Roadha Mihaaru

ގައުމީ ޓީމު ދެ ބަޔަށް ބަހައިގެން ދެ ފްލައިޓެއްގައި ދެ ރޫޓަކުން އިންޑިއާގެ ޝިލޯންގަށް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅެން ގައުމީ ފުޓްބޯޅަ ޓީމު ދެ ބަޔަށް ބަހައިގެން ދެ ފްލައިޓެއްގައި އިންޑިއާ އަށް ދާން ފުރައިފި އެވެ.

ޓީމު ދެބަޔަކަށް ބަހައިގެން ދެ ފްލައިޓްގައި އިންޑިއާއަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 މާޗް 2025

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅެން ގައުމީ ފުޓްބޯޅަ ޓީމު ދެ ބަޔަށް ބަހައިގެން ދެ ފްލައިޓެއްގައި އިންޑިއާ އަށް ދާން ފުރައިފި އެވެ.

އެކުވެރިކަމުގެ މެޗުގައި އަންނަ ބުދަ ދުވަހު އިންޑިއާގެ ޝިލޯންގްގެ ރާއްޖޭން އެ ގައުމާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ.

ޓީމު ޝިލޯންގަށް ދާނީ ދެ ފްލައިޓަކަށް ބަހައިގެން ދެ ރޫޓަކުންނެވެ.

ފުރަތަމަ ފުރި ބެޗުގެ ކުޅުންތެރިން ދަތުރު ފެށީ މިއަދު މެންދުރު ފަހު 12:50 ގައި މާލެއިން މުމްބާއީ އަށެވެ. "މިހާރު" އަށް ލިބުނު ޓިކެޓްގެ އައިޓިނެރަރީގައި ވާގޮތުން މުމްބާއީގެ އެއާޕޯޓްގައި ތިން ގަޑިއިރު ޓްރާންސިޓް ކުރުމަށް ފަހު އެއާ އިންޑިއާގެ ޑޮމެސްޓިކް ފްލައިޓެއްގައި މިރޭ ޓީމު ކަލްކަތާ އަށް ދަތުރު ކުރާނެ އެވެ. އެ ބެޗުގެ މެންބަރުން ކަލްކަތާއިން ޝިލޯންގަށް ދާން ފުރާނީ އިންޑިގޯ އެއާލައިންގެ ޑޮމެސްޓިކް ފްލައިޓްގައި މާދަމާ ހެންދު އިންޑިއާގެ ގަޑިން 9:15 ގަ އެވެ.

ޓީމުގެ ފުރަތަމަ ބެޗް އިންޑިއާގެ ޝިލޯންގަށް ދަތުރު ކުރަން ހަމަޖެހިފައިވާ ގަތް:-

- އެއާ އިންޑިއާ ފްލައިޓްގައި މާލެއިން މުމްބާއީ އަށް، މުމްބާއީއިން ކަލްކަތާ އަށް | އިންޑިގޯގެ ފްލައިޓްގައި ކަލްކަތާއިން ޝިލޯންގަށް

- މާލެއިން ފުރި ގަޑި: މިއަދު މެންދުރު ފަހު 12:50 | މުމްބާއީއަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން ހަވީރު 4:05 ގައި

- މުމްބާއީއިން ކަލްކަތާ އަށް ފުރާ ގަޑި (އިންޑިއާގެ ގަޑިން) އިރުއޮއްސި 7:00 ގައި | ކަލްކަތާ އަށް ދެވޭނެ ކަމަށް ބެލެވޭ ގަޑި (އިންޑިއާގެ ގަޑިން) މިރޭ 9:35 ގައި

- އިންޑިގޯގެ ޑޮމެސްޓިކް ފްލައިޓްގައި ކަލްކަތާއިން ޝިލޯންގަށް ފުރާނީ އިންޑިއާގެ ގަޑިން މާދަމާ ހެނދުނު 9:15 ގައި | ޝިލޯންގަށް ދެވޭނެކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން މެންދުރު 11:05 ގައި

ގައުމީ ޓީމު މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން: ޓީމުގެ ހުރިހާ މެންބަރުން ވެސް މިހާރު ވަނީ އިންޑިއާ އަށް ދާން ފުރައިފަ ފައިލް ފޮޓޯ: ސިޑިބަރި

ގައުމީ ޓީމު މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން: ޓީމުގެ ހުރިހާ މެންބަރުން ވެސް މިހާރު ވަނީ އިންޑިއާ އަށް ދާން ފުރައިފަ ފައިލް ފޮޓޯ: ސިޑިބަރި

މާލެއިން ފުރާ ދެވަނަ ބެޗުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަތުރު ކުރާނީ އެއާ އިންޑިއާގެ ފްލައިޓެއްގައި މާލެއިން ނިއު ދިއްލީ އަށެވެ. މިއަދު މެންދުރު ފަހު 2:50 ގައި ފުރައިގެން މިރޭ 7:30 ގައި ދިއްލީގައި ލޭންޑް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް، "މިހާރު" އަށް ލިބިފައިވާ އައިޓިނެރަރީގައި ވެއެވެ. އެ ބެޗުގެ ކުޅުންތެރިން ކަލްކާތާ އަށް ދާނީ އިންޑިއާ ގަޑިން މިރޭ 11:25 ގަ އެވެ. އެ ބެޗުގެ މެންބަރުން ކަލްކަތާއިން ޝިލޯންގަށް ފުރާނީ މާދަމާ އިންޑިއާގެ ގަޑިން މެންދުރު ފަހު 1:40 ގަ އެވެ.

