Roadha Mihaaru
އިންޑިއާ އަކީ ފޭވަރިޓޭ ކިޔާތީ ކޯޗު ކަންބޮޑުވެއްޖެ

އިންޑިއާ އަކީ ފޭވަރިޓޭ ކިޔާތީ ކޯޗު ކަންބޮޑުވެއްޖެ

09 ސެޕްޓެމްބަރ 2018

ގިނަ ބަޔެއްގެ ނަޒަރުގައި މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ފޭވަރިޓަކީ އިންޑިއާ ކަމަށް ދެކިގެން އެ ގޮތަށް ވާހަަކަ ދައްކާތީ އެކަމާ ކަންބޮޑުވާ ކަމަށް އެ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ގިނަ ބަޔެއްގެ ނަޒަރުގައި މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ފޭވަރިޓަކީ އިންޑިއާ ކަމަށް ދެކިގެން އެ ގޮތަށް ވާހަަކަ ދައްކާތީ އެކަމާ ކަންބޮޑުވާ ކަމަށް އެ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން 2009 ވަނަ އަހަރު ބޭއްވި މުބާރާތަށް އިންޑިއާ އިން 23 އަހަރުން ދަށުގެ ޓީމެއް ފޮނުވައިގެން މުބާރާތުގެ ތަށި އުފުލާލި އެވެ. އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ވެސް ވާދަކުރަނީ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ޓީމެކެވެ.

އިންޑިއާ އިން ވަނީ ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާ އަތުން 2-0 އިން މޮޅުވެފަ އެވެ. މިރޭ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އިންޑިއާ އަށް މިހާރު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ޔަގީންވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުން ވަނީ އެންމެ ވަރުގަދައީ އިންޑިއާ ކަމަށާއި ތަށި ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ އެ ޓީމަށް ކަމަށް ބުނެފަ އެވެ.

ކޮންސްޓަންޓިން ބުނީ އޭނާގެ ޓީމުގައި ތިބީ ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް އާ މޫނުތަކެއް ކަމަށާއި އެ ކުޅުންތެރިންނަށް އެކި ކަހަލަ ޕްރެޝަރުތައް ކުރުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.

"މި މުބާރާތުގެ އެއްވެސް މެޗެއް އަހަރެމެން ނުފަށާނަން އަހަރެމެންނަކީ ފޭވަރިޓް ކަމަށް ދެކިގެން. އަހަރެމެން މިއީ ޒުވާން ތަޖުރިބާ މަދު ކުޅުންތެރިން ހިމެނޭ ޓީމެއް. އަހަރެމެން މި ކުޅެނީ ސީނިއާ ޓީމުތަކާ ދެކޮޅަށް. މެޗުގެ ކުރިން އަހަންނަށް ހަމައެކަނި ބުނެވޭނީ އަހަރެމެންނަށް މެޗުން މޮޅުވުމުގެ ފުރުސަތެއް އެބައޮތޭ. އެއީ އިދިކޮޅަށް ނުކުންނަ ޓީމަށް ވެސް އޮތް އެއްޗެއް. އެކަމަކު ފޭވަރިޓް ގޮތުގައި އަހަރެމެން ލޭބަލް ކުރުން ރަނގަޅެއް ނޫން،" ކޮންސްޓަންޓިން ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗުން ލަންކާ އަތުން މޮޅުވި ނަމަވެސް ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ކުރިން މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ނުކޮށްފިނަމަ އޭގެ ގެއްލުން މުޅި ޓީމަށް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

ކޮންސްޓަންޓިން ވަނީ މި ފަހަރުގެ މުބާރާތުގައި ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް އަންނަ ޖެނުއަރީ މަހު ކުޅޭ އޭޝިއަން ކަޕުން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.

މި މުބާރާތުގެ ތާރީހުގައި އިންޑިއާ އިން ވަނީ ރާއްޖެ އަތުން ހަތް ފަހަރު މޮޅުވެފަ އެވެ. ރާއްޖެ އަށް ހޯދުނީ އެންމެ ދެ މޮޅެވެ. އެންމެ ފަހުން މޮޅުވީ 2009 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އޭގެ ފަހުން މި މުބާރާތުން ރާއްޖެ ތިން ފަހަރު ވެސް ކެޓީ ސެމީ ފައިނަލްގައި އިންޑިއާ އަތުންނެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.