09 އޯގަސްޓް 2022
އަންނަ ސީޒަނުން ފެށިގެން ކޮންމެ ކްލަބެއްގައި ބިދޭސީ ހަ ކުޅުންތެރިން ޖެހުމުގެ ހުއްދަ ދިނުމާމެދު އެފްއޭއެމުން މަޝްވަރާތަކެއް ކުރަން ފަށައިފި އެވެ.
އަންނަ ސީޒަނުން ފެށިގެން ކޮންމެ ކްލަބެއްގައި ބިދޭސީ ހަ ކުޅުންތެރިން ޖެހުމުގެ ހުއްދަ ދިނުމާމެދު އެފްއޭއެމުން މަޝްވަރާތަކެއް ކުރަން ފަށައިފި އެވެ.
ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި 2015 ވަނަ އަހަރުން ފެށިގެން ބިދޭސީ 4 ކުޅުންތެރިން ޖެހުމުގެ ހުއްދަ ދެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ވާން ޖެހޭނީ އޭޝިއާގެ ކުޅުންތެރިޔަކަށެވެ.
އަންނަ ސީޒަނުން ފެށިގެން ބިދޭސީ ކުޅުންތެރިންގެ ޖާގަ ހަޔަކަށް ހެދުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް އެފްއޭއެމްގެ އޮފިޝަލަކު "މިހާރު" އަށް ބުންޏެވެ.
"އެކި މީހުންގެ ހުރީ އެކި ވިސްނުންތައް. އެއްބަޔަކު ބުނަނީ ކްލަބް ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑު ވާނެޔޭ. އެކަމާ ދެކޮޅު ހަދާ މީހުން މި ބުނަނީ ގައުމީ ޓީމަށް އޭގެ ގެއްލުން ކުރިމަތި ވާނެޔޭ،" އޮފިޝަލް ބުންޏެވެ.
"ރަސްމީ ގޮތުން ވަކި ނިންމުމެއް ނެތް. އެކަމަކު އެފްއޭގެ ވެރިންގެ ލެވަލްގައި ވެސް މިވާހަކަ އޮތީ ދެކެވިފަ."
ލީގުގެ ފަހު ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް އީގަލްސް ކުޅުނު މެޗެއްގެ ތެރެއިން ބިދޭސީ ކުޅުންތެރިޔަކު ބޯޅައިގައި ބޮލުން ޖަހަނީ --- ފޮޓޯ: އެފްއޭއެމް
އޭނާ ބުނި ގޮތުގައި ބިދޭސީ ހަ ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ވާހަކަ ދެއްކީ އޭއެފްސީ ކަޕުގައި ވެސް އެގޮތަށް އަމަލު ކުރުމަށް އޭއެފްސީން ވެސް ވާހަކަ ދައްކާތީ ކަމަށެވެ. އޭޝިއާގެ ކްލަބް ފުޓްބޯޅައިގެ އެއް ވަނަ މުބާރާތް އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަންނަ އަހަރުން ފެށިގެން ބިދޭސީ ހަ ކުޅުންތެރިން ކުޅޭ ގޮތަށް ވަނީ ހުއްދަ ދީފަ އެވެ.
އިންޑިއާގެ އެންމެ ބޮޑު ލީގު، އިންޑިއަން ސުޕަ ލީގު 2012 ގައި ލޯންޗު ކުރުމަށް ފަހު ބިދޭސީ ހަ ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ހަމަޖެއްސި އެވެ. މިދިޔަ އަހަރާ ހަމައަށް އެގޮތަށް އަމަލު ކުރި އެވެ. އެކަމަކު މިހާރު އިންޑިއާގެ ހުރިހާ ލީގެއްގައި ވެސް އަމަލު ކުރަނީ ހަތަރު ކުޅުންތެރިންގެ ގަވާއިދަށެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އޭޝިއާ ކުޅުންތެރިޔަކަށް ވާން ޖެހޭނެ ކަމަށް ލީގުގެ ގަވާއިދުގައި ބުނެ އެވެ.
