Roadha Mihaaru
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!

އެންމެ ކާމިޔާބު ކުޅުންތެރިންގެ ލިސްޓުގައި އަލްވެސް އާއި މެސީގެ ފަހަތުން އިމްރާން!

26 ޑިސެމްބަރ 2022

އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކަނޑައަޅަން އުނދަގޫވެދާނެ އެވެ. އެކަމަކު އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަނޑައެޅުން އުނދަގުލެއް ނޫނެވެ. އެ ޝަރަފް މިވަގުތު އޮތީ ކެރިއަރުގައި 43 ތަށި ހޯދާފައިވާ ބްރެޒިލްގެ ޑެނިއަލް އަލްވެސް އަތުގަ އެވެ. ދާދި ފަހުން އާޖެންޓީނާގެ ލިއޮނަލް މެސީ ވޯލްޑް ކަޕް އުފުލާލުމުން އޭނާގެ ޖުމްލަ 42 އަށް ވަނީ އަރައިފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކަނޑައަޅަން އުނދަގޫވެދާނެ އެވެ. އެކަމަކު އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަނޑައެޅުން އުނދަގުލެއް ނޫނެވެ. އެ ޝަރަފް މިވަގުތު އޮތީ ކެރިއަރުގައި 43 ތަށި ހޯދާފައިވާ ބްރެޒިލްގެ ޑެނިއަލް އަލްވެސް އަތުގަ އެވެ. ދާދި ފަހުން އާޖެންޓީނާގެ ލިއޮނަލް މެސީ ވޯލްޑް ކަޕް އުފުލާލުމުން އޭނާގެ ޖުމްލަ 42 އަށް ވަނީ އަރައިފަ އެވެ.

ހައިރާންވެދާނެ އެވެ. އެކަމަކު އެ ދެ ކުޅުންތެރިންގެ ފަހަތުން މި ލިސްޓުގެ ތިން ވަނަ މަގާމް ހިއްސާކުރާ އެއް ކުޅުންތެރިޔަކީ މި ރާއްޖޭގެ ކުރީގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އޭނާގެ ޖުމްލަ އަކީ 39 ތަށްޓެވެ. އެ އަދަދަށް ތަށި ހޯދައިގެން އިމްރާންއާ އެކު ތިން ވަނަ ހިއްސާކުރަނީ މިސްރުގެ ހުޝާމް އަޝޫރެވެ.

އިމްރާނާއި ހުޝާމްގެ ފަހަތުގައި އޮތީ 37 ތަށި ހޯދާފައިވާ ސްޕެއިނުގެ މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ އާއި އެ ގައުމުގެ ޖެރާޑް ޕީކޭ އަދި ބްރެޒިލްގެ މެކްސްވެލް އެވެ. އޭގެ ފަހަތުގައި އޮތީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ރަޔަން ގިގްސް އެވެ. އޭނާ ވަނީ 36 ތަށި ހާސިލްކޮށްފަ އެވެ.

މެސީ ވޯލްޑް ކަޕް ހޯދައި، އަލްވެސްއާ އެއްވަރުކުރަން އެންމެ ތަށްޓަކާ ގާތަށް ޖެހިލުމާ އެކު މީޑިއާތަކުން ރިލީޒްކުރި ލިސްޓުން ދިވެހި ދިދަ ފެންނަން އޮތުމަކީ، އިމްރާން ބުނި ގޮތުގައި ދިވެހިންނަށް އަދި ދިވެހި ފުޓްބޯޅަ އަށް ލިބުނު ކާމިޔާބަކާއި ޝަރަފެއް ކަމަށެވެ.

އެންމެ ކާމިޔާބު ކުޅުންތެރިންގެ ތަފާތު ލިސްޓުތައް ދައުރުކުރެ އެވެ. އެކަމަކު "މިހާރު" އިން ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާފައިވާ މަތީ ފަންތީގެ ކާމިޔާބީތަކުގެ ކަށަވަރު މައުލޫމާތަށް ބަލައި އެކުލަވާލާފައިވާ ލިސްޓަކަށެވެ.

އިމްރާން 2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުނު މެޗަކަށް ފަހު މޭން އޮފް ދަ މެޗު އިނާމާ ހަވާލުވަނީ.

