Roadha Mihaaru
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން

ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު: ސުޒޭން

14 އޮކްޓޯބަރ 2021

އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ރާއްޖެ އަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުރިމަތިވި ނާކާމިޔާބުގެ ހުރިހާ ޒިންމާއެއް ނަގާނީ އޭނާ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ރާއްޖެ އަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުރިމަތިވި ނާކާމިޔާބުގެ ހުރިހާ ޒިންމާއެއް ނަގާނީ އޭނާ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި މިރޭ އިންޑިއާ އަތުން ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓައިފަ އެވެ. ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.

މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ސުޒޭން ބުނެފައި ވަނީ، ދިވެހި ކޯޗުންނަށް ރާއްޖޭގެ ގައުމީ ޓީމު މެނޭޖު ކުރެވޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބާއެކު ދިވެހިންނަށް މިކަން ނުވާނެކަން ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ސުޒޭން ބުނީ ދިވެހިންނަށް އެކަން ކުރެވޭނެކަން ސާބިތުވާނެ ވަރުގެ ރަނގަޅު ކަންތައްތަކެއް ޓީމުން ފެނުނު ކަމަށެވެ.

"މި ނާކާމިޔާބުގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން،" ސުޒޭން ބުންޏެވެ. "އެހެންނަމަވެސް ދިވެހިނަށް ނުވާނެއޭ ތިބުނަނީ ކޮންގޮތަކަށްބާއޭ. މިސާލަކަށް ޓެކްޓިކަލީ ޓީމެއް ތައްޔާރު ކުރުން. ފިޓްނަސްއާ މި ހުރިހާ އެއްޗެއްގައި ބަޔަކާ ކޮމްޕީޓް ކުރުން، ނޫނީ ޓީމެއް ތައްޔާރު ކުރުން، ނުވާނެތޯއޭ ތިފާހަގަ ކުރަނީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ދިވެހިންނަށް މިކަން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

"އޯގަސްޓް 28 ފެށިގެން ޕްރެކްޓިސް ފަށައި ނަސީބު ދިމާ ކުރި ގޮތުން އަޅުގަނޑަށް މީގައި 10 ދުވަސް (ކޮވިޑް ޖެހިގެން) ގެއްލިގެންދިޔަ ކަމުގައި ވިއަސް އެ އެއްމަސް ދުވަހުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވި، ކޮމްޕިޓޭޓިވް ލެވަލްއެއްގައި ރާއްޖެ ކުޅެފި. އަނެއްކާ އަޅުގަނޑުމެން ބަދަލުކޮށްލަން ބޭނުންވި ފުޓްބޯޅައިގެ ކޮންމެވެސް ވަރެއްގެ ކުލައެއް ޖެހުނުކަން ފާހަގަކޮށްލަން ޖެހޭ،"

ސުޒޭން ބުނީ ދިވެހިން މިކަން ވާނެ ކަމުގެ ވަރަށް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ވެސް މި މުބާރާތުގެ ތެރެއިން ފެނިއްޖެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް މިތިބީ މާޔޫސްވެފައި. މިދިޔަ އަހަރުގެ ތަށި ހޯދުމުގައި މިއޮތީ ނާކާމިޔާބުވެފައި. އެހިސާބުން މިއީ ދިވެހިންގެ ކޯޗިން ކެރިއާގައި ދުވަހަކު ވެސް ގައުމީ ޓިމެއް ހަވާލު ކުރުން އެއްވެސް ފެކްޓެއް ނެތި ބުނުން އެހާ ރަނގަޅު ކަމެއް ނޫން. އަދި އަޅުގަނޑު ނެތް ކަމުގައި ވިއަސް ވަރަށް ބޮޑު މަލާމާތެއް އެ ރައްދުވަނީ ހަމަ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ ރާއްޖެއިން މެޗަށް ތައްޔާރުވީ ދެ އަރިމަތިން ހަމާލާ އުފެއްދޭނެ ގޮތަށް ޕްލޭން ކޮށްގެން ކަމަށެވެ. އިންޑިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕް) އަށް ފައުލު ކުރީ ވެސް އެ ގޮތަށް އުފައްދަން އުޅުނު ހަމަލާއަކުން ކަމަށް ސުޒޭން ބުންޏެވެ.

ސުޒޭން ފާހަގަކުރި ގޮތުގައި ރާއްޖެ ކޮޅަށް އިންޑިއާއިން ޖެހި ދެ ލަނޑަކީ ވަރަށް ފަސޭހައިން ޖަހާލި ދެ ލަނޑެވެ. އޭނާ ބުނީ ދެ ވަނަ ފަހަރަށް އިންޑިއާ ލީޑް ނެގި ހިސާބުން ރާއްޖޭގެ ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލުނު ކަމަށެވެ. އަދި ކީޕަރު ފައިސަލް އަށް އެންމެ ފަހުން ކުރިމަތިވި މެޗުގައި އަނިޔާވުމުން މިރޭގެ މެޗުގައި އޭނާ އެންމެ ރަނގަޅު ފެންވަރު ވެސް ނުފެންނަ ކަމަށް ބުންޏެވެ.

އަނިޔާއަށް ފަހު ފައިސަލް މިރޭ ކުޅެން ނެރުނީ ސުޒޭން ބުނި ގޮތުގައި އެމްއާރްއައި ސްކޭނުން ވެސް އަނިޔާގެ މައްސަލައެއް ނެތްކަމަށް ދެއްކުމުންނެވެ.

ރޭގެ މެޗަކީ ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑަށް އެންމެ ގިނައިން މީހުން ވަތް މެޗެވެ. އިންޑިއާއާ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތުމުން ބޮޑު އުންމީދަކާ އެކު އެތައް ހާސް ސަޕޯޓަރުންނެއް ދަނޑަށް ވަތް އިރު ދަނޑަށް ނުދެވޭ މީހުން ތަންތަނަށް ޖަމާވެ ސްކްރީންތަކުން މެޗު ބަލަމުން ދިޔައީ ފޯރީގަ އެވެ.