Roadha Mihaaru
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

25 ޑިސެމްބަރ 2018

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި އެ ހުށަހެޅުމަށް އެންމެ ކްލަބެއް ފިޔަވައި އެހެން ހުރިހާ ކްލަބަކުން އެއްބަސްވެފައިވާތީ އެފްއޭއެމުން އެކަން ވަރަށް އަވަހަށް ފައިނަލްކުރާނެ އެވެ.

އެނގިފައިވާ ގޮތުގައި ސީޒަން ފެށުން ލަސްކުރަން އެފްއޭއެމުން ބޭނުންވާ ސަބަބަކީ ރާއްޖޭގެ ކްލަބްތަކަށް މާލީ ގޮތުން އަޑިއަޅާލާފައިވާތީއާ އެކު ކްލަބްތައް ހަމަޔަކަށް އެޅުވުމަށް ފަހު ސީޒަން ފެށުމަށެވެ. ބައެއް ކްލަބްތައް ކުޅުންތެރިންނަށް ބޮޑެތި އަދަދުތަކުން ދަރާފައިވާއިރު އަންނަ ސީޒަނަށް ތައްޔާރުވާން އަތަކަށް ހިރިލެވޭކަށް ވެސް ނެތެވެ.

އަނެއްކޮޅުން ކުޅުންތެރިންގެ މުސާރަތައް އިމެއްގެ ތެރެއަށް ފައްތަންކުރާ މަސައްކަތުގައި އިދާރީ ވަރަށް ގިނަ މަސައްކަތް ހުރުމާ އެކު އެކަންކަން ވެސް ނިންމަން ވަގުތު ހޯދުން ވެސް، އޭގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ. މުސާރައިގެ އާ އޮނިގަނޑު މިހާރު ކްލަބްތަކާ ވަނީ ހިއްސާކޮށްފަ އެވެ. އެ އޮނިގަނޑު ފައިނަލް ވުމާ އެކު ކުޅުންތެރިން އަލުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ސީޒަން ފެށުން ލަސްކުރަން އެފްއޭއެމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ނެތުމެވެ. އެހެންވެ ފެބްރުއަރީ މަހު ފަށާ އެ މުބާރާތް ނެތުމުން އެފްއޭއެމަށް އޮނިގަނޑު ބަދަލުކޮށްލަން ފަހިވީ އެވެ.ދެން އޮންނާނެ ސުވާލަކީ ޖޫން މަހު ސީޒަން ފަށައިގެން 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފަށަންވާއިރަށް ސީޒަން ނުނިމޭނެތީ އެ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ދޭނެ ޓީމުތަކެއް ކަނޑައެޅުމެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ވިސްނުން ހުރީ މި އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް މާޒިޔާ އަށް 2020 ވަނަ އަހަރު ފުރުސަތު ދޭށެވެ.

އެ ދެ ޓީމަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނީ ކްލަބް ލައިސަންސް ނުލިބުމުންނެވެ. ކްލަބްތަކުން ލިޔެކިޔުން ހުށަނާޅައިގެން އެކަންނުވީ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް ބައެއް ކްލަބްތަކުން އެފްއޭއެމްގެ ބޮލުގައި ވެސް ޒިންމާ އަޅުވާފައިވެ އެވެ. އެކަން ބަލަން ކުޅިވަރާ ބެހޭ މިނިސްޓްރީން ކޮމިޓީއެއް ހަދާފައި އޮއްވާ އޭއެފްސީން ވަނީ ތިން ވަނަ ފަރާތަކަށް އެފްއޭއެމްގެ ތެރެއަށް ނުވަދޭނެ ކަމަށް ބުނެފަ އެވެ. ފަހުން މިނިސްޓްރީން ބުނީ ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތް ކަމަށެވެ.

