Roadha Mihaaru
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި

ސާފް ޗެމްޕިއަންޝިޕްގެ ކުރިން އިންޑިއާއިން އިންޓަ ކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި

19 ޖޫން 2023

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިން ބޭއްވި ނެހުރޫ ކަޕްގެ ބަދަލުގައި މިހާރު ބާއްވަމުން އަންނަ އިންޓަ ކޮންޓިނެންޓަލް ކަޕްގެ މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ރޭ ލުބުނާންގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިން ބޭއްވި ނެހުރޫ ކަޕްގެ ބަދަލުގައި މިހާރު ބާއްވަމުން އަންނަ އިންޓަ ކޮންޓިނެންޓަލް ކަޕްގެ މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ރޭ ލުބުނާންގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ތައްޔާރު ވެއްޖެ އެވެ.

ދެކުނު އޭޝިއާގެ ގައުމަކަށް ނުވިއަސް ލުބުނާން އަކީ ވެސް ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަ ކުރާ ގައުމެކެވެ. އެޓީމް ހިމެނެނީ ރާއްޖެއާ އެކު ގުރޫޕް ބީގަ އެވެ. ގުރޫޕް ބީގައި ދެން ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާނެވެ. އިންޑިއާ އެކު ގުރޫޕް އޭގައި ހިމެނެނީ ނޭޕާލާއި ޕާކިސްތާން އަދި ކުވެއިތެވެ.

ކުވެއިތާއި ލުބުނާނަކީ ވެސް މިއަހަރުގެ މުބާރާތަށް ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިން ދައުވަތު ގަބޫލު ކުރި ދެ ގައުމެވެ.

އިންޓަ ކޮންޓިނެންޓަލް ކަޕްގައި އިންޑިއާ ވަނީ ދެ ފަހަރު ލުބުނާނާ ދެކޮޅަށް ކުޅެފަ އެވެ. ލީގު ބުރުގައި މި ދެޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިންޑިއާ ވަނީ ދެން ވާދަކުރި މޮންގޯލިއާ އާއި ވަނުއަޓޫ ބަލިކޮށްފަ އެވެ.

ލުބުނާނާ އެއްވަރުވި މެޗުގައި ރެފްރީކަން ކުރީ ރާއްޖޭގެ ފީފާ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް އެވެ. ފައިނަލް މެޗުގައި ރާއްޖޭގެ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު ރޮނގު ބަލެހެއްޓި އިރު ޖާވިޒް ހުރީ ހަތަރުވަނަ އޮފިޝަލަކަށެވެ.

ފައިނަލް މެޗުގެ ފަހު ހާފުގައި އިންޑިއާ އަށް ލަނޑުތައް ޖަހައިދިނީ ސުނިލް ޗެތުރީ އާއި ލަލިއަންޒުލާލާ ޗަންގްޓޭ އެވެ. ދެ ކުޅުންތެރިން ވެސް މުބާރާތުގައި ދެ ގޯލު ޖެހި އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ޑިފެންޑަރު ސަންދޭޝް ޖިންގަން އެވެ. މުޅި މުބާރާތުގައި ވެސް އިންޑިއާ ކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން މެދުކެނޑުމަކަށް ފަހު މުބާރާތުގައި ވާދަކުރަން ޕާކިސްތާނަށް އަދި އިންޑިއާ އަށް ފުރަން ވިސާގެ ކަންކަން ހަމައެއް ނުޖެހެ އެވެ. ނަމަވެސް އެޓީމުން ވަނީ މޮރީޝަސް އާއި ކެންޔާ އަދި ޖިބުޓީ އާއެކު ފޯ ނޭޝަންސް ކަޕެއް ކުޅެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއު ކުރަން ނުކުންނަ އިންޑިއާ ފުރަތަމަ ކުޅެން ޖެހޭ މެޗު އޮތީ ބުދަ ދުވަހުގެ ރޭ 7 ޖަހާއިރު ޕާކިސްތާނާ ދެކޮޅަށެވެ.

ނޭޕާލާއި ބަންގްލަދޭޝް ވެސް މުބާރާތަށް ވާ ތައްޔާރީތަކުގެ ތެރެއިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައި ވެއެވެ. މުބާރާތުގެ ކުރިން މެޗެއް ނުކުޅެވެނީ ބޫޓާނާއި ރާއްޖެއަށެވެ. ޖަޕާނުގައި ރާއްޖޭން ކޭމްޕު ކުރި ދަތުރުގައި ކުޅެން އޮތް މެޗު ކެންސަލް ވީއެވެ.

މިދިޔަ މާޗު މަހު ބޫޓާނުން ވަނީ ނޭޕާލުގައި އޮތް ތުރީ ނޭޝަންސް ކަޕްގައި ކުޅެފަ އެވެ. ރާއްޖޭން ވެސް އެ މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ ފުރަތަމަ މެޗު އޮތީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.