Roadha Mihaaru
"ޒުވާން ޓީމު ގެނައުމަކީ އިހުތިރާމް ނުކުރުމެއް ނޫން"

ޒުވާން ޓީމު ގެނައުމަކީ އިހުތިރާމް ނުކުރުމެއް ނޫން: އިންޑިއާ

05 ސެޕްޓެމްބަރ 2018

މި ފަހަރުގެ ސާފް ސުޒުކީ ކަޕަށް އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމެއް ގެނައީ މި މުބާރާތަށް އިހުތިރާމް ނުކުރާތީ ނޫން ކަމަށާއި މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ޖެހޭތީ ކުރާ ކަމެއް ކަމަށް އިންޑިއާގެ އިންގްލެންޑް ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

މި ފަހަރުގެ ސާފް ސުޒުކީ ކަޕަށް އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމެއް ގެނައީ މި މުބާރާތަށް އިހުތިރާމް ނުކުރާތީ ނޫން ކަމަށާއި މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ޖެހޭތީ ކުރާ ކަމެއް ކަމަށް އިންޑިއާގެ އިންގްލެންޑް ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

މިރޭ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެ އިންޑިއާ ވަނީ ސެމީއާ ގާތަށް ޖެހިލައިފަ އެވެ. ތިން ޓީމު ވާދަކުރާ ގްރޫޕުގައި ދެން ކުޅޭ މެޗުން ހުކުރު ދުވަހު ލަންކާ އަށް ރާއްޖެ ބަލިނުކުރެވިއްޖެނަމަ އިންޑިއާ ސެމީ އަށް ދާނެ އެވެ.

އިންޑިއާ މިރޭ މެޗުން މޮޅުވި ނަމަވެސް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތައް އެ ޓީމު އަތުން ގެއްލުމުން ކޮންސްޓަންޓިން ހުރީ ކުޅުމާ މެދު ހިތްހަމަ ނުޖެހިފަ އެވެ.

"ތެދެއް އެންމެ މުހިއްމު ކަމަކީ މޮޅުވުން. އެކަން ހާސިލްވެއްޖެ. އެކަމަކު އަހަރެންގެ ނަޒަރުގައި އަދި އިތުރު ގޯލު ޖެހެންޖެހޭ މެޗެއް މިއީ. ކުޅުމާމެދު ހިތްހަމައެއް ނުޖެހޭ. މިއަށް ވުރެ ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެ. އެކަމަކު ގަބޫލުކުރަންޖެހޭނެ ކޮންމެ މެޗެއްގައި އެއް ފެންވަރެއްގައި ނުކުޅެވިދާނެކަން ވެސް،" ކޮންސްޓަންޓިން ބުންޏެވެ.

ބަންގްލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދި 23 އަހަރުން ދަށުގެ ޓީމަކާ އެކު އެވެ. އެންމެ ފަހުން 2015 ވަނަ އަހަރުގެ ސާފްގެ ޗެމްޕިއަން ޓީމަކީ ވެސް އިންޑިއާ އެވެ. މި ފަހަރުގެ މުބާރާތް އެ ޓީމަށް ކާމިޔާބު ކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކޮންސްޓަންޓިން ބުނީ ހަމައެކަނި އަދި މެޗަކުން މޮޅުވީ ކަމަށެވެ.

އިންޑިއާގެ ސީނިއާ ޓީމު މުބާރާތަށް ނުގެނައީ މުބާރާތަކީ އާދައިގެ މުބާރާތެއްގެ ގޮތުގައި އިންޑިއާ ދެކޭތީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކޮންސްޓަންޓިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

"23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ގައުމީ ޓީމުގައި މާގިނަ މުބާރާތްތަކެއް ނޯވޭ. އޮންނަނީ އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސް. އިންޑިއާ އިން އަހަރެމެން އޭޝިއަން ގޭމްސް އަށް ނުފޮނުވި. އަހަރެންގެ އަމާޒަކީ ކުރިއަށް އޮތް ހަ ވަރަކަށް އަހަރަށް އޮންނާނެ ފަދަ ޓީމެއް ހެދުން. އެކަމެއް ނުވާނެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ފަސް އަހަރުން ހަތަރު މެޗު ލިބިގެނެއް. އެހެން ގޮތްތަކުން މެޗު ހޯދަން ޖެހޭ،" ކޮންސްޓަންޓިން ބުންޏެވެ.

