Roadha Mihaaru
ސުޒޭން ދިން ޖަވާބު އާންމުން ބަލައެއް ނުގަތް

ސުޒޭން ދިން ޖަވާބު އާންމުން ބަލައެއް ނުގަތް

07 އޮކްޓޯބަރ 2021

ސާފް ޗެމްޕިއަންޝިޕްގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލަށް ގައުމީ ކޯޗު އަލީ ސުޒޭން ޖަވާބުދިން ގޮތުން އާންމުންގެ ހިތްހަމަނުޖެހުން އޭނާ އަށް ބަންޑުންކޮށްލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕްގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލަށް ގައުމީ ކޯޗު އަލީ ސުޒޭން ޖަވާބުދިން ގޮތުން އާންމުންގެ ހިތްހަމަނުޖެހުން އޭނާ އަށް ބަންޑުންކޮށްލައިފި އެވެ.

ޖިންސީ ގޯނާގެ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުވާލުމުގައި ޖާމިނުވި، ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) އާ ބެހޭ ގޮތުން އާންމުން ފާޅުކުރާ ކަންބޮޑުވުންތަކަށް ރިއަޔާތް ކުރަންތޯ، ބަންގްލަދޭޝް އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ޕްރީ ޕްރެސް ކޮންފަރެންސްގައި "މިހާރު"ން ސުވާލު ކުރުމުން ސުޒޭން ބުނީ ސުވާލުގެ ވިސްނުން ބުނެދީފިއްޔާ އެ ސުވާލަށް ޖަވާބު ދޭން ތައްޔާރަށް ހުރި ކަމަށެވެ.

"ތި ސުވާލުގެ އަސްލު ވިސްނުމަކީ ކޮބައިކަން އަޅުގަނޑަށް ފާހަގަކޮށްލައި ދީފިއްޔާ ތި ސުވާލަށް އަޅުގަނޑު ޖަވާބު އަރުވާނަން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގިގެން މި އުޅެނީ ތި ސުވާލުގެ މަގުސަދެއް،" ސުޒޭން ބުންޏެވެ.

ސުޒޭންގެ އެ ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ.

"ވީނިއުސް" އަދި "އަވަސް" ނޫހުގައި ކުރިން މަސައްކަތް ކުރި ކުރީގެ ނޫސްވެރިޔާ ރުޝްދާ ރަޝީދު، ޓްވިޓްކޮށް ބުނެފައި ވަނީ ގައުމީ ކޯޗަށް އެއަށް ވުރެ ޑިޕޮލެމްޓިކްކޮށް ޖަވާބު ދެވޭނެ ކަމަށެވެ.

"ނޫސްވެރިޔާގެ ގައުމިއްޔަތާ މެދު ސުވާލު އުފައްދާކަށް ނުޖެހޭ. އެފަދަ ގޮތަކަށް ސިފަކުރަން މަސައްކަތް ކުރީމަ ވެސް ދެރަވެއްޖެ،" ރުޝްދާ ޓްވިޓާގައި ލިޔެފައިވެ އެވެ.

ގައުމީ ޓީމްގެ ޕްރެސްގައި ސުޒޭން ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ޓީމްގެ ޕްރެސްގައި ސުޒޭން ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސޯޝަލް މީޑިއާގެ އކި ޕްލެޓްފޯމްތަކުގައި އިއްޔެ އާއި ރޭ ގިނަ ބަޔަކު ވަނީ ސުޒޭން ޖަވާބު ދިން ގޮތުން އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ފޭސްބްކްގައި "މިހާރު" ގެ ޕޯސްޓަށް ކުރި ކޮމެންޓްގައި މަމްދޫހް އަހްމަދު ކިޔާ މީހަކު ބުނެފައި ވަނީ ސުޒޭން ހުރީ "ސައިޒުކޮށްފައި" ކަމަށާއި އަމިއްލަ ބާރު ހުރިހެން ހީނުވާ ކަމަށެވެ.

"މިހާރު" ގެ ވެބްސައިޓްގައިވާ އާޓިކަލް އަށް ވެސް ގިނަ ކޮމެޓްތަކެއް ވަނީ ކޮށްފަ އެވެ.

