Roadha Mihaaru
"ރާއްޖޭގެ ސިސްޓަމްގައި ލަންކާ ކޮޅަށް ލަނޑު ޖެހޭނެ"

ރާއްޖޭން ބޭނުން ކުރާނެ ސިސްޓަމްގައި ލަންކާ ކޮޅަށް ލަނޑު ޖެހޭނެ: ސުޒޭން

09 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ މާދަމާ ހަވީރު ނުކުންނައިރު އިންޑިއާގެ ކުޅުންތެރިންނަށް ލަންކާ ކޮޅަށް ލަނޑު ނުޖެހުނު ނަމަވެސް ރާއްޖެއިން ބޭނުން ކުރާނެ ސިސްޓަމްގައި ލަނޑު ޖެހޭނެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ މާދަމާ ހަވީރު ނުކުންނައިރު އިންޑިއާގެ ކުޅުންތެރިންނަށް ލަންކާ ކޮޅަށް ލަނޑު ނުޖެހުނު ނަމަވެސް ރާއްޖެއިން ބޭނުން ކުރާނެ ސިސްޓަމްގައި ލަނޑު ޖެހޭނެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މުބާރާތުގައި މާދަމާގެ މެޗުގެ ޕްރީ ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުނީ ލަންކާ އެންމެ ފަހުން ކުޅުނު މެޗުގައި ވަރުގަދަ އިންޑިއާއާ ދެކޮޅަށް ޕޮއިންޓެއް ހޯދުމަކީ ލަންކާގެ ޓެކްޓިކަލް ގޭމް ކާމިޔާބުވުން ކަމަށެވެ.

"އަހަރެމެންގެ އެޓޭކިން އެޕްރޯޗް އިންޑިއާގެ އެޓޭކިން އެޕްރޯޗާ ތަފާތުވާނެ. އެހެންވީމަ އަހަންނަށް އުންމީދު އެބައޮތް އަހަރެމެންނަށް ސްރީ ލަންކާގެ ކައިރީގައި ކޮންމެ ވެސް ކަމެއް ކުރެވޭނެ ކަން،" ބޭރުގެ ނޫސްވެރިޔަކު ކުރި ސުވާލަށް އިނގިރޭސިން ބަހުން ޖަވާބު ދެމުން ސުޒޭން ބުންޏެވެ. "އެކަމަކު ސްރީ ލަންކާއަށް އިހްތިރާމް ކުރާ ހާލު އަހަރެން ބުނެލަން އެ ޓީމުގައި އެބަތިބި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން. ޑިފެންސިވްލީ ވަރަށް ވަރުގަދަ. އެހެންވީމަ މި މެޗުން ކޮންމެވެސް ކަމެއް ހާސިލު ކުރަން އަހަރެމެންނަށް ކުރެވެން އޮތް މަތީ ލެވަލްގައި މަސައްކަތް ކުރާނަން."

ސުޒޭން ބުނީ މުބާރާތުގެ ފައިނަލަށް ޕްލޭން ނުކޮށް މި ވަގުތަށް ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ މެޗަކުން މެޗަކުން ޕްލޭން ކޮށްލައިގެން ދިއުން ކަމަށެވެ.

"އެއީ އަޅުގަނޑުމެން މިތިބީ ޓޭބަލްގެ ތަންކޮޅެއް ފަހަތުގައި. ކުރިއަށް އަރާ ކަމަށް ވަންޏާ އެންމެ މަތީ ހިސާބަށް ބެލުމަށް ވުރެ ފުރަތަމަ އިން ހަރުފަތަށް އަރަން އުޅެފިއްޔާ ނުވެއްޓި ސަލާމަތްވުމުގެ ފުރުސަތު ބޮޑުވާނެ،" ސުޒޭން ބުންޏެވެ. "މަތީގައި ހުރި ހަރުފަތަށް ބަލަން ހަދައިގެން ތިރީގައި ހުރި ހަރުފަތަށް ނުބެލި ނުބައި ތަނެއްގައި ފައި އެޅިގެން ވެއްޓޭނެ. އެހެންވީމަ މެޗަކުން މެޗަކުން ވިސްނައިގެން އުޅެފިއްޔާ ރަނގަޅަށް ދާނީ. ގައުމީ ކޯޗުގެ ހައިސިއްޔަތުން އަޅުގަނޑު ދިވެހި ހުރިހާ ރައްޔިތުންނަށް ދަންނަވާނީ އަޅުގަނޑުމެންނާ މެދު އުންމީދު ކުރައްވާށޭ ޔަގީންކަން ވެސް ބާއްވާށޭ. ކުޅުންތެރިން ތި ބޭފުޅުން މާޔޫސްވިޔަކަ ނުދޭނެއޭ."

