17 ސެޕްޓެމްބަރ 2018
"އަޅުގަނޑު ފައިނަލުގައި ލަނޑެއް ޖެހުން އެއީ ކުޑަ އިރުއްސުރެން ދެކެމުން އައި ހުވަފެނެއް،"
"އަޅުގަނޑު ފައިނަލުގައި ލަނޑެއް ޖެހުން އެއީ ކުޑަ އިރުއްސުރެން ދެކެމުން އައި ހުވަފެނެއް،"
ހޮނިހިރު ދުވަހުގެ ރެޔާ ހަމަޔަށް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް އެއީ ހަމަ ހުވަފެނެކެވެ. އެކަމަކު އެރޭ ކުޅުނު ސާފް ސުޒުކީ ކަޕުގެ ފައިނަލުން އިންޑިއާ އަތުން 2-1 އިން ރާއްޖެ މޮޅުވިއިރު ލަނޑު ޖަހައި އޭނާ ވަނީ އެކަން ހަގީގަތަކަށް ހަދައިފަ އެވެ.
"ވަރަށް ވަރަށް އުފަލުން މިހުރީ. ހަގީގަތުގައި ވަރަށް ހިތްވަރާ އުއްމީދާ އެކު ފައިނަލަށް އައީ. އިރާދަކުރެއްވިއްޔާ އެކަން ވެއްޖެ،" ފައިނަލް މެޗަށް ފަހު "މިހާރަ"ށް ފޭދޫ އިއްބެ ބުންޏެވެ.
މި ފަހަރުގެ ސާފް ސުޒުކީ ކަޕަކީ ފޭދޫ އިއްބެ ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ މުބާރާތެވެ. މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅެ އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން ދިޔަ ކުޅުންތެރިޔަކީ އޭނާ އެވެ. ގައުމީ ޓީމުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ތަފާތު ދެއްކި އެވެ. ސާފްގެ ފައިނަލުގައި ލަނޑު ޖެހުމުގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެވެ.
ފޭދޫ އިއްބެ އަށް އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް އޭނާ ޖެހި މޮޅު ގޯލާ އެކު އެވެ. އެ އަހަރަށް ފަހު ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން ފޭދޫ އިއްބެ އަށް ޝައުގުވެރިވި އެވެ. އަދި އޭނާ އަށް އެކި ގެންނަން ވެސް ބޭނުންވި އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ވަގުތު އޭނާ ފުރަތަަމަ ޑިވިޝަންގެ ކްލަބަކާ ނުގުޅެ އެވެ.
އެކަމަކު މިދިޔަ ސީޒަނުގައި އޭނާ ޓީސީއާ ގުޅުނީ އެ ޓީމުގެ ކޯޗު އަދި އޭނާއާ އެއް ރަށަކަށް ނިސްބަތްވާ މުހައްމަދު ނިޒާމް (ނިޒާމްބެ) ދިން ހިތްވަރާ އެކު އެވެ. ޓީސީއާ އެކު ފުރަތަމަ ފޭދޫ އިއްބެގެ ތަޖުރިބާ އަކީ ބައިނަލްއަގްވާމީ މުބާރާތެކެވެ. ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ތަށި ހޯދިއިރު، ފޭދޫ އިއްބެގެ ހިއްސާ ވެސް އޮތެވެ. އޭނާގެ ތަޖުރިބާ ނެތް ކަމުގައި ވިޔަސް ހުނަރުން ފެންވަރު ސާބިތުކޮށްދިނެވެ.
ސާފް ސުޒުކީ ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފޭދޫ އިއްބެ. -- ފޮޓޯ: އިމޭޖަސް.އެމްވީ
"އަސްލު އެ ކާމިޔާބީއާ އެކު ވަރަށް ބޮޑަށް ހިތްވަރެއް ލިބުނު. ކުރިއަށްދާން ވަރަށް ބޮޑު ކޮންފިޑެންސެއް ލިބުނު. ނިޒާމްބެ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެއީ އެއްވެސް އިރެއްގައި ކަމެއް ނުވާނެއޭ ނިޒާމްބެ ނުބުނާނެ. މަސައްކަތް ކުރާށޭ ބުނާނީ،" ފޭދޫ އިއްބެ ހެވިފައި ހުރެ ކިޔައިދިނެވެ.
މިދިޔަ ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅެ ފޭދޫ އިއްބެ ވަނީ 17 ގޯލު ޖަހައިފަ އެވެ. މިއީ ފުރަތަމަ ސީޒަނެއްގައި އަލަށް އައިސް މަދު ކުޅުންތެރިއަކަށް ނޫނީ ނުވާނެ ފަދަ ކަމެކެވެ.