"ކޯޗުގެ ގޮނޑީގައި ނެތް ނަމަ ސުވާލުގެ މަގްސަދު ވަރަށް ސާފުވެފައި ތިލަވާނެ،" މިހާރު ނޫހަށް ކޮމެންޓް ކުރި މީހަކު ލިޔެފައިވެ އެވެ.

އެހެން މީހަކު ބުނެފައި ވަނީ މުހިންމު މެޗެއް ކުރިމަތީގައި ވަނިކޮށް މުހިންމު ސުވާލެއް ކުރުމުން މަގްސަދު ސާފުނުވާ ކަމަށް ބުނުމަކީ ލަދުވެތި ވާން ޖެހޭ ކަމެއް ކަމަށެވެ.

ޓްވިޓާގައި މީހަކު ޝުއޫރު ފާޅުކޮށްފައި

"ނޫސްވެރިން ކުރާ އުނދަގޫ ސުވާލަށް އެކަށޭނަ ޖަވާބު ނުދެވެންޏާ ތި ބޭފުޅާއަށް ތިވަޒީފާ ހައްގެއް ނޫން. އަޑުބަރޭގެ ވާހަކަ އަކީ ކޮންޓްރަވަޝަލް އިޝޫއެއްކަން ސުޒޭނަށް ވެސް އެނގޭނެ،" ނޫހަށް މީހަކު ފޮނުވާފައިވާ ކޮމެންޓެއްގައި ލިޔެފައިވެ އެވެ.

ކުރީގެ ނޫސްވެރިންގެ އިތުރުން މިހާރު ވެސް ނޫސްވެރިކަމުގެ ދާއިރާގައި އުޅޭ ނޫސްވެރިން ވެސް ވަނީ ސުޒޭން ދިން ޖަވާބާ މެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށްފަ އެވެ. އެގޮތުން "ހަވީރު" ނޫހާއި "މިހާރު" ގައި މަސައްކަތްކޮށް އަދި "ދައުރު" ނޫހުގައި މިހާރު މަސައްކަތްކުރާ ނޫސްވެރިޔާ އާސިޔަތު މުހައްމަދު ސައީދު ބުނެފައި ވަނީ "މިހާރު" ން ޕްރެސްގައި ކުރީ މުހިންމު ސުވާލެއް ކަމަށެވެ.

ޓްވިޓާގައި އެހެން މީހަކު ބުނެފައި ވަނީ "ކޯޗުގެ ވިސްނުން މި ކަމުގައި ކޮށި" ކަމަށެވެ. އަޒުވަރު ކިޔާ މީހަކު ޓްވިޓާގައި ބުނެފައި ވަނީ "ކޯޗުގެ ބާރެއް ނީންނާނެ" ކަމަށެވެ. މުހައްމަދު ފުރުގާން ކިޔާ މީހަކު ބުނެފައި ވަނީ ކޯޗު ހުރީ އަޑޭގެ ދަށުވެފައި ކަމަށެވެ.

"ކޯޗް ކަމާ ހަވާލުވި އިރު ވެސް ސުޒޭނަށް ރަނގަޅަށް އެނގެންވާނެ މިއީ ކަންމަތީ ޓީމެއްގެ ކޯޗުކަމާ ނޫންކަން މި ހަވާލުވެވުނީ. މިއީ ދިވެހި ގައުމާ ހަވާލުކުރުން. މިކަމުން ދިމާވާނެ ޕްރެޝާރާ ކުރިމަތި ލާން އެނގެންވާނެ، ނަތީޖާ ނުނެރެވެންޏާ ރައްޔިތުން އިނގިލި ދިއްކޮށް ސުވާލު ކުރާނެކަން. އެ ސުވާލުތަކަށް ޖަވާބުދާރީ ވާން ވެސް ޖެހޭނެކަން،" އައްޔަގެ ނަމުގައި ނޫހަށް ކޮމެންޓް ކޮށްފައިވާ މީހަކު ލިޔެފައިވެ އެވެ.

ސުޒޭން ފާހަގަ ކުރެވިފައި ވަނީ މީޑިއާ ރަށްޓެހި ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު ޕްރެސްތަކުގައި އޭނާގެ ބަހުގެ ހަމަލާތައް ނޫސްވެރިންނަށް ގިނައިން އަމާޒުވެ އެވެ.