Roadha Mihaaru
"އިންޑިއާއާ ކުޅެން ޖެހުނަސް ޕްރެޝަރު ބޮޑެއް ނޫން"

އިންޑިއާއާ ކުޅެން ޖެހުނަސް ޕްރެޝަރު ބޮޑެއް ނޫން: ޕާކިސްތާން ކޯޗު

12 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި އިންޑިއާއާ ކުޅެން ޖެހުމުން މެޗު ހާއްސަވެގެން ބޮޑު ޕްރެޝަރެއް ނެތް ކަމަށް ޕާކިސްތާންގެ ކޯޗު ބްރެޒިލްގެ ހޯސޭ ނޮގޭރާ ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި އިންޑިއާއާ ކުޅެން ޖެހުމުން މެޗު ހާއްސަވެގެން ބޮޑު ޕްރެޝަރެއް ނެތް ކަމަށް ޕާކިސްތާންގެ ކޯޗު ބްރެޒިލްގެ ހޯސޭ ނޮގޭރާ ބުނެފި އެވެ.

ޕާކިސްތާނުން މި ފަހަރުގެ ސާފްގައި ވާދަކުރަނީ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ޕާކިސްތާނުގެ ފުޓްބޯޅަ އަށް ސަރުކާރުން ނުފޫޒުފޯރުވަން މަސައްކަތްކުރުމުން އެ ގައުމުގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. އެހެންވެ އެންމެ ފަހުން އޮތް ސާފްގައި ވެސް އެ ޓީމު ނުކުޅެ އެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، މިދިޔަ ތިން އަހަރު ތެރޭގައި އެ ގައުމު ވަނީ ފުޓްބޯޅައިގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު އިންޑިއާ ކުރީގައި އޮތް ނަމަވެސް ނޮގޭރާގެ ނަޒަރުގައި އެ ޓީމު ބަލިކުރެވިދާނެ އެވެ.

"އިންޑިއާ އޮތީ ރޭންކިންގައި ވަރަށް ކުރީގައި. އެ މީހުންނަށް ބައިނަލްއަގްވާމީ ގިނަ ފުރުސަތުތަކެއް ލިބެމުންދަނީ. އަނެއްކާ އެ މީހުންގެ ކޯޗު އެ ޓީމާ އެކު މަސައްކަތްކުރާތަން ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. މިއީ ހުސް އެމީހުންނަށް ފައިދާވާ ގޮތަށް ހުރި ކަންތައް. އެކަމަކު އަހަރެމެންނަށް އެބަފެނޭ އެ މީހުން ހަދާ ގޯސްތައް ވެސް އޭގެ ފައިދާނަގާނަން،" ނޮގޭރާ ބުންޏެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ހުރިހާ ކަމެއްގައި ވެސް ވަރަށް ބޮޑު ދެ ވާދަވެރިންނެވެ. ހާއްސަކޮށް ކްރިކެޓްގައި އެ ދެ ޓީމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ނޮގޭރާގެ ނަޒަރުގައި ޕާކިސްތާނަކީ މިހާރު މި މުބާރާތުގެ ފޭވަރިޓެވެ. އޭނާ ބުނީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

"އަހަރެން ކޯޗިންގައި އެފްރިކާ އާއި ބްރެޒިލްގައި މަަސައްކަތްކުރިއިރު ވަރަށް ޕްރެޝަރު މެޗުތަކާ ކުރިމަތިލާފައިވާނީ. އެހެންވީމަ ޕްރެޝަރު އަހަންނަށް އަލެއް ނުވާނެ. ފަހަރެއްގައި އަހަރެން ސައުތު އޭޝިއާގައި މަސައްކަތް ނުކުރާތީ އެ ފަދަ ސުވާލުތަކެއް ކުރިމަތި ކުރެވިދާނެ،" ނޮގޭރާ ބުންޏެވެ.

ޕާކިސްތާން ޓީމުން މި ފަހަރުގެ މުބާރާތަށް ގެންނަން މަސައްކަތްކުރި ޑެންމާކުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަދުނާން މުހައްމަދު އަށް ބަންގްލަދޭޝް އިން ވިސާ ނުދިނުމުން އޭނާ އަށް މި މުބާރާތުގައި ކުޅެވޭގޮތެއްނުވި އެވެ. ނޮގޭރާ ވަނީ އޭނާ އަށް ވިސާ ނުދިނުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ޕާކިސްތާންގެ ކެޕްޓަން ސައްދާމް ހުސެއިން ބުނީ މި މުބާރާތުގެ ސެމީ ފައިނަލަށް އައުމަކީ ވެސް ކާމިޔާބެއް ކަމަށެވެ.

"އަހަރެމެން 13 އަހަރަށް ފަހު މި މުބާރާތުގެ ސެމީ ފައިނަލުގައި މި ކުޅެނީ. މިއީ ވެސް ފަހުރުވެރި ކާމިޔާބެއް. އަހަރެމެން މި މުބާރާތަށް އައީ ގިނަ ބަޔަކު ހައިރާން ވެސް ކޮށްލަން. އެއީ މިދިޔަ ތިން އަހަރު އަހަރެމެންގެ ފުޓްބޯޅަ އޮތީ ހުއްޓިފައި. އެހެންވެ އަހަރެމެންނާ މެދު އެހާ ސީރިއަސް ނުވެ ޓީމުތަކުން އޮއްވައި ކާމިޔާބު ހޯދަން ބޭނުންވަނީ. އިންޝާﷲ ކާމިޔާބު ލިބޭނެ،" ސައްދާމް ބުންޏެވެ.