އިމްރާން 2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުނު މެޗަކަށް ފަހު މޭން އޮފް ދަ މެޗު އިނާމާ ހަވާލުވަނީ.

އިމްރާން ހޯދި 39 ތަށީގެ ތެރެއިން އެންމެ ހާއްސައީ، އޭނާ ބުނި ގޮތުގައި ގައުމީ ޓީމާ އެކު 2008 ވަނަ އަހަރު ކާމިޔާބުކުރި ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ ތަށި، ކޮޅުނބުގެ ސުގަތަދާސަ ސްޓޭޑިއަމުގައި އިންޑިއާ 1-0 އިން ބަލިކޮށް ރާއްޖެ ހޯދީ އިމްރާންގެ މޮޅު ކުޅުމާ އެކު އެވެ.

"އެއީ އެންމެ ހާއްސަ ތަށްޓަކީ،" އިމްރާން ބުންޏެވެ.

ކްލަބް އީގަލްސް އިން 1999 ވަނަ އަހަރު ކެރިއަރު ފެށި އިމްރާން އަށް ތަށްޓެއްގައި އަތްލާން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ވެސް ގައުމީ ޖާޒީގަ އެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތުގަ އެވެ. އެކަމަކު މާލޭގައި އޮތް އެ މުބާރާތުގެ ފައިނަލުން ސްރީ ލަންކާ އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ އެވެ.

އޭނާގެ ފުރަތަމަ ތަށްޓަކީ، 2001 ވަނަ އަހަރު ވިކްޓްރީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ މުބާރާތުގައި ވެލެންސިއާ ބަލިކޮށް ހޯދި ކަޕްވިނާސް ކަޕެވެ. އިމްރާން ވަނީ ވިކްޓްރީއާ އެކު، 14 ތަށި ހޯދައިފަ އެވެ. އެއީ އޭނާގެ އެންމެ ކާމިޔާބު ކްލަބް ވެސް މެ އެވެ. އިމްރާން ވަނީ ވިކްޓްރީއާ އެކު ކަޕްވިނާސް ކަޕް ތިން ފަހަރު، މާލޭ ލީގު ތިން ފަހަރު، ދިވެހި ލީގު އެއް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ގައުމީ މުބާރާތް ހަ ފަހަރު ހޯދައިފަ އެވެ. އޭގެ ތެރެއިން އެންމެ ޝަރަފްވެރި ކާމިޔާބަކީ 2002 ވަނަ އަހަރު ގައުމީ މުބާރާތް މިލްކުކުރުމެވެ.

އިމްރާން ވަނީ ނިއު ރޭޑިއަންޓާ އެކު 13 ތަށި ހޯދައިފަ އެވެ. އެއީ މާލޭ ލީގު އެއް ފަހަރު، ދިވެހި ލީގު ހަތަރު ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ގައުމީ މުބާރާތް ހަތަރު ފަހަރު އަދި ޗެރިޓީ ޝީލްޑް ދެ ފަހަރު އެވެ. ނިއުއާ އެކު ހޯދި އެންމެ ޝަރަފްވެރި ކާމިޔާބަކީ 2014 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރުމެވެ. އޭނާ އަކީ އެ ތަށި ދެ ކްލަބާ އެކު މިލްލުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.

އިމްރާން ނިއުގެ ޖާޒީގައި.

އިމްރާން ނިއުގެ ޖާޒީގައި.

އެކަމަކު ނިއުގައި އިމްރާން ހޯދި އެންމެ ހާއްސަ ކާމިޔާބީތައް ހޯދީ 2013 ގަ އެވެ. އެ ފަހަރު ނިއު އިން ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއް، ހުރިހާ މެޗަކުން މޮޅުވެގެން ކާމިޔާބުކޮށްފަ އެވެ. އެއީ ދިވެހި އެހެން ކްލަބަކަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ. ނިއު އިން 1997 ގައި ހުރިހާ ތަށްޓެއް ހޯދި ނަމަވެސް އެ ފަހަރު މެޗުތަކަކުން ބަލިވި އެވެ.

"ކެޕްޓަނަކަށް ހުރެ އެ ކާމިޔާބީ ލިބުމަކީ ރާއްޖޭގެ ޕްލޭޔަރަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފް ކަމަށް ދެކެނީ،" އިމްރާން ބުންޏެވެ.

