Roadha Mihaaru

މާޒިޔާ އެއް ވަނަ ދެމެހެއްޓިއިރު، ނިއު ފުރަތަމަ މޮޅު ހޯދައިފި

އެފްއޭއެމް ލީގު ކަޕުގައި ރޭ މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އަތުން 7-0 އިން މޮޅުވެ މާޒިޔާ އިން އެއް ވަނައިގައި މަގާމު ދެމެހެއްޓިއިރު، އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް 4-1 އިން ބަލިކޮށް ނިއު ރޭޑިއަންޓުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

މާޒިޔާ މަގާމް ދެމެހެއްޓިއިރު، ނިއު އަށް ފުރަތަމަ މޮޅު

އެފްއޭއެމް ލީގު ކަޕުގައި ރޭ މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އަތުން 7-0 އިން މޮޅުވެ މާޒިޔާ އިން އެއް ވަނައިގައި މަގާމު ދެމެހެއްޓިއިރު، އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް 4-1 އިން ބަލިކޮށް ނިއު ރޭޑިއަންޓުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގު ކަޕަކީ، އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނާތީ މިވަގުތު ދިވެހި ޕްރިމިއާ ލީގު ބޭއްވެން ނެތުމުން، ކްލަބްތަކަށް މެޗުތަކެއް ހޯދައިދޭން ބާއްވާ ނުރަސްމީ މުބާރާތެކެވެ.

އެއް ވަނަ ޑިވިޝަނާއި، ދެ ވަނަ ޑިވިޝަނުން ޖުމްލަ ފަސް ޓީމު ބައިވެރިވާ މުބާރާތް ކުރިއަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭ އުސޫލުންނެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއް ވަނަ އާއި ހަތަރު ވަނަ އެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ދެ ވަނަ އާއި ތިން ވަނަ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެރެ އެވެ.

ރޭގެ މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮޑި ސްޕޯޓްސް އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ނިއު އެވެ. އެންމެ ޕޮއިންޓަކާ އެކު ޓީސީ ހަތަރު ވަނައިގައި އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މަހިބަދޫ އެވެ.

މާޒިޔާ އަށް މިހާރު ވެސް ސެމީ ފައިނަލް ޔަގީންވެފަ އެވެ. މާޒިޔާ ވަނީ ފުރަތަމަ މެޗުން 5-1 އިން ނިއު އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ޓީސީ އަތުން މޮޅުވީ 2-0 އިންނެވެ. މާޒިޔާ އަށް ބާކީ އޮތީ އަންނަ ހަފުތާގެ ބުދަ ދުވަހު އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ނިއުގެ ރަފީގް (މ) ބޯޅަ ބޮލުން ކޮންޓްރޯލްކުރާއިރު ޓީސީގެ އީނާޒް ސަމާލުވެގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނިއުގެ ރަފީގް (މ) ބޯޅަ ބޮލުން ކޮންޓްރޯލްކުރާއިރު ޓީސީގެ އީނާޒް ސަމާލުވެގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރޭގެ މެޗުގައި މަހިބަދޫ ކޮޅަށް މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) އާއި، ހަސަން ރާއިފް އަހުމަދު (ހަންނަ)، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އެވެ. އަނެއް ތިން ގޯލް ކާމިޔާބުކުރީ ނާއިޒް ހަސަން (ދާދު) އާއި، އަބްދުﷲ ލޫތު އިބްރާހީމް، އަދި މުހައްމަދު ޒީކް އަހުމަދެވެ.

މީގެ ތެރެއިން ޒީކް އަކީ، އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޔޫތު ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު އޯ ލެވެލް އިމްތިހާނު އޮތުމުން ޓީމާ އެކު ބޭރަށް ދެވޭ ގޮތް ނުވީ އެވެ. އެ ސަބަބާ ހުރެ ޓީމުގައި ބައިވެރިނުވެވޭ ހުނަރުވެރި ފޯވާޑް މުހައްމަދު އިލާން އިމްރާން ވެސް މާޒިޔާ ޓީމުގައި ހިމެނިގެން ރޭގެ މެޗު ކުޅުނެވެ.

ދެ ވަނަ ޑިވިޝަނުގައި މިހާރު ވާދަކުރާ، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ނިއު އިން އިއްޔެ ހަވީރު ޓީސީ އަތުން އަތުން މޮޅުވި މެޗުގައި ގާނާ ފޯވާޑް ރަފީގުލް އަމީން ދެ ގޯލު ޖެހި އެވެ. އަނެއް ދެ ގޯލު ޖެހީ މާޒިޔާގެ ކުރީގެ މިޑްފީލްޑަރު މޫސާ ޔާމީން (ޔާންބެ) އާއި، ޒަޔާން ޒާހިރެވެ.

ސްޕެއިނުން ކޯޗިން ތަމްރީންތަކެއް ނިންމުމަށް ފަހު ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް އިއްޔެ ވަނީ ޓީމަށް ބެންޗުން އިރުޝާދުދީފަ އެވެ. ފުރަތަމަ މެޗުން މާޒިޔާ އަތުން 4-1 އިން ބަލިވި މެޗުގައި ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ.

ނިއު އިން މި މުބާރާތުގައި ވާދަކުރަނީ މި އަހަރު އޮންނަ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވުމަށެވެ. މިދިޔަ ދެ ފަހަރު ވެސް ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ނާކާމިޔާބުވި ނިއުގެ އަމާޒަކީ، އަލުން އެއް ވަނަ ޑިވިޝަނަށް އެރުމެވެ.