Roadha Mihaaru

ލީގު ކަޕް ސެމީގައި ވާދަކުރާނީ މާޒިޔާ-ޓީސީ އަދި ނިއު-އޮޑި

އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް، އަދި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ލީގު ކަޕް ސެމީގައި މާޒިޔާ-ޓީސީ އަދި ނިއު-އޮޑި

އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް، އަދި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ސެމީގެ ތަރުތީބު ކަނޑައެޅުނީ އިއްޔެ އާއި ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުތަކަށް ފަހު އެވެ. އިއްޔެ ހަވީރު މާޒިޔާ އާއި އޮޑި ސްޕޯޓްސް 1-1 އިން އެއްވަރުވިއިރު، ރޭ ނިއު އާއި މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ 2-2 އިން އެއްވަރުވީ އެވެ.

ލީގުގެ ބުރުގެ އެއް ވަނަ މަގާމު މާޒިޔާ ހޯދީ 10 ޕޮއިންޓާ އެކު އެވެ. ނިއު ދިޔައީ ހަތް ޕޮއިންޓާ އެކު ދެ ވަނަ އަށެވެ. އޮޑި ސްޕޯޓްސް އިން ފަސް ޕޮއިންޓް ހަމަކޮށް ތިން ވަނަ ހޯދިއިރު، ޓީސީ ހަތަރު ވަނަ އަށް ދިޔައީ ހަތަރު ޕޮއިންޓާ އެކު އެވެ. ސެމީ އަށް ނުހޮވި ކެޓީ އެންމެ ޕޮއިންޓަކާ އެކު ފުލަށް ދިޔަ މަހިބަދޫ އެވެ.

މުބާރާތް ރޭވިފައިވާ ގޮތުން، ސެމީގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ހަވީރު މާޒިޔާ އާއި ޓީސީ ބައްދަލުކުރަނީ އެއް ވަނަ އާއި ހަތަރު ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. އެރޭ ކުޅޭ ދެ ވަނަ ސެމީގައި ނިއު އާއި އޮޑި ވާދަކުރަނީ ދެ ވަނަ އާއި ތިން ވަނަ ޓީމުގެ ގޮތުންނެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އެވެ.

ލީގު ބުރުގައި މާޒިޔާ އިން ވަނީ ޓީސީ އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ނިއު އިން ވަނީ އޮޑި އަތުން ހަމަ އެ ނަތީޖާ އިން މޮޅުވެފަ އެވެ.

އިއްޔެ ހަވީރު މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުޅުނު މެޗުން މާޒިޔާ ބަލިނުވެ ސަލާމަތްވީ ފަހު ވަގުތުގަ އެވެ. ހައިސަމް ރަޝީދުގެ ގޯލުން 23 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސް ލީޑު ނަގާފައި އޮއްވާ މާޒިޔާ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ.

ރޭ ނިއު އާއި މަހިބަދޫ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ ނިއު އިންނެވެ. ޕެނަލްޓީއަކުން 21 ވަނަ މިނެޓުގައި ގޯލް ޖެހީ ބިދޭސީ ފޯވާޑް ތޯރިގް ޖެބްރިން އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މަހިބަދޫން އެއްވަރުކުރީ ޝުއައިދު ސައީދުގެ ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ނިއު އަށް އަލުން ލީޑު ނަގައިދިނީ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. މަހިބަދޫން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 74 ވަަނަ މިނެޓުގައި ޝުއައިދު ޖެހި ގޯލުންނެވެ.

ލީގު ކަޕަކީ، އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނާތީ މިވަގުތު ދިވެހި ޕްރިމިއާ ލީގު ބޭއްވެން ނެތުމުން، ކްލަބްތަކަށް މެޗުތަކެއް ހޯދައިދޭން ބާއްވާ ނުރަސްމީ މުބާރާތެކެވެ.