Roadha Mihaaru
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ

ގޯތީގެ ގުރަށް ފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ

23 އޯގަސްޓް 2023

މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުން ނިންމާލުމަށް ފަހު މިއަދު ލީގު އަލުން ފަށަން އެފްއޭއެމުން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުން ނިންމާލުމަށް ފަހު މިއަދު ލީގު އަލުން ފަށަން އެފްއޭއެމުން ތައްޔާރުވެއްޖެ އެވެ.

ގަލޮޅު ދަނޑުގެ މިލްކުވެރި ފަރާތް ކަމުގައިވާ ސްޕޯޓްސް މިނިސްޓްރީގެ އެދުމަކަށް އެފްއޭއެމުން ވަނީ މި މަހުގެ 8 އަދި ނުވަ ވަނަ ދުވަހު ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ހަފްތާގެ މެޗުތަކަށް ފަހު، ހައުސިން މިނިސްޓްރީއަށް ދަނޑު ދޫކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލުން ލީގު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ގުރުނެގުމުގެ އިވެންޓު ނުނިމޭތީ ހައުސިން މިނިސްޓްރީން އިވެންޓުގެ މުއްދަތު އިތުރު ކުރުމުން އަނެއްކާ ވެސް ލީގުގެ ކުޅުން ފަސްކުރަން ޖެހުނީ އެވެ.

ލީގުގެ ކުޅުން މިއަދު ފަށަން ހަމަޖެހިފައިވަނީ ހަވީރު މާޒިޔާ ސްޕޯޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާ މެޗުންނެވެ. އަދި މިރޭ ބުރު ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާނެ އެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ މެޗަށް ފަހު މާދަމާ ރޭ އޮންނާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗެވެ.

ދެވަނަ ބުރުގެ ކުޅުން އަންނަ އަހަރުގެ ޖެނުއަރީ ތިނަކާ ހަމައަށް ތާވަލް ކުރެވިފައި ވާއިރު، މި ބުރަށް ފަހު ލީގުގެ ގަދަ ހަ ޓީމުގެ މެދުގައި ތިންވަނަ ބުރު ކުރިއަށް ދާނެ އެވެ.

ލީގު ޓޭބަލް އަށް ބަލައިލާއިރު، ލީގު އެއްވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. އީގަލްސް އޮތީ ހަތް މެޗުން 17 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. އަށް މެޗުން 18 ޕޮއިންޓް ހޯދައިގެން މިވަގުތު ދެވަނައިގައި އޮތީ ސަސް އެވެ. ހަތަރުވަނައިގައި އޮތް ޓީސީ އަށް 13 ޕޮއިންޓް ލިބިފައިވާއިރު ބުރުން ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ޔޫވީއަށް ހަ ޕޮއިންޓް ލިބިފައި ވާއިރު ގްރީން އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަދި ވެލެންސިއާ ވަނީ އެއް ޕޮއިންޓް ހޯދައިފަ އެވެ.

މާޒިޔާ ވަނީ އަންނަ މަހު ފަށާ އޭއެފްސީ ކަޕަށް ތައްޔާރު ވުމުގެ ގޮތުން އިއްޔެ ޖަޕާނުގެ މިޑްފީލްޑަރެއް ސޮއިކުރުވާފަ އެވެ. މާޒިޔާއިން ގެނައި 28 އަހަރުގެ ޓޮމޯކީ ވާޑާ ވަނީ ޖަޕާނާއި ދެކުނު ކޮރެއާގެ އިތުރުން އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ ކްލަބްތަކަށް ވެސް ކުޅެފަ އެވެ.

މިއާ އެކު މާޒިޔާގައި މިވަގުތު ބިދޭސީ ފަސް ކުޅުންތެރިން އެބަތިއްބެވެ. އެއީ ޓޮމޯކީ ވާޑާގެ އިތުރުން ދެން ހިމެނެނީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އާއި ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އާއި ގާނާގެ މިޑްފީލްޑަރު ރޭގަން އޮބެންގް އަދި ކްރޮއޭޝިއާގެ ޑިފެންޑަރު ސެބަސްޓިޖާން އެންޓިކް އެވެ.

ލީގު އަލުން ފަށާއިރު، ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި އާ ކުޅުންތެރިން ރަޖިސްޓާ ނުކުރެވޭ ގޮތަށް ފީފާ އިން ސަސްޕެންޑް ކޮށްފައިވާ ވެލެންސިއާގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ. މިއާ އެކު އެ ޓީމާ އެކު ސީޒަން ފެށިއިރު ފަރިތަކުރި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ވަނީ ޓީމުގައި ހިމަނައިފަ އެވެ. ނަމަވެސް އިއްބެ އާއެކު ދެން އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވި ރިލްވާން ވަހީދު (ރިލޭ) ވަނީ އޭއެފްސީ ކަޕް ކޮލިފައިން ކުޅުނު އީގަލްސް އަށް ބަދަލުވެފަ އެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 2-1 އިން އީގަލްސް ބަލިވުމާ އެކު އެޓީމަށް ވަނީ ގުރޫޕް ސްޓޭޖަށް ކޮލިފައި ވުމުގެ ދޮރު ބަންދުވެފަ އެވެ. އިއްޔެ ކުޅުނު ޕްލޭއޮފްގައި ޑާކާ އަބަހާނީ ވަނީ އިންޑިއާގެ މޯހަން ބަގާން އަތުން 3-1 އިން ބަލިވެފަ އެވެ. މިއާ އެކު ދެކުނު އޭޝިއާ ޒޯންގެ ކްލަބްތައް ހިމެނޭ ގުރޫޕުން ފުރުސަތު ލިބުނީ މޯހަން ބަގާނަށެވެ.

މޯހަން ބަގާނާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ އިތުރުން އިންޑިއާގެ އޮޑީޝާ އަދި މާޒިޔާ ހިމެނެނީ އެއް ގުރޫޕެއްގަ އެވެ.