Roadha Mihaaru
ރާއްޖެއާ މެދު އުފާކުރަން: އިންޑިއާ ކޯޗު

ރާއްޖެއާ މެދު އުފާކުރަން: އިންޑިއާ ކޯޗު

10 ސެޕްޓެމްބަރ 2018

ގުރު ދިމާވެ ރާއްޖޭން ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުން ފުރުސަތު ހޯދުމުން އެކަމާ އުފާކުރާ ކަމަށް ރޭ ރާއްޖެ އަތުން 2-0 އިން މޮޅުވި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ގުރު ދިމާވެ ރާއްޖޭން ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުން ފުރުސަތު ހޯދުމުން އެކަމާ އުފާކުރާ ކަމަށް ރޭ ރާއްޖެ އަތުން 2-0 އިން މޮޅުވި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

މި ގްރޫޕުގެ އެއް ވަނަ ހަ ޕޮއިންޓާ އެކު އިންޑިއާ ހޯދިއިރު ރާއްޖެ އާއި ލަންކާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ވެސް އެއްވަރުވީ އެވެ. އެހެންވެ ސެމީ އަށް ދާން ގުރެއް ނަގަން ޖެހުނީ އެވެ.

އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުން ފަސޭހަކަމާ އެކު ރާއްޖެ އަތުން މޮޅުވިއިރު، 2009 ވަނަ އަހަރު ވެސް ހަމަ އެ އުމުރުފުރާގެ ޓީމެއް ފޮނުވައިގެން ރާއްޖެ ބަލިކޮށް ތަށި ނެގި އެވެ. އެކަމަކު އެ ފަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވަނީ އިންޑިއާ 2-0 އިން ބަލިކޮށްފަ އެވެ. އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނީ ރޭގެ މޮޅުވުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށެވެ.

"މިއަދު އަހަރެން ވަރަށް އުފަލުން މިހުރީ. ރާއްޖެ އަކީ ޓެކްނިކަލީ ވަރަށް ރަނގަޅު ޓީމެއް. އަހަރެން އުފާކުރަން އެ މީހުން ސެމީ އަށް ދިޔައީމަ. ސެމީގައި އެ މީހުންނާއި ނޭޕާލް ކުޅޭ މެޗު ވަރަށް ރަނގަޅުވާނެ.، 1999 އިން 2001 އަށް ނޭޕާލަށް ކޯޗުކޮށްދިން ކޮންސްޓަންޓިން ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގައި ރާއްޖޭން މެޗު ފަށައިގެން ވަރަށް ރަނގަޅަށް ކުޅުނު ކަަމަށާއި އެހެން ނަމަވެސް އިންޑިއާގެ ފުރަތަމަ ލަނޑާ އެކު ގިނަ ކަންތައްތަކެއް ބަދަލުވެގެންދިޔަ ކަމަށެވެ.

"މެޗުގެ ކުރިން ވެސް އަހަރެން ހީކުރިން މިއީ ވަރަށް އުނދަގޫ މެޗަކަށްވާނެ ކަމަށް. އަހަރެމެން ފުރަަތަމަ 25 މިނިޓް ބޭނުންވި ގޮތަކަށް ނޫން ދިޔައީ. ހަމަޖެހިލެވިއްޖެ ލަނޑު ޖެހި ހިސާބުން. ދެން އެންމެ ފަހުން އަހަރެމެން ބޭނުންވި މޮޅު ވެސް ލިބިއްޖެ. އެއީ އެންމެން ވެސް ބަލާނެ އެއްޗަކީ،" ކޮންސްޓަންޓިން ބުންޏެވެ.

ފުރަތަމަ މެޗުގައި ލަންކާ އަތުން މޮޅުވި ނަމަވެސް ކޮންސްޓަންޓިން ވަނީ އެ މެޗުގައި ފެނުނު ކުޅުމާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށް ބުނެފަ އެވެ. އެކަމަކު ރާއްޖެ އަތުން މޮޅުވި މެޗުގައި ތަފާތު ކަމަށް ކޮންސްޓަންޓިން ދެކެ އެވެ. ސެމީގައި އިންޑިއާ ވާދަކުރަން ޖެހެނީ ސިޔާސީ ގޮތުން އަދި ކްރިކެޓުގައި ވާދަވެރި ޕާކިސްތާނާ އެވެ. އެކަމަކު ކޮންސްޓަންޓިން ނަޒަރުގައި މިއީ ހަމައެކަނި ފުޓްބޯޅަ މެޗެކެވެ.

"ޕާކިސްތާނަކީ ހަމައެކަނި އަހަރެމެން ދެން ކުޅެން ޖެހޭ ޓީމު. އެ ނޫން ވިސްނުމެއްގައި އަހަރެމެން އެ މީހުންނާ ދެމެދު ނުދެކެން. އެ މީހުންގެ އެބަތިބި ވަރަށް މޮޅު ކުޅުންތެރިން. ތަޖުރިބާ ވެސް އެބައޮތް އެ ޓީމުގައި. އަހަރެން އުއްމީދުކުރަނީ އެ މީހުން ބަލިކޮށް ފައިނަލަށްދާން. މިހެން ބުންޏަސް އެނގޭ އެއީ ވަރަށް އުނދަގޫވާނެ މެޗެއްކަން،" ކޮންސްޓަންޓިން ބުންޏެވެ.

ސެމީ ފައިނަލުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ. އަދި ޕާކިސްތާނާއި އިންޑިއާ ކުޅޭނީ އެ ދުވަހު އިރުއޮއްސު 6 ޖަހާއިރެވެ.