Roadha Mihaaru
ދިވެހިންނަށް 3،000 ޓިކެޓް، މީހަކަށް ދެ ޓިކެޓް

ދިވެހިންނަށް ވިއްކާނީ 3,000 ޓިކެޓް، މީހަކަށް ދެ ޓިކެޓް

11 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެ ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހިންނަށް 3،000 ޓިކެޓް ވިއްކަން ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެ ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހިންނަށް 3،000 ޓިކެޓް ވިއްކަން ހަމަޖައްސައިފި އެވެ.

މީހަކަށް ވިއްކާނީ ދެ ޓިކެޓެވެ. އެފްއޭއެމުން އެންމެ ފުރަތަމަ ޓިކެޓް ވިއްކަމުން ދިޔައީ މީހަކަށް ފަސް ޓިކެޓެވެ. އެ އުސޫލަށް ޓިކެޓް ވިއްކަމުން ގޮސް، ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް ގިނަ ބަޔަކަށް ނުލިބި ހުސްވުމުން އާންމުން ދަނޑުކައިރީ މުޒާހަރާ ކުރަން ފެށުމުން މައްސަލަ ހޫނުވި އެވެ. މިދިޔަ ހޮނިހިރު ދުވަހު ދަނޑުން ވިއްކަމުން ދިޔަ ޓިކެޓް ހުސްވުމުން އެއްވެ ތިބި ބައެއް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ދަނޑަށް ވަދެގެންފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ވެސް ބައެއް މީހުން ގޮވި އެވެ.

އާންމުންގެ ހިތްހަމަނުޖެހުން އުތުރި އެރުމުން އެފްއޭމުން ވަނީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށް އަދި މުބާރާތުގެ ސްޕޮންސަރުންނަށް ހާއްސަ ކުރި 2،500 ޓިކެޓްގެ ތެރެއިން 1،000 ޓިކެޓް ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުން މީހަކަށް ޓިކެޓެއްގެ މަގުން ވިިއްކައިފަ އެވެ.

ކުރިން ކުޅުނު މެޗެއްގައި ޓިކެޓް ގަތް މީހަކު އުފުލުން. މިފަހަރު މީހަކަށް ވިއްކާނީ ދެ ޓިކެޓް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިން ކުޅުނު މެޗެއްގައި ޓިކެޓް ގަތް މީހަކު އުފުލުން. މިފަހަރު މީހަކަށް ވިއްކާނީ ދެ ޓިކެޓް --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗަށް، އިންޑިއާގެ ސަޕޯޓަރުންނަށް ވިއްކާ 200 ޓިކެޓް ވިއްކާނީ ގައުމީ ފުޓްބޯޅަ ދަނޑުންނެވެ. ދިވެހިންނަށް ވިއްކާ 3،000 ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުންނެވެ. ޓިކެޓް ވިއްކަން ފަށާ ގަޑިއަކީ ހެނދުނު 10 ޖަހާއިރު އެވެ. ކޮންމެ ޓިކެޓްއް ވެސް ވިއްކާނީ އައިޑީކާޑާއި ވެކްސިން ކާޑު ދެއްކުމުންނެވެ.

އިންޑިއާ - ރާއްޖެ މެޗުގެ ޓިކެޓް ވިއްކާ ގޮތް

- ދިވެހިންނަށް 3،000 ޓިކެޓް

- ވިއްކާނީ މީހަކަށް 2 ޓިކެޓް

- ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުން

- ޓިކެޓް ވިއްކަން ފަށާނީ ހެނދުނު 10 ޖަހާއިރު

- ކޮންމެ ޓިކެޓެއް ވެސް ވިއްކާނީ އައިޑީ ކާޑާއި ވެކްސިން ކާޑު ދެއްކުމުން

- އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ގައުމީ ފުޓްބޯޅަ ދަނޑުން.

ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓިކެޓްގެ ތެރެއިން ބާކީ 1،800 އެއްހާ ޓިކެޓަކީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށާއި މުބާރާތުގެ ސްޕޮންސަރުންނަނަށް ހާއްސަކޮށްފައިވާ ޓިކެޓްތަކެއް ކަމަށް އެފްއޭއެމުން ބުނެ އެވެ

ގައުމީ ޓީމާއެކު ދެގޮތެއް ނުވެ ތިބެ 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކުރާ ދިވެހި ސަޕޯޓަރުން މެޗުގައި ޓީމަށް ސަޕޯޓްކުރަނީ--. ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ ޓީމާއެކު ދެގޮތެއް ނުވެ ތިބެ 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކުރާ ދިވެހި ސަޕޯޓަރުން މެޗުގައި ޓީމަށް ސަޕޯޓްކުރަނީ--. ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. ތިން މެޗު ކުޅެ ރާއްޖެ އަށް ހޯދިފައި ވަނީ ހަ ޕޮއިންޓެވެ. ނޭޕާލް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ނޭޕާލް އެއް ވަނައިގައި އޮތީ ރާއްޖެ އަތުން މޮޅުވެވެފައިވުމުން ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީ އެވެ.

ބުދަ ދުވަހުގެ ހަވީރު ނުކުންނާނީ ނޭޕާލް އާއި ބަންގްލަދޭޝް އެވެ. މެޗު އެއްވަރު ކޮށްލައިގެން ނޭޕާލަށް ވެސް ފައިނަލަށް ދެވޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.