ޓީމުގެ ދެވަނަ ބެޗު ޝިލޯންގަށް ކުރާ ދަތުރު ހަމަޖެހިފައިވާ ގޮތް:-

- އެއާ އިންޑިއާގެ ފްލައިޓްގައި މާލެއިން ނިއުދިއްލީ އަށް، ދިއްލީން ކަލްކަތާ އަށް، | އިންޑިގޯގެ ފްލައިޓްގައި ކަލްކަތާއިން ޝިލޯންގަށް

- މާލެއިން ފުރީ މިއަދު މެންދުރު ފަހު 2:50 ގައި | ިއްލީ އަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑީއާގެ ގަޑިން އިރުއޮއްސި 7:25 ގައި

- ދިއްލީން ކަލްކަތާ އަށް ފުރާނީ އިންޑިއާގެ ގަޑިން މިރޭ 9:10 ގައި ކަލްކަތާ އަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން މިރޭ 11:25 ގައި

- އިންޑިގޯގެ ޑޮމެސްޓިކް ފްލައިޓެއްގައި ކަލްކަތާއިން ޝިލޯންގަށް ފުރާނީ މާދަމާ އިންޑިއާގެ ގަޑިން މެންދުރު ފަހު 1:40 ގައި | ޝިލޯންގަށް ދެވޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ގަޑިން ހަވީރު 3:25 ގަ އެވެ.

ގައުމީ ޓީމުތަކާއި ކްލަބްތައް ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ގޭމްސް އަދި މެޗުތަކަށް ބޭރަށް ކުރާ ދަތުރުތަކަށް ޓިކެޓް ނަގައި ދެނީ ސަރުކާރުންނެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ މެދުތެރޭގައި އެފްއޭއެމުން ވަނީ ގައުމީ ޓީމާ އެކު އިންޑިއާ އަށް ދަތުރު ކުރާ ސްކޮޑްގެ 23 މެންބަރުން އެއްކޮށް ދަތުރު ކުރެވޭ ގޮތަށް ޓިކެޓް ބްކިން ހައްދައި ރެފަރެންސާއި އައިޓްނަރީއާ އެކު ސްޕޯޓްސް މިނިސްޓްރީއާ ހިއްސާ ކުރި އެވެ.

ގައުމީ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނެއްގައ ޝެޝަން ފެށުމުގެ ކުރިން ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން --- ފައިލް ފޮޓޯ: ސިޑިބަރި

ގައުމީ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނެއްގައ ޝެޝަން ފެށުމުގެ ކުރިން ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން --- ފައިލް ފޮޓޯ: ސިޑިބަރި

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހަފުތާ މެދުތެރޭގައި އެ މިނިސްޓްރީން އެފްއޭއެމަށް ޓިކެޓް ފޮނުވި އިރު ޓީމު ދަތުރުކުރަން ހަމަޖެހިފައި ވަނީ ދެބަޔަކަށް ބަހާލައިގެން ދެ ފްލައިޓަކުން އަދި ދެ ރޫޓަކުންނެވެ.

ސީނިއާ ގައުމީ ޓީމުގެ ބޭރު ދަތުރުތަކުގެ ޓިކެޓް ހަރަރު ރީއިމްބާސްކޮށް (އަމިއްލަ އަށް ހަރަދު ކުރުމުން، އެ ހަރަދަށް ވާ ފައިސާ ފަހުން ދޫކުރާ ގޮތަށް) މީގެ ކުރިން ފީފާއިން ފައިސާ ޖަމާކޮށްދެ އެވެ.

އިންޑިއާއާ ދެކޮޅަށް އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6:30 ގަ އެވެ.

އެނބުރި ރާއްޖެ އައުމުގެ ދަތުރުގައި ޓީމު އެއްކޮށް ޝިލޯންގުން ފުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ޝިލޯންގުން ކަލްކަތާއަށް އަދި ކަލްކަތާއިން މުމްބާއީ އަށް ދަތުރު ކުރުމަށް ފަހު މުމްބާއީ މަގުން މާލެ އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.

އިންޑިއާގެ މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ފިލިޕީންސާ ދެކޮޅަށް އެ ގައުމުގައި ރޭންޖޭން މެޗު ކުޅޭނީ މި މަހު 25 ވަނަ ދުވަހު އެވެ.