ބަންގްލަދޭޝްއާ ދެކޮޅަށް އެންމެ ފަހުން ރާއްޖެ މޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގައި ބެންޗުން އެރި ބައެއް ކުޅުންތެރިންނަށް ޒާތީގޮތުން ބައެއް މީހުން ކޮމެންޓް ކޮށްފައި ހުރި ނަމަވެސް އެ ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަން ސުޒޭން ފާހަގަކުރި އެވެ.

ސުޒޭން ބުނީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންގެ ވެސް ވިސްނުން ހުރީ މެޗަށް އަރަން ޖެހުނު ކޮންމެ ވަގުތެއްގައި ވެސް އަރާފައި ލިބޭ ފުރުސަތުތަކުގެ ބޭނުން ކުރުން ކަމަށެވެ.

"މި ޓީމުގައި ތިބި 23 ކުޅުންތެރިން ވެސް އަދި ކުރިން ތިބި 29 ކުޅުންތެރިން ވެސް ހަމަ ބޭނުން ކުރަން ޖެހޭނެ ކަމަށް ބަލާފައި ތައްޔާރުވަމުން އައީ. އެހެންވީމަ އިރާދަ ކުރެއްވިއްޔާ އޭގެތެރެއިން މައްސަލައެއް ދިމާ ނުވާނެ،"

"ދެން އޭގެ ތެރެއިން މި ހުރިހާ ކުޅުންތެރިންގެ ވެސް ވިސްނުމެއް ކޮންމެ ވަގުތެއްގައި އަރަންޖެހުނަސް ތައްޔާރަށް ތިބުން. އޭގެ ވަރަށް ރަނގަޅު މިސާލެއް ކުރީ ދުވަހު (ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގައި) އެރި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ. އަދި ބަދަލުގައި އެރި ބައެއް ކުޅުންތެރިންނަށް ޒާތީކަންކަމުގައި ބައެއް މީހުން ކޮމެންޓް ކޮށްލިކަމުގައި ވިއަސް ބެންޗުން އެރި ހުރިހާ ކުޅުންތެރިން ވެސް ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން."

ބެންޗުން އެރި ބައެއް ކުޅުންތެރިންނަށް ޒާތީކަންކަމުގައި ބައެއް މީހުން ކޮމެންޓް ކޮށްލިކަމުގައި ވިއަސް ބަދަލުގައި އެރި ހުރިހާ ކުޅުންތެރިން ވެސް ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. ސުޒޭން

ބެންޗުން އެރި ކުޅުންތެރިންނަށް ވުރެ ބޮޑަށް އެ މެޗުގައި ވެސް ފާޑު ކިޔުން އަމާޒުުވި ކުޅުންތެރިޔަކީ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) އެވެ. އޭނާ ފުރަތަމަ 11 ގައި ހިމަނައިގެން ކުޅެން ނުކުތުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން އެކަމަށް ފާޑު ކިޔުން އަމާޒުކޮށްފައިވެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗު ދެމެދުން ފަސް ދުވަހުގެ ބްރޭކެއް ލިބުނެވެ. އެކަމަކު މާދަމާ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ދާން ލިބުނީ ދެ ދުވަހެވެ. މިފަހަރު ކައިރިކައިރީގައި މެޗު ކުޅެން ޖެހޭއިރު ކުޅުންތެރިން ވަރުބަލިވުމާއި ފިޓްނަސް މައްސަލަ ދިމާވުން ހައްލު ކުރުމަށްޓަކައި ޓީމުގެ މެޑިކަލް ޑިޕާޓްމަންޓުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަން ސުޒޭން ފާހަގަކުރި އެވެ. އޭނާ ބުނީ މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިންނަކީ ދެ ދުވަހުން އެއް ދުވަހު މެޗު ކުޅެފައިވާ ކުޅުންތެރންނަށް ވުމުން ކައިރިކައިރީގައި މެޗު ކުޅެން ޖެހުނަސް އެ މައްސަލަ އެހާ ބޮޑަށް ކުރިމަތި ނުވާނެ ކަމަށެވެ.

"މީގެ ތެރޭގައި މިތިބަ ގިނަ ކުޅުންތެރިންނަކީ މީގެކުރިން ދެ ދުވަހުން އެއް ދުވަހު މެޗެއް ކުޅެން ޖެހުނަސް އެގޮތަށް ކުޅެފައި ތިބި ކުޅުންތެރިން. ވީމަ އެ މީހުން މެންޓަލީ ތައްޔާރު ވެފައިވާކަން ފާހަގަވޭ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ބައެއް ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ކުދި ހާނިކަވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިން ވެސް މާދަމާގެ މެޗަށް ފިޓްވާނެ ކަމުގެ ޔަގީންކަން ސުޒޭން ދެ އެވެ.

މާދަމާގެ މެޗަށް ސަޕޯޓަރުންގެ ގިނަ ބަޔަކަށް ޓިކެޓް ލިބުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން ސުޒޭން ބުނީ ސަޕޯޓަރުން ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.