Roadha Mihaaru
ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

09 ސެޕްޓެމްބަރ 2021

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން ސުޒޭން މިހާރު ހުރީ ހޯމް ކަރަންޓީންގަ އެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިންނާއި އެހެން ސްޓާފުން ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ.

ގައުމީ ޓީމަށް ކުރިއަށް އޮތީ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތަށް ތައްޔާރުވުމަށް މާދަމާ ރޭ ގައުމީ ޓީމު ގަތަރަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޓީމު އެނބުރި އަންނާނީ މި މަހު 28 ގަ އެވެ. ސުޒޭން ކަރަންޓީންގައި ހޭދަކުރަން ޖެހޭ މުއްދަތުގައި ޓީމުގެ ޓްރޭނިންތައް ލީޑު ކުރާނީ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފުޒު (އިންމަ) އެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1-16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަ ނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާ އެ ގައުމުގެ ފުޓްބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު 23 އަހަރުން ދަށުގެ ގަައުމީ ޓީމަށް ސުޒޭން އިރުޝާދު ދޭނެ އެވެ. ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާ ސުޒޭން ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން، ކޯޗު ކަމުން މިދިޔަ މަހު ވަކިކޮށް ސުޒޭން އާ ކޯޗްކަން ހަވާލުކުރީ ސާފް ޗެމްޕިއަންޝިޕަށެވެ.