Roadha Mihaaru
ކުޅުނީ ދެ މެޗު، އެކަމަކު އެންމެން ހައިރާންކޮށްލި

ކުޅުނީ ދެ މެޗު، އެކަމަކު އެންމެން ހައިރާންކޮށްލި

18 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުން ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެގޮތުން ސެމީ ފައިނަލަށް ރާއްޖޭން ނުކުތީ ޒުވާން މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އަށް ފުރުސަތު ދީގެންނެވެ. ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ އޭނާ އެ މެޗުގައި އަދި ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުން ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެގޮތުން ސެމީ ފައިނަލަށް ރާއްޖޭން ނުކުތީ ޒުވާން މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އަށް ފުރުސަތު ދީގެންނެވެ. ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ އޭނާ އެ މެޗުގައި އަދި ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

ގައުމީ ޖާޒީގައި ނިހާޓު ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗަކީ ސާފަށް ތައްޔާރުވާން ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕްގެ ތެރެއިން އެ ގައުމުގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުން ފުރުސަތު ނުލިބުނު ކުޅުންތެރިޔާ އަށް ފަހުން ފުރުސަތު ދޭން ކޯޗު ޕީޓާ ސެގާޓް ނިންމީ ހަލުވި ކުޅުންތެރިންތަކެއް އަރުވައިގެން ކައުންޓަ އެޓޭކު ސްޓައިލަށް ބަދަލުކޮށްލަން ބޭނުންވުމުންނެވެ.

"އަލްހަމްދުﷲ. ވަރަށް ކާމިޔާބު މުބާރާތެއް. ސެމީ މެޗު ކުޅުނީ ކުޑަކޮށް ޕްރެޝަރުގައި އެކަމަކު ފައިނަލުގައި ކުޅުނީ ވަރަށް އިތުބާރާ އެކު. އެއީ ކުޅުންތެރިން އެކުވެގެން މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތީމަ. އެކަހަލަ ޕްރެޝަރެއް ނެތި ކުޅުނީ،" ލ. މާބައިދު އަށް އުފަން އުމުރުން 26 އަހަރުގެ ނިހާޓް "މިހާރަ"ށް ބުންޏެވެ.

ނޭޕާލްގެ ބާރަތު ހަވާސް (ވ) ކައިރިން ރާއްޖޭގެ ނިހާޓް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ނޭޕާލްގެ ބާރަތު ހަވާސް (ވ) ކައިރިން ރާއްޖޭގެ ނިހާޓް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ރާއްޖޭން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ވިދާފައި ގުގުރާތީ މެޗު 30 މިނިޓަށް މެދުކަނޑާލި އެވެ. އެކަމަކު އަލުން ފަށައިގެން ރާްއްޖެ އަށް ކުރިން ދެއްކި ކުޅުން ދައްކަން އުނދަގޫވި ނަމަވެސް ނޭޕާލް ކުޅުނަނުދެން ރާއްޖޭން ދިޔައީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެމުންނެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި ނިހާޓަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުނެވެ.

ފައިނަލުގައި ރާއްޖޭން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނުކުތްއިރު، ގްރޫޕް ސްޓޭޖުގައި އެ ޓީމު އަތުން 2-0 އިން ބަލިވި މެޗުގެ ހަނދާންތައް ދޫކޮށްލި އެވެ. މުޅި ޓީމު އާ ހިތްވަރެއްލައިގެން ކުރި މަސައްކަތުން އިންޑިއާ އަތުން 2-1 އިން މޮޅުވެ، 10 އަހަރު ފަހުން އަލުން ސަރަހައްދުގެ ތަށި ރާއްޖެ އަށް ގެނައީ އެވެ.

"މިދިޔަ އަށް އަހަރު އަޅުގަނޑު ވަރަށް މަސައްކަތްކުރިން ގައުމީ ޓީމުގައި ހިމެނިގެން ކާމިޔާބެއް. ހޯދަން އެ މަސައްކަތް ކާމިޔާބުމިވީ. އަސްލު ބުނެދޭން ނޭނގޭހާ ވެސް އުފާވޭ،" 2016 ވަނަ އަހަރު ކްލަބް ވެލެންސިއާއާ އެކު އެފްއޭ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ނިހާޓް ބުންޏެވެ.

ކްލަބް އީގަލްސް އިން 2012 ވަނަ އަހަރު ކެރިއަރު ފެށި ނިހާޓް އޭގެ ފަހުން ދެ އަހަރު ފެނުނީ ވިކްޓަރީންނެވެ. އޭނާ 2015 ވަނަ އަހަރު ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. އެ ޓީމުގައި ތިން އަހަރު ހޭދަކުރުމަށް ފަހު އަލުން ވިކްޓަރީ އަށް ބަދަލުވީ މި އަހަރު އެވެ.

"އަށް އަހަރު ކުޅުނުއިރު އަޅުގަނޑު ވަރަށް އިސްކަންދިނިން ޕްރެކްޓިހަށް ގަޑި ނުޖެހި ދާން. ގައުމީ ޓީމަށް ހޮވުނީ މަ ވެސް ވަރަށް ޑިސިޕްލިންއާ އެކު މަސައްކަތްކުރަން އިސްކަންދިނިން. މާތް ﷲ އިރާދަކުރެއްވީތީ މިހާރު މި ހޯދޭ ކާމިޔާބީ އަކީ އޭރުން ފެށިގެން ޑިސިޕްލިންއާ އެކު، ފުޓްބޯޅައިގެ އެއްވެސް މީހަކާ މައްސަލައެއް ވެސް ނުޖެހި ކުރި މަސައްކަތް،" ނިހާޓް ބުންޏެވެ.

ގައުމީ ކޯޗު ސެގާޓް ވަނީ ސެމީ ފައިނަލާއި ފައިނަލުގައި އޭނާ ކުޅުވި ޓީމަކީ ވަރަށް ޖެހިލުންކުޑަ ޓީމެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. އެއީ މުބާރާތުގައި އެންމެ ވަރުގަދަކޮށް އޮތް ނޭޕާލާއި އިންޑިއާ ބަލިކުރެވޭނީ އެ ފަދަ ކުޅުމެއް ދައްކައިގެން ކަމަށްވާތީ އެވެ. އެ ދެ މެޗުގައި ޓީމުގެ މެދުތެރެއިން އެ ފަދަ ޖެހިލުން ކުޑަ ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ނިހާޓެވެ.