އީގަލްސްގެ ކުޅުންތެރިއެއް ކައިރިން ދެމި ގަންނަން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ކުޅުންތެރިއެއް ކައިރިން ދެމި ގަންނަން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖޫން މަހު ރާއްޖޭގެ ސީޒަން ފަށައިފި ލިބޭނެ ފައިދާތަކެއް ވެސް އެބަހުއްޓެވެ. އެއީ އޭއެފްސީ ކަޕުގައި ވާދަކުރާއިރު ޓީމުތައް ސީޒަނުގެ އެއްބައި ކުޅެ ވަރުގަދަކޮށް އޮތުމެވެ. އަދި އެ މުބާރާތުގެ ދެ ވަނަ ބުރަށް ހޮވިއްޖެ ނަމަ، ސީޒަނުގެ މައި ޓްރާންސްފާ މުއްދަތުގައި ޓީމު ވަރުގަދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ސަރަހައްދުގެ އެންމެ ބޮޑު ލީގު ކަމަށްވާ އިންޑިއާގެ އައި ލީގު ކުރިއަށްދަނީ އޮކްޓޯބަރުން މާޗުގެ ނިޔަލަށެވެ. އޭގެ ސަބަބުން ފެބްރުއަރީ މަހު އޭއެފްސީ ކަޕް ފަށާއިރު އިންޑިއާގެ ކްލަބް އޮންނަނީ ވަރުގަދަކޮށެވެ. ރާއްޖޭގެ ކްލަބްތަކުން އޭއެފްސީ ކަޕް ކުޅެން ޖެހެނީ ވާދަވެރި މެޗެއް ނުކުޅެ ހަމައެކަނި ޕްރީ ސީޒަން ތަމްރީންތަކަށް ފަހު އެވެ.

އަނެއްކޮޅުން ޖޫން މަހު ސީޒަން ފަށާ ނަމަ ރާއްޖޭގެ ސީޒަން އެ ފެށެނީ ޔޫރަޕާއި ދުނިޔޭގެ ބޮޑު އެހެން ބައެއް ގައުމުތަކުގެ ސީޒަނާ އެކު އެވެ. އޭގެ ސަބަބުން ފީފާގެ ތާރީހުތަކަށް ގައުމީ ޓީމުގެ މެޗުތައް ފައްތަން ފަސޭހަވާނެ އެވެ.

އެކަމަކު އެފަދަ ނިންމުމަކަށް އަތުވެދާނެ ފާޑުކިޔުންތަކެއް ވެސް އެބަހުއްޓެވެ. އެއީ ޖޫން މަހު ސީޒަން ފަށާ ނަމަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ކުޅުންތެރިން މަސައްކަތެއް ނެތި ތިބެން ޖެހި އާމްދަނީ ލިބޭނެ ގޮތެއް ނެތުމެވެ. ބައެއް ކުޅުންތެރިންނަކީ ހަމައެކަނި ކުޅެގެން އާމްދަނީ ހޯދާ ކުޅުންތެރިންނަށް ވުމުން މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. އެކަމަކު މި މައްސަލަ ނުކުންނާނީ އަންނަ ސީޒަނުގައި އެކަންޏެވެ.

އެފްއޭއެމުން މި ވިސްނުން ގެންއުޅޭއިރު އެ އެސޯސިއޭޝަނުން ވަނީ އަންނަ ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު އޮންނާނެ ގޮތުގެ ޕްލޭން އޮކްޓޯބަރު މަހު މީޑިއާއާ ހިއްސާކޮށްފަ އެވެ. އޭރު ބުނެފައި އޮތީ މާލޭ ލީގު އުވާލައި، ޕްރެޒިޑެންޓްސް ކަޕުން ސީޒަން ފަށާ ގޮތަށެވެ. އެއަށް ފަހު ޕްރިމިއާ ލީގު ބާއްވާއިރު، ސީޒަން ނިންމާނީ އެފްއޭ ކަޕުންނެވެ. އަދި ސީޒަން ދެމިގެންދާނީ ނުވަ މަސް ދުވަހަށެވެ.

އެކަމަކު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) އޭރު ވެސް ވިދާޅުވީ ފުޓްބޯޅަ ކަލަންޑަށް ގެންނާނެ ސީދާ ބަދަލުތައް ފައިނަލްކުރާނީ އަދި ކްލަބްތަކާ އެކު މަޝްވަރާގެ ބުރެއް ބާއްވާފައި ކަމަށެވެ.