ހަ ކުޅުންތެރިންގެ ގަވާއިދު ސުޕަ ލީގުން އުވާލީ ލޯކަލް ކުޅުންތެރިންނާއި އިންޑިއާގެ ގައުމީ ޓީމުގެ ކޯޗު އީގޯ ސްޓީމަޗް ވެސް ކުރި ޕްރެޝަރުތަކާއެކު އެވެ. ސްޓިމަޗް އާއި އިންޑިއާގެ ކުޅުންތެރިންގެ ކަންބޮޑުވުމަކީ އަމިއްލަ ގައުމުގެ ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ލިބޭ ފުރުސަތު މަދުވުމެވެ.
ބިދޭސީ ކުޅުންތެރިންގެ ޖާގަ އިތުރު ކޮށްފިނަމަ ދިވެހި ކުޅުންތެރިންނަށް ވެސް އެ މައްސަލަ ކުރިމަތި ވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް މިހާރު ވެސް ކްލަބްތަކުގައި ކުޅެން ފުރުސަތު ނުލިބޭތީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ލީގުގެ މޮޅު ކީޕަރުގެ އެވޯޑް ހޯދި ކިރަން (ވ) އަށް ބައްސާމް އެވޯޑް ހަވާލުކޮށް ދެއްވަނީ: ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރުން އެފްއޭއެމުން ވަނީ މަޑުޖައްސާލަފަ --- ފޮޓޯ: އެފްއޭއެމް
"އަހަރެމެން ގައުމީ ޓީމުތަކުގެ ކޯޗުންނަށް މިއޮތީ އެއްކަހަލަ މައްސަލަތަކެއް. ބައެއް ކުޅުންތެރިން ކްލަބްތަކުގައި ގަވާއިދުން ކުޅެން ނުލިބުމާއި މެޗުތަކަށް ތައްޔާރުވާން ލިބޭ ވަގުތު މަދުވުމާއި އަހަރެމެންނަށް ކުޅުންތެރިންނާއެކު ހޭދަ ކުރަން ލިބޭ ވަގުތު މަދުވުމުގެ މައްސަލަ ތަކަކީ އަހަރެމެން ގައުމީ ޓީމުތަކުގެ ކޯޗުންނަށް ކުރިމަތިވާ އެއް ކަހަލަ މައްސަލަތައް،" ޖޫން މަހު ކުޅުނު އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗުގެ ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނެފައު ވެއެވެ.
ބިދޭސީ ކުޅުންތެރިންގެ ޖާގައާ މެދު އެފްއޭއެމުން އެންމެ ފަހުން ގެނައި ބަދަލަކީ ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހެދުމަށް ފަހު އެ ގަވާއިދަށް އަމަލު ކުރުން މަޑުޖައްސާލުމެވެ. އެފްއޭއެމުން ކުރިން ހަމަޖައްސާފައި އޮތީ 2020 އިން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށެވެ. އެކަމަކު އެ އަހަރު ވެސް އެ ގަވާއިދަކަށް އަމަލު ނުކުރެ އެވެ. ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގައި ވެސް ގިނަ މެޗުތަކުގައި ގޯލް ބެލެހެއްޓީ ބިދޭސީ ކީޕަރުންނެވެ.
ލީގުގެ އެންމެ މޮޅު ކީޕަރު އެވޯޑް ހޯދީ މާޒިޔާ އަށް ކުޅޭ ނޭޕާލްގެ އެއްވަނަ ކީޕަރު ކިރަން ކުމާރު ލިމްބޫ އެވެ. މިއީ ރާއްޖޭގެ ލީގު ޗެމްޕިއަންކަން އޭނާ ހޯދި ދެވަނަ ފަހަރެވެ. ޓީސީން ވެސް 2018 ގެ ލީގު ކާމިޔާބު ކުރި އިރު އެ ޓީމުގައި ވެސް އޭނާ ކުޅުނެވެ.
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