Roadha Mihaaru
އިންޑިއާ އިން ސާފަށް ދޭ ސަމާލުކަން ކުޑަ؟!

އިންޑިއާ އިން ސާފަށް ދޭ ސަމާލުކަން ކުޑަ؟!

11 ސެޕްޓެމްބަރ 2018

އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމަށް ފަހު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން އޭރު ބުނީ މުސްތަގުބަލުގައި އެ ޓީމުން ސާފަށް ފޮނުވާނީ ޒުވާން ކުޅުންތެރިން ކަމަށާއި މި މުބާރާތަށް ވުރެ ދުރަށް އެ ގައުމުގެ ފުޓްބޯޅައިގެ މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ކުޅެމުން އަންނަނީ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެންނެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމަށް ފަހު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން އޭރު ބުނީ މުސްތަގުބަލުގައި އެ ޓީމުން ސާފަށް ފޮނުވާނީ ޒުވާން ކުޅުންތެރިން ކަމަށާއި މި މުބާރާތަށް ވުރެ ދުރަށް އެ ގައުމުގެ ފުޓްބޯޅައިގެ މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ކުޅެމުން އަންނަނީ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެންނެވެ.

މުބާރާތުގައި އިންޑިއާ އިން ސްރީލަންކާ އަތުން މޮޅުވި މެޗަށް ފަހު ނޫސްވެރިއަކު ކޮންސްޓަންޓިންއާ ސުވާލުކުރީ އެ ގައުމުން މި މުބާރާތާ މެދު ދެކެނީ ކޮންގޮތަކަށްތޯ އެވެ. ޖަވާބުގައި ކޮންސްޓަންޓިން ބުނީ މިއީ މި ސަރަހައްދަށް މުހިއްމު މުބާރާތެއް ކަމަށެވެ. އިންޑިއާ އަށް މުހިއްމުވާ ގޮތެއް އޭނާ ބުނެއެއް ނުދެ އެވެ.

"އަހަރެމެން މި މުބާރާތަށް އިހުތިރާމްކުރަން. އެކަމަކު ޒުވާން ކުޅުންތެރިން އުފައްދައިގެން އަހަރެމެންގެ ސީނިއާ ކުޅުންތެރިންނަށް ވެސް ޕްރެޝަރު ކުރެވޭނީ. މިހާލަތުގައި ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ދޭން،" ނޫސްވެރިއާގެ ސުވާލަށް ޖަވާބެއްގެ ގޮތުގައި ކޮންސްޓަންޓީން ބުންޏެވެ.

އިންޑިއާ އިން އަންނަ އަހަރުގެ އޭޝިއަން ކަޕުގައި ކުޅޭތީ ކޮންސްޓަންޓިން ވަނީ ޒުވާން ކުޅުންތެރިންނަށް ޓެސްޓް ކުރަން ނިންމައިފަ އެވެ. އޭނާ އޭގެ ބޭނުން ހިފަން ރޭވީ މި ފަހަރުގެ އޭޝިއަން ގޭމްސް އާއި ސާފްގަ އެވެ. އެކަމަކު އިންޑިއާގެ އޮލިމްޕިކް ކޮމިޓީން އެ ގައުމުގެ ޒުވާން ފުޓްބޯޅަ ޓީމު އޭޝިއަން ގޭމްސް އަށް ނުފޮނުވަން ނިންމި އެވެ. އެއީ އެ ކޮމިޓީން ކަަނޑައެޅި ޝަރުތު ހަމަނުވާތީ އެވެ.

"އޭޝިއަން ގޭމްސްގައި އަހަރެމެން ބައިވެރިނުކުރި. އޭގެ ބައިވެރިކުރިނަމަ ވެސް އަހަރެމެން ސާފަށް ގެންނާނީ މި ޓީމު. އެއީ ޔަގީނުން ވެސް މި ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ރަނގަޅު ހަ ވަރަކަށް މެޗު މިއީ،" ކޮންސްޓަންޓިން ބުންޏެވެ.

އިންޑިއާ އިން މިހާރު އަންނަނީ ފުޓްބޯޅައިގައި ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ދުނިޔޭގެ ރޭންކިންގައި ވެސް އެ ޓީމުގެ ދަރަޖަ އަންނަނީ އުފުލެމުންނެވެ. އެއީ ފުޓްބޯޅަ އަށް ޓަކައި އެ ގައުމުން ކުރާ ހޭދަ އާއި ކުރާ މަސައްކަތް އިތުރުވުމުންނެވެ. މި ފަަހަރުގެ ސާފްގައި ކުޅޭ އިންޑިއާގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި އިންޑިއަން ސުޕަ ލީގުގައި ކުޅުނު ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަށް އެ ލީގުގައި ބޮޑެތި މެޗުތަކެއް ލިބުނު ނަަމަވެސް ގައުމީ ޓީމުގައި މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ.

ކޮންސްޓަންޓިން ބުނީ އޭނާގެ ނަޒަރުގައި ކުޅޭ ލީގެއް މުހިއްމެއް ނޫނެވެ. އޭނާ އިސްކަންދެނީ އިންޑިއާ ޕާސްޕޯޓެއް އޮންނަ ހުނަރުވެރިންނަށް ކަމަށެވެ.

"އަހަންނަށް މައްސަލައެއް ނެތް ކޮންމެ ލީގެއްގައި ކުޅޭ ކުޅުންތެރިއެއް ވިޔަސް. މުހިއްމީ ހުނަރުހުރެފައި އިންޑިއާ ޕާސްޕޯޓެއް އޮތުން. ދެން މަސައްކަތްކުރުން،" އޭނާ ބުންޏެވެ.

އިންޑިއާ އިން ވަނީ 2009 ވަނަ އަހަރު ވެސް 23 އަހަރުން ދަށުގެ ޓީމެއް ގޮވައިގެން އައިސް މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭރުގެ ހާލަތާއި މިހާރު ތަފާތެވެ. އެ ފަހަރުގެ އިންޑިއާ ޓީމުގައި އެ މުބާރާތުގެ ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގައި ގިނައީ މުޅިން އާ މޫނުތަކެވެ. އޭގެ އިން އެނގޭ އެއް ކަމަކީ މި މުބާރާތަށް އިންޑިއާ އިން މި ވަގުތުދޭ ސަމާލުކަން ކުޑަ ކަމެވެ.