Roadha Mihaaru

އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން

އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

19 މާޗް 2025

އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ހަފުތާގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިންޑިއާގެ ޝިލޯންގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ މެޗާ ގުޅިގެން ސުޒޭން ބުނީ އިންޑިއާ އާއި ރާއްޖެއަކީ އަދިވެސް ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ދެ ޓީމު ކަމަށެވެ.

"އިންޑިއާ އާއި ރާއްޖެއަކީ މިވަގަތު (ވެސް) މިސަރަހައްދުގައި އެންމެ ވަރުގަދަ ދެ ޓީމު. މި މެޗު އަހަރެމެންނަށް އަދި ދިވެހި ރައްޔިތުންނަށް ވެސް ވަރަށް މުހިންމު،" ސުޒޭން ބުނެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެ އެވެ.

ދިވެހި ޓީމުން ޝިލޯންގަށް ދިޔައީ ޓީމު ދެ ބަޔަކަށް ބަހައިގެން ދެ ފްލައިޓެއްގައި ދެ ދުވަހުގެ ދަތުރަކަށް ފަހު އެވެ.

ސުޒޭން ބުނީ ދިގު ދަތުރަކަށް ފަހު މިހާރު ޓީމަށް ހަމަޖެހިލެވިއްޖެ ކަމަށެވެ.

އިންޑިއާގެ ކޯޗު މަނޯލޯ މާކޭޒާ އެކު ސުޒޭން. --- ފޮޓޯ: އޭއައެފްއެފް

އިންޑިއާގެ ކޯޗު މަނޯލޯ މާކޭޒާ އެކު ސުޒޭން. --- ފޮޓޯ: އޭއައެފްއެފް

"މައިގަނޑު މައްސަލައަކަށްވީ ދަތުރު. މިތަނަށް އާދެވުނީ ދެ ދުވަހުގެ ދަތުރަކަށް ފަހު އެކަމަކު މިހާރު މިތިބީ ހަމަޖެހިލައިގެން އަދި ހުރިހާ ކަމެއް ވެސް މެނޭޖް ކުރެވޭ،" އޭނާ ބުންޏެވެ.

ޝިލޯންގްގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:30 ގަ އެވެ. ޔެސް ޓީވީން މެޗު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭން މެޗަކަށް މި ނުކުންނަނީ ތިން އަހަރަށް ފަހު އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރީ އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ.

ސުޒޭންގެ ކޯޗުކަމުގެދަށުން ރާއްޖޭން ކުޅުނު އެ މެޗު އިންޑިއާއިން ކާމިޔާބު ކުރީ 3-1 ންނެވެ.