ ފަރާތުން ދެއްވަން ނިންމެވި އެވެ. އަދި އެ ފައިސާގެ ޗެކް ކުޅުންތެރިންގެ ފައި އެއާޕޯޓުގައި ޖެހުމާ އެކު ހަވާލުކުރި އެވެ. މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ދިން އެހީއާ އެކު ކޮންމެ ކުޅުންތެރިޔަކަށް ޖުމްލަ 308،000ރ. ގެ ބޯނަހެއް ލިބުނެވެ. އަދި ނިސްބަތުން އެކަށީގެންވާ ވަރުގެ ބޯނަހެއް ޓީމުގެ އޮފިޝަލުންނަށް ވެސް ލިބުނެވެ.

ސަރަހައްދުގެ ރަން ތަށި އަލުން ރާއްޖެ ގެނެސް ކުޅިވަރުގެ އެހާ ބޮޑު ކާމިޔާބެއް ހޯދިއިރު ރަސްމީ ސިފައެއްގައި ކުޅިވަރާ ބެހޭ މިނިސްޓްރީން އެކަން ފާހަގަކޮށްފައިނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ރަސްމީ ސިފައެއްގައި ގައުމީ ޓީމަށް މަރުހަބާ ކިޔަން ބޭއްވި ޖަލްސާ އޮތީ އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށް ބޭއްވުނު ހަފްލާ އަކާ ގުޅިފަ އެވެ. އެހެންވެ ގައުމީ ޓީމު ހޯދި ކާމިޔާބީގެ ރަސްމީ އަގުވަޒަންކުރުން އޮތީ ތަރައްގީގެ ޕްރޮޖެކްޓެއް ނިމުމާ އެއްވެ، ވަރަށް ބޮޑަށް ހިޔަނި އެޅިފަ އެވެ.