Roadha Mihaaru

ޗެތުރީ އެނބުރި އައި މެޗުގައި ގޯލު ޖަހައި އިންޑިއާ މޮޅުކޮށްދީފި

ރިޓަޔާ ކޮށްގެން ހުރި އިންޑިއާގެ ލެޖެންޑް ސުނިލް ޗެތުރީ ގައުމީ ޓީމާ އަލުން ގުޅުނު މެޗުގައި އޭނާގެ ލަނޑަކާ އެކު 3-0 އިން ދިވެހިރާއްޖެ ބަލިކޮށްފި އެވެ.

ޗެތުރީ އެނބުރި އައިސް ގޯލަކާއެކު އިންޑިއާ މޮޅުކޮށްދީފި

ރިޓަޔާ ކޮށްގެން ހުރި އިންޑިއާގެ ލެޖެންޑް ސުނިލް ޗެތުރީ ގައުމީ ޓީމާ އަލުން ގުޅުނު މެޗުގައި އޭނާގެ ލަނޑަކާ އެކު 3-0 އިން ދިވެހިރާއްޖެ ބަލިކޮށްފި އެވެ.

އިންޑިއާގައި މިރޭ ކުޅުނު މެޗުގައި ޖެހި ގޯލާ އެކު އުމުރުން 40 އަހަރުގެ ޗެތުރީ ވަނީ 152 މެޗުން ގައުމީ ޓީމަށް 95 ގޯލު ޖަހައިދީފަ އެވެ.

އިންޑިއާގެ ތިން ގޯލު ވެސް ކާމިޔާބު ކޮށްފައި ވަނީ ބޮލުންނެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނިޓުގައި ބްރެންޑަން ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ޖަހައދިނީ ރާހުލް ބެހެކޭ އެވެ. ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ނަގައިދިން ކޯނަރަކުން ކާމިޔާބު ކޮށްދިނީ ލިސްޓަން ކޮލާސޯ އެވެ. ތިންވަނަ ލަނޑު ޗެތުރީ ޖަހައިދިނީ އޭގެ 10 މިނިޓު ފަހުން ލިސްޓަން ނަގައިދިން ހުރަހަކުންނެވެ.

އިންޑިއާ ލީޑު ނެގި ގޯލު ޖެހިތާ ތިން މިނިޓުތެރޭ ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) ބްރެންޑަން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބްރެންޑަން އަށް އަނިޔާވެގެން އޭނާ ވަނީ ސްޓްރެޗަރުގައި ދަނޑުން ބާލައިފަ އެވެ.

ރާއްޖެ އަށް މި މެޗުގައި ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ހަސަން ނަޒީމް (ޗޯޓު) އަށެވެ. ނަމަވެސް އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ހުރަސް އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް ވަނީ މި މެޗުގައި ރަނގަޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން ލިސްޓަން އިންޑިއާގެ ދެވަނަ ގޯލު ޖެހުމުގެ ކުރިން ފޮނުވާލި ހަމަލާއަކާއި، އޭގެ ފަހުން ނޯރެމް މަހޭޝް ފޮނުވާި ދެ ހަމަލާއެއް އޭނާ ހުށިޔާރުކަމާ އެކު މަތަކުރި އެވެ.

މިއީ އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން އިންޑިއާ ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން އޭނާއާ އެކު މިދިޔަ އަހަރު އިންޑިއާ ވަނީ އެއް މެޗުން ބަލިވެ ތިން މެޗުން އެއްވަރު ވެފަ އެވެ. މިދިޔަ އަހަރު އިންޑިއާ ކުޅުނު ޖުމްލަ އަށް މެޗުގެ ތެރެއިން އެޓީމު ވަނީ ތިން މެޗުން ބަލިވެ، ފަސް މެޗު އެއްވަރުވެފަ އެވެ.

އިންޑިއާ އަށް ދެން އޮތީ އަންނަ ހަފްތާ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެދުވަހު ކޮލިފައިންގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސާ ދެކޮޅަށެވެ.