އޭނާ ބުނީ މި ލެވެލްގެ މުބާރާތްތަކީ ޕްރެޝަރު ކުޑަ މުބާރާތެއް ކަމަށާއި މީގެ އިން ތަޖުރިބާ ހޯދައި އޭޝިއާގެ ގަދަބާރުތަކާ ކުޅެވޭ ފެންވަރަށް ޒުވާން ކުޅުންތެރިން ތަރައްގީ ކުރެވޭނެ ކަމަށެވެ.

"އަހަރެމެން މި މުބާރާތަށް އިހުތިރާމްކުރަން. އެކަމަކު ޒުވާން ކުޅުންތެރިން އުފައްދައިގެން އަހަރެމެންގެ ސީނިއާ ކުޅުންތެރިންނަށް ވެސް ޕްރެޝަރު ކުރެވޭނީ. މިހާލަތުގައި ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ދޭން،" ކޮންސްޓަންޓީން ބުންޏެވެ.

މި ފަހަރުގެ އިންޑިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ކުޅެނީ އިންޑިއަން ސުޕަ ލީގުގެ ޓީމުތަކަށެވެ. ކޮންސްޓަންޓީން ބުނީ އޭނާ ބަލަނީ ކުޅުންތެރިއަކު ކުޅޭ ލީގަށް ވުރެން ބޮޑަށް ޒުވާން ކުޅުންތެރިން ދައްކާ ކުޅުމަށް ކަމަށާއި މޮޅަށް ކުޅޭ އަދި އިންޑިއާ ޕާސްޕޯޓެއް އޮވެއްޖެނަމަ މައްސަލައެއް ނެތް ކަމަށެވެ.

ސްރީލަންކާ އަށް ދެން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ކުޑަ ވެސް ފުރުސަތެއް އޮތީ ހުކުރު ދުވަހު ރާއްޖެ ބަލިކޮށްގެންނެވެ. އެ ޓީމުގެ ކޯޗު ނިޒާމް ޕަކީރު އަލީ ބުނީ މިއަދުގެ މެޗުން ބަލިވީ ގޯސްތަކެއް ހެދިގެން ކަމަށާއި ދެން އޮތް މެޗަށް އެކަން ރަނގަޅުކުރުން ނޫންގޮތެއް ނެތް ކަމަށެވެ.

"އިންޑިއާ އޮތީ ވަރަށް ވަރުގަދަކޮށް އެ މީހުން ވަރަށް ފިޒިކަލީ ވެސް ވަރުގަދަ. އަހަރެމެންނަށް ވުރެން ގިނަ ބައިނަލްއަގްވާމީ މެޗުތަކެއް ވެސް ކުޅެފައި ތިބީ. ދެން މި މެޗުގައި އަހަރެމެންނަށް ގޯސްތަކެއް ވެސް ހެދިގެން ބަލިވީ. މި ހުރިހާ ކަމަކަށް ބަލާފައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ދެން އޮތް މެޗުން ރާއްޖެ ބަލިކުރަން ނުކުންނާނީ އެކަން ކުރެވޭނެ،" ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރި ޕަކީރު އަލީ ބުންޏެވެ.

އޭނާ ބުނީ ސްރީލަންކާ އިން އަންނަނީ ރަނގަޅު ފެންވަރެއްގައި ކުޅުމަށް މަސައްކަތްކުރަމުން ކަމަށާއި މިހާރު އޮތް ޓީމަށް ކުރިއަށް އޮތްތަނުގައި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންޑިއާ ކޯޗު ސްޓެފަން ކޮންސްޓަންޓިންގެ ނޫސްވެރިންގެ ބައްދަލުވުން.--