އިމްރާން ވަނީ ވީބީ އައްޑޫ އެފްސީއާ އެކު ގައުމީ މުބާރާތް އެއް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު، ދިވެހި ލީގު ދެ ފަހަރު އަދި ޗެރިޓީ ޝީލްޑް ދެ ފަހަރު ހޯދައި ޖުމްލަ ހަ ތަށި އެ ކްލަބާ އެކު ކާމިޔާބުކޮށްފަ އެވެ.

ފުޓްބޯޅަ ކެރިއަރު 2018 ގައި ރަސްމީކޮށް ނިންމާލި އިމްރާން ވަނީ މާޒިޔާއާ އެކު ހަތަރު ތަށި ހޯދައިފަ އެވެ. އެއީ ދިވެހި ލީގު އެއް ފަހަރު، ގައުމީ މުބާރާތް އެއް ފަހަރު އަދި ޗެރިޓީ ޝީލްޑް ދެ ފަހަރެވެ. އޭގެ ފަހުން ޓީސީ ސްޕޯޓްސް އަށް ކުޅެ އެއް ކްލަބާ އެކު ޗެރިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކުރި އެވެ.

އިމްރާން ކުޅުނު ކްލަބްތަކުގެ ތެރެއިން ތަށްޓެއް ނުހޯދެނީ އީގަލްސްއާ އެކު އެކަންޏެވެ.

އިމްރާންގެ ރިޓަޔާމެންޓް މެޗުގައި ރައީސް ސޯލިހު (ވ) އޭނާއާ ސަލާމްކުރައްވަނީ.

އިމްރާންގެ ރިޓަޔާމެންޓް މެޗުގައި ރައީސް ސޯލިހު (ވ) އޭނާއާ ސަލާމްކުރައްވަނީ.

އިމްރާން ކްލަބް ލެވެލްގައި ކުޅުނު ގިނަ ފައިނަލްތައް ކާމިޔާބުކުރި ނަމަވެސް، ގައުމީ ޓީމާ އެކު ކުޅުނު ހަތަރު ފައިނަލުގެ ތެރެއިން ތިން ފައިނަލުން ނާކާމިޔާބުވި އެވެ. އެ ތިން ފަހަރު ވެސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީގެ އިތުރުން 2003 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން ބަންގްލަދޭޝް އަތުން އަދި 2009 ގެ ފައިނަލުން އިންޑިއާ އަތުންނެވެ.

ދެކުނު އޭޝިއާ ދުށް އެންމެ މޮޅު ކީޕަރުންގެ ތެރޭ ހިމެނޭ އިމްރާން ގައުމީ ޓީމަށް ކުޅެދިން 109 މެޗު ބަލައިގަނެ، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ވަނީ އޭނާ އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައި ހިމަނަފައިފަ އެވެ. އޭނާ އަކީ 100 ނުވަތަ އެއަށް ވުރެ ގިނަ 'އޭ" ފެންވަރުގެ ބައިނަލްއަގްވާމީ މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިން ލިސްޓްކުރެވޭ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.

މި ލިސްޓުގައި ދެން ހިމެނޭ ދެކުނު އޭޝިއާގެ ކުޅުންތެރިޔަކީ، އިންޑިއާ ގައުމީ ޓީމަށް 115 މެޗު ކުޅެފައިވާ ފޯވާޑް ސުނިލް ޗެތުރީ އެވެ. މި ލިސްޓަށް އެރުމާ އެންމެ ގާތުގައި ހުރި ދިވެހި ކުޅުންތެރިޔަކީ ގައުމީ ޓީމަށް 90 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން 2019 ވަނަ އަހަރު ގައުމީ އިނާމް ހާސިލްކުރި އިމްރާން 1999 ވަނަ އަހަރު ކެރިއަރު ފަށައި އެންމެ ފުރަތަމަ ވެސް ފާހަގަކުރެވުނީ 2000 ވަނަ އަހަރު ގައުމީ ޓީމުންނެވެ. އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި، އެ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ސީރިއާ އާއި ރާއްޖެ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އިމްރާން ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.