Roadha Mihaaru
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ

ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ

15 ނޮވެމްބަރ 2023

ދިވެހި ޕްރިމިއާ ލީގު 2023 ގެ ކުޅުން މެދުކަނޑާލާފައި އޮންނަތާ 79 ދުވަސް ފަހުން މާދަމާ އަލުން ފަށަން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގު 2023 ގެ ކުޅުން މެދުކަނޑާލާފައި އޮންނަތާ 79 ދުވަސް ފަހުން މާދަމާ އަލުން ފަށަން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ތައްޔާރު ވެއްޖެ އެވެ.

ލީގު މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އޮގަސްޓް 29 ވަނަ ދުވަހުގެ ރެ އެވެ.

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅެން ޖެހޭ މެޗުތަކާއި ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ޕްލޭއޮފްގައި ގައުމީ ޓީމު ކުޅުނު މެޗުތަކަށް ފަހު އަލުން ލީގުގެ ކުޅުން ފަށަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 28 ގައި ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ މެޗުންނެވެ. ނަމަވެސް އެ ތާރީހަށް ލީގެއް ނުފަށަ އެވެ.

ލީގު ފަށަން ދެ ދުވަހަށް ވެފައި ވަނިކޮށް، އެފްއޭއެމަށް ލިބޭ ފައިސާއަށް ހިޔާނާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ޖިނާއީ ތަހުގީގަށް ފުލުހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށް ވަދެ، ތަހުގީގަށް ބޭނުންވާ ތަކެތި ގެންގޮސްފަ އެވެ. އޭގެ ފަހުން އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން އެފްއޭއެމަށް ވަދެ ގެންދިޔަ ތަކެތީގެ ސަބަބުން އެތަން ހިންގުމަށް ދަތިވެ މުބާރާތްތައް ވެސް ބޭއްވެން ނެތް ކަމަށެވެ.

ނަމަވެސް ފުލުހުން ބުނި ގޮތުގައި އެފްއޭއެމްގެ ބަޔާނާ އެކު ވާނީ މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަދި އިދާރީ ހިންގުންތަކަށާއި މުބާރާތްތައް ބާއްވަން ދަތިވާ އެއްވެސް އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުތޯ ބަލައި، އެފްއޭއެމުން އެދުނު ސާމާނު ވަގުތުން ހަވާލުކޮށްފަ އެވެ.

އެފްއޭއެމުން އެދުނު ކޮމްޕިއުޓަރު ހާޑްޑިސްކުގެ އިމޭޖް އެކްސްޓްރެކްޝަން ހެދުމަށް ފަހު ވަގުތުން އެފްއޭއެމާ ހަވާލުކޮށްފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.

ދެ ޓީމެއް ލީގުން ވަކިވަނީ؟

މާދަމާ ލީގު އަލުން ފަށަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން އިއްޔެ މީޑިއާތަކަށް ހާމަކުރި ނަމަވެސް، ލީގުގެ އާ ޝެޑިއުލް އަދި ހިއްސާއެއް ނުކުރެ އެވެ. އެފްއޭއެމްގެ އެކްސްކޯއާ މަޝްވަރާ ކުރުމަށް ފަހު ލީގު ޝެޑިއުލް މިއަދުގެ ވަގުތެއްގައި ހިއްސާ ކުރައްވާނެ ކަމަށް އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ލިޔުއްވާފައިވެ އެވެ.

އަށް ޓީމު ވާދަކުރާ ލީގު މިއަހަރު ފެށީ އެއްވެސް ޓީމެއް ރެލިގޭޓް ނުވާ އުސޫލުން ކުޅޭށެވެ.

ރާއްޖޭގެ ގިނަ ކުލަބްތަކަށް މާލީގޮތުން ބޮޑެތި މައްސަލައެއް ދިމާވެފައި ވާއިރު، ލީގުގެ އެންމެ ފުލުގައި މިވަގުތު އޮތް ދެ ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ލީގުގައި ބާކީ މެޗުތައް ނުކުޅޭގޮތަށް ނިންމައިފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ގްރީން އިން ރަސްމީކޮށް އެފްއޭއެމަށް އެކަން އަންގާފައި ނުވިއަސް، ވެލެންސިއާ އިން ރަސްމީކޮށް އެފްއޭއެމަށް އެކަން އަންގާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ސީޒަން ފެށިއިރު ވެސް ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކެއްގައި ދެ ކްލަބަށް ވެސް ވަނީ ފީފާގެ ޓްރާންސްފާ ބޭން އެއް އައިސްފަ އެވެ. ދެ ޓީމު ވެސް ވަނީ ލީގުގައި ކުޅުންތެރިން ހަމަނުކުރެވިގެން މެޗެއް ދޫކޮށްލައިފަ އެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުމަށް ފަހު، ތިންވަނަ ބުރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެންމެ ރަނގަޅު ހަ ޓީމާ އެކު އެވެ. ދެވަނަ ބުރުގައި ވެލެންސިއާ އަށް ފަސް މެޗު ބާކީ އޮތްއިރު، ގްރީން އަށް ހަތަރު މެޗު އެބަ އޮތެވެ.