Roadha Mihaaru
ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ އާއި ލެބަނަން އެއް ގުރޫޕަކަށް، ފުރަތަމަ މެޗު ބޫޓާނާ ދެކޮޅަށް

17 މެއި 2023

އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހު ފަށާ ދެކުނު އޭޝިއާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލެބަނަން އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހު ފަށާ ދެކުނު އޭޝިއާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލެބަނަން އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ޖުމުލަ 8 ގައުމު ވާދަކުރާ މި އަހަރުގެ މުބާރާތުގައި ރާއްޖެ އާއި ލެބަނަން ހިމެނެނީ ގުރޫޕް ބީގަ އެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ބޫޓާނާއި ބަންގްލަދޭޝް އެވެ. ގުރޫޕް އޭ ގައި ހިމެނެނީ ކުވެއިތާއި ނޭޕާލާއި ޕާކިސްތާން އަދި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އެވެ.

މި އަހަރުގެ މުބާރާތުގައި ލެބަނަން އާއި ކުވެއިތުން ވާދަކުރަނީ ސާފުން ދައުވަތު ދިނުމުންނެވެ. ސާފްގެ މެންބަރު ގައުމެއް ކަމަވާ ސްރީ ލަންކާ، ފީފާގެ ސަސްޕެންޝަންގައި އޮތުމުން އެ ޓީމަށް މުބާރާތުގައި ވާދަ ނުކުރެވެ އެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕްތައް ބެހިފައި ވާގޮތް.--

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕްތައް ބެހިފައި ވާގޮތް.--

އެންމެ ފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގައި ބޫޓާނާއި ޕާކިސްތާން ވާދައެއް ނުކުރެ އެވެ. އެންމެ ފަހުން އެ ދެ ޓީމު ކުޅެފައި ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ.

އެންމެ ފަހުގެ ފީފާ ރޭންކިން އަށް ބަލާއިރު މުބާރާތުގައި ވާދަކުރާ 8 ޓީމުގެ ތެރެއިން، ރޭންކިންގެ އެންމެ ކުރީގައި އޮތީ 99 ވަނައިގައި އޮތް ލެބަނަން އެވެ. އިންޑިއާ 101 ވަނައިގައި އޮތްއިރު ކުވެއިތު އޮތީ 14 ވަނައިގަ އެވެ. ރާއްޖެ 154 ވަނައިގައި އޮތީ ސާފް ސަރަހައްދުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ރާއްޖޭގެ ފަހަތުން ނޭޕާލް އޮތީ 174 ވަނައިގަ އެވެ. ބޫޓާނަށް ރޭންކިންގެ 185 ވަނަ ލިބޭއިރު، ބަންގްލަދޭޝް އޮތީ 192 ވަނައިގަ އެވެ. ޕާކިސްތާނަށް ލިބެނީ 195 ވަނަ އެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗް ޝެޑިއުލް.--

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗް ޝެޑިއުލް.--

ސާފް ޗެމްޕިއަންޝިޕް މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކުވެއިތާއި ނޭޕާލް ކުޅޭ މެޗުންނެވެ. ރާއްޖޭގެ ފުރަތަމަ މެޗު އޮތީ ޖޫން 22 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ޖޫން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަ ކުރުމަށް ފަހު، ފަހު މެޗުގައި ލެބަނަން އާ ދެކޮޅަށް ކުޅޭނީ ޖޫން 28 ވަނަ ދުވަހު އެވެ.

ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ ޖުލައި 1 ގަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 4 ގައެވެ.

ދިވެހި ޕްރިމިއާ ލީގުގައި އަންނަ ހުކުރު ދުވަހު ކުޅޭ މެޗުތަކަށް ފަހު ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ. ޕްރިލިމިނަރީ ސްކޮޑާ އެކު ގައުމީ ޓީމުގެ ޕްރެކްޓިސް މި މަހުގެ 21 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ ގައުމީ ޓީމް މުބާރާތަށް ފުރުމުގެ ކުރިން އަންނަ މަހުގެ ކުރީކޮޅު ޖަޕާނުގައި ޓްރެއިނިން ކޭމްޕެއް ވެސް ބާއްވާ ވަނީ ހަމަޖެހިފަ އެވެ.