Roadha Mihaaru
ރާއްޖޭގެ ބަލިފައިތައް އެނގޭ: ލަންކާ ކޯޗު

ރާއްޖޭގެ ބަލިފައިތައް އެނގޭ: ލަންކާ ކޯޗު

03 ސެޕްޓެމްބަރ 2018

މި ފަހަރުގެ ސާފް ސުޒުކީ ކަޕް ސްރީ ލަންކާ އަށް ކާމިޔާބުކުރެވިދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށާއި އަދި ވާދަވެރި ރާއްޖޭގެ ބަލިފައިތައް އެނގޭ ކަމަށް ލަންކާގެ ކޯޗު ޕަކީރު އަލީ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި ފަހަރުގެ ސާފް ސުޒުކީ ކަޕް ސްރީ ލަންކާ އަށް ކާމިޔާބުކުރެވިދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށާއި އަދި ވާދަވެރި ރާއްޖޭގެ ބަލިފައިތައް އެނގޭ ކަމަށް ލަންކާގެ ކޯޗު ޕަކީރު އަލީ ބުނެފި އެވެ.

ސަރަހައްދުގައި ބާރެއްގެ ގޮތުގައި އޮތް ލަންކާ ވެއްޓުނު ވަޅުގަނޑުން މިހާރު ވަނީ އަރައިގެންފަ އެވެ. އެކަމަކު އަދިވެސް އެ ޓީމަށް ފޭވަރިޓެއްގެ ދަރަޖަ ގިނަ ބަޔަކު ނުދެ އެވެ.

"އަހަރެމެންގެ މައިގަނޑު އަމާޒަކީ ސާފް ކަޕް ކާމިޔާބުކުރުން. އަހަންނަށް ނުބުނެވޭނެ އެއީ ޔަގީންކަމެކޭ. އެކަމަކު ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ހާލަތެއްގައި،" ލަންކާގެ ސަންޑޭ ޓައިމްސްއާ ވާހަކަދައްކަމުން ޕަކީރު ބުންޏެވެ.

އޭނާ ބުނީ މުބާރާތަށް ލަންކާ އިން ނެގި ސްކޮޑް އޮތީ ވަރަށް ރަނގަޅަށް މަސްހުނިވެފައި ކަމަށާއި ޓީމުގައި ޒުވާނުންގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ.

ލަންކާގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު އިންޑިއާއާ ވާދަކުރުމަށް ފަހު ދެ ވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ރާއްޖެއާ އެވެ. ޕަކީރު ބުނީ ރާއްޖެ، ބަންގްލަދޭޝް އަދި އިންޑިއާގައި މަސައްކަތްކޮށްފައިވާތީ ޓީމުތަކުގެ ކުޅުމުގެ ސްޓައިލް އެނގޭ ކަމަށެވެ.

"އިންޑިއާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު ރާއްޖޭގެ ޑިފެންސް ދަށް. އަނެއްކާ އެ ޓީމުގައި ފޯވާޑުންނެއް ނެތް. ލަންކާ އަށް އެއް މެޗު ކާމިޔާބުކުރެވުނަސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތް،" ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެ ކޯޗުކޮށްދީ އަދި އަތޮޅުތެރޭގެ ބައެއް ޓީމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޕަކީރު ބުންޏެވެ.

ގޯލްޑް ކަޕުގެ ނަމުގައި މުބާރާތް ބޭއްވި 1995 ވަނަ އަހަރު ތަށި ހޯދި ލަންކާ ވަނީ 1997، 2008 އަދި 2015 ގައި ސެމީ ފައިނަލުގައި ކުޅެފަ އެވެ. މީގެ ތެރެއިން ކުރީ ދެ ފަހަރު ސެމީން ބަލިވީ ރާއްޖެ އަތުންނެވެ. އަދި ރާއްޖެ ވަނީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލަންކާ ކޮޅަށް 10 ގޯލް ޖަހައިފަ އެވެ. އެ މެޗުގައި ހަ ގޯލް ޖެހި، ރާއްޖޭގެ އެންމެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް މި ފަހަރު ރާއްޖޭން ފުރުސަތެއް ނުދެ އެވެ.

ލަންކާ އިން ވަނީ މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ މައްޗަށް 1-0 އިން ކުރި ހޯދައިފަ އެވެ. ރާއްޖޭގެ އީގަލްސް އަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ކެޕްޓަންކަމުގެ ދަށުން މުބާރާތުގައި ވާދަކުރާ ލަންކާ ވަނީ ތައްޔާރުވުމުގެ ގޮތުން ޖަޕާނާއި ދެކުނު ކޮރެއާގައި ކޭމްޕްކޮށްފަ އެވެ.