ގައުމީ ކޯޗުކަމާ ޕީޓާ ސެގާޓް ހަވާލުވި ފަހުން ރާއްޖެ ކުޅުނު ފުރަތަަމަ މެޗުގައި ސިންގަޕޫރު އަތުން 3-2 އިން ބަލިވިއިރު، އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ފޭދޫ އިއްބެ ލަނޑު ޖެހި އެވެ. އަދި މާލޭގައި ބޫޓާން އަތުން 7-0 އިން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްދިނެވެ. އަދި މި ފަހަރު ސާފްގެ ކުރިން ގަތަރު ކޭމްޕްގައި އެ ގައުމުގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި ހިމެނި ލަނޑު ވެސް ޖެހި އެވެ.
މި ފަހަރުގެ ސާފްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވި އެވެ. އެހެންވެ ދެ ވަަނަ މެޗަށް އިންޑިއާއާ ދެކޮޅަށް ސެގާޓް ގެނައި ބަދަލުތަކުގެ ތެރެއިން ފޭދޫ އިއްބެ ފުރަތަމަ އެގާރައިގައި ހިމެނި އެވެ. މިއީ ރަސްމީ މެޗެއްގައި އޭނާ ފުރަތަމަ އެގާރައިގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ މެޗުން ރާއްޖެ 2-0 އިން ބަލިވި ނަމަވެސް ފޭދޫ އިއްބެ ދެއްކި ކުޅުމަށް ސެގާޓް ވަނީ ތައުރީފް ކޮށްފަ އެވެ. އަދި އޭނާގެ އިތުބާރު ފޭދޫ އިއްބެ އަށް އޮތްކަން ވެސް ހާމަކުރި އެވެ.
ގުރުއަތުލައިގެން ސެމީ ފައިނަލުން ފުރުސަތު ލިބުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ފޭދޫ އިއްބެ އާއި ގައުމީ ކުޅުންތެރިން އެކަންކަމަށް ދިނީ ބީރު ކަންފަތެކެވެ. ހުރިހާ ކުޅުންތެރިން ހިތްވަރުލައިގެން ތިބީ އެއް އަމާޒަކާ ދިމާލަށް ދަތުރުކުރުމަށެވެ.
ފައިނަލް މެޗަށް ފަހު ފޭދޫ އިއްބެ (ވ) އާއި އިބްރާހިމް ވަހީދު ތަށްޓައް ބޮސްދެނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
"ކޮންމެ ގޮތެއް ހަދާފައި ވިޔަސް ހުރިހާ ކުޅުންތެރިން ބޭނުންވީ މި ތަށި ނަގަން. އެއްވެސް ކަމަކާ ނުވިސްނައި. މުޅި ޓީމު އޮތީ އެއް ރޫހެއްގައި. އެއީ އަސްލު ސެމީއާ ހަމައިން ފެނުނު ތަފާތަކީ. ގައުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ކުޅުންތެރިން ހިތްވަރުލީ،" ފޭދޫ އިއްބެ ބުންޏެވެ.
ފައިނަލުގައި ނާއިޒް ހަސަން (ދާދު) ދިން ބޯޅައިން ފޭދޫ އިއްބެ ޖެހި ގޯލަށް ގިނަ ބަޔެއްގެ ތައުރީފް އޮހުނެވެ.
"ދާދު އެ ބޯޅަ ދިން ހިސާބުން ވަރަށް އިތުބާރާ އެކު އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަނީ. ދެން ގޯލަށް ޖެހޭނެ އެންމެ ރަނގަޅަށް ފޮނުވާލީ. ވަރަށް އުފާވި ބޯޅަ ގޯލަށް ވަން ވަގުތު. އަޅުގަނޑުގެ ފައިން ފައިނަލުގައި ގޯލެއް ޖަހަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ. އެއީ އަބަދުގެ ވެސް ހުވަފެނެއް،" ގައުމީ ދިދަ ކަރުގައި އޮޅާލައިގެން އުފަލުން ހުރެ ފޭދޫ އިއްބެ ކިޔައިދިނެވެ.
އުމުރުން 25 އަހަރުގެ ފޭދޫ އިއްބެ ވަނީ އޭނާ މި ހިސާބަށް އައުމުގައި އެހީތެރިވި އެންމެނަށް ޝުކުރުއަދާކޮށްފަ އެވެ. ހާއްސަކޮށް އޭނާގެ ކްލަބް ޓީސީ އާއި ކޯޗު ނިޒާމްބެ އަށެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
އަކޫ އާއި ހަމްޕު އަދި ފޭދޫ އިއްބެ ޒުވާން ޓީމަށް!
ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!
މޮޅު ކުޅުންތެރިޔާގެ ރަށަށް ތަށި ގެންދިއުން ހުކުރުގައި
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މާޔޫސްވެފައި!
ރަށްރަށަށް ސާފް ތަށި ގެންދަން އަންނަ ހަފްތާގައި ފަށަނީ
ސަމުއްޓެ: ހިތްވަރާއި ތަފާތު ދެއްކި ދިފާއީ ތަނބު
"ތަޖުރިބާކާރު ކޯޗު" އެދެނީ އޭނާގެ ބަސް އެހުމަށް
ޒުވާން ޓީމުގެ ކާމިޔާބީގެ ފަހަތުގައި ހުރި ޒުވާން ކޯޗު