އޭނާ ބުނީ މިއީ ފުޓްބޯޅަ މެޗެއް ކަމަށާއި އިންޑިއާ އާއި ޕާކިސްތާންގެ ވާދަވެރިކަން ކިތަންމެ ބޮޑުވި ނަަމަވެސް މި މެޗަށް ބަލާއިރު އެކަން އޮންނާނީ މެޗު ކުޅޭ ވަގުތަށް ކަމަށާއި އެ ކަމުގެ ސަބަބުން ބެލުންތެރިންނަށް ވަރުގަދަ މެޗެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މެޗުގެ ނޫސްވެރިންގެ ބައްދަލުވުމަށް އިންޑިއާ ކޯޗު ސްޓެފަން ކޮންސްޓަންޓިން ހާޒިރުނުވެ އެވެ. އިންޑިއާ އާއި ބެހޭގޮތުން މައުލޫމާތު ދިނީ އެސިސްޓަންޓް ކޯޗު ޝަންމުގަން ވެންޓަކޭޝް އެވެ. އޭނާ ބުނީ އިންޑިއާ އާއި ޕާކިސްތާންގެ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ކަމަަށެވެ.

ސާފް ސުޒުކީ ކަޕްގައި އިންޑިއާ އިން ސްރީލަންކާ ކޮޅަށް ނެރުނު ފުރަތަމަ އެގާރަ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ސާފް ސުޒުކީ ކަޕްގައި އިންޑިއާ އިން ސްރީލަންކާ ކޮޅަށް ނެރުނު ފުރަތަމަ އެގާރަ. -- ފޮޓޯ: އިމޭޖަސް.އެމްވީ

"ކްރިކެޓް އެއީ އެހެން ކުޅިވަރެއް. ފުޓްބޯޅަ އެއީ އެހެން ކުޅިވަރެއް. މި ދެ ކުޅިވަރުގެ ވާދަވެރިކަން ވެސް ތަފާތުވާނެ. އަހަރެމެން ތަފާތު ނަޒަރަކުން މި މެޗު ނުދެކެން. މިއީ އިންޑިއާ އަށް ކުރިމަތިވާނެ އުނދަގޫ މެޗެއް ސެމީ ފައިނަލެއް،" ވެންކަޓޭޝް ބުންޏެވެ.

އޭނާގެ ނަޒަރުގައި އިންޑިއާ އަކީ މުބާރާތުގެ ފޭވަރިޓެއް ނޫން ކަމަށާއި އެންމެ ވަރުގަދަކޮށް އޮތީ ނޭޕާލެވެ.

"އަހަރެމެން އައީ ޒުވާން ކުޅުންތެރިން ގޮވައިގެން ރަނގަޅު ކުޅުމެއް ދައްކަން. އެންމެ ވަރަގަދައީ ނޭޕާލް ޓެކްނިކަލީ އެމީހުން ވަރަށް މޮޅު. އަހަރެމެން ޓީމުގައި ތިބީ އެއް ފެންވަރެއްގެ ކުޅުންތެރިން ކޮންމެ ދަނޑިވަޅެއްގައި ވެސް ބޭނުންކުރެވޭނެ ކުޅުންތެރިން،" ވެންކަޓޭޝް ބުންޏެވެ.

ޕާކިސްތާނުން މިއަދުގެ ސެމީ އަށް ނުކުންނާނީ އިންޑިއާ ބަލިކޮށް ފުރަތަމަ ފަހަރަށް ފައިނަލުން ފުރުސަތު ހޯދުމުގެ އަޒުމުގަ އެވެ. މި މުބާރާތުގައި އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގެ މެޗުން އިންޑިއާ މޮޅުވީ 1-0 އިންނެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ޕާކިސްތާނު ޓީމުގައި ކުރިން އިންޑިއާއާ ދެކޮޅަށް ކުޅުނު އަށް ކުޅުންތެރިން އެބަތިއްބެވެ. އަނެއްކޮޅުން އިންޑިއާގެ އޮތީ 23 އަހަރުން ދަށުގެ ޓީމެވެ. އެ ޓީމުގައި ބައިނަލްއަގްވާމީ ތަޖުރިބާ މަދެވެ. އިންޑިއާ އަށް އޮތް އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ 23 ފަހަރު މި ދެ ޓީމު ކުޅުނުއިރު، 10 މެޗުން މޮޅުވުމެވެ. އަނެއް 13 މެޗުގެ ތެރެއިން 10 މެޗު އެއްވަރުވެގެން ނިމުނުއިރު، ޕާކިސްތާނަށް ހޯދުނީ ތިން މޮޅެވެ.

އިންޑިއާ ސެމީ ފައިނަލަށް އައީ ކުޅުނު ދެ މެޗުން މޮޅުވިއިރު، ބައިކޮޅަށް ލަނޑެއް ނުވައްދަ އެވެ. ޕާކިސްތާން ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެން ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ބަލިވި އެވެ. އެކަމަކު ފަހު މެޗުން ބޫޓާން ބަލިކޮށް އެ ޓީމު ސެމީން ފުރުސަތު ހޯދީ އެވެ. އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:30 ގަ އެވެ.