Roadha Mihaaru
ޕާކިސްތާން ބަލިކޮށް އިންޑިއާ ފައިނަލަށް

ޕާކިސްތާން ބަލިކޮށް އިންޑިއާ ފައިނަލަށް

12 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ވާދަވެރި ޕާކިސްތާން އަތުން 3-1 އިން ހޯދި މޮޅާ އެކު އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުން އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ރާއްޖެއާ ވާދަކުރުމުގެ ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ވާދަވެރި ޕާކިސްތާން އަތުން 3-1 އިން ހޯދި މޮޅާ އެކު އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމުން އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ރާއްޖެއާ ވާދަކުރުމުގެ ފުރުސަތު ހޯދައިފި އެވެ.

ރާއްޖެ އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އެ ފަަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖޭން އިންޑިއާ އަތުން 2-0 އިން މޮޅުވި އެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާ އަތުން 2-0 އިން ބަލިވެފަ އެވެ.

އެންމެ ފަހުން ބޭއްވި ތިން ސާފްގައި ވެސް ރާއްޖެ ކެޓީ ސެމީން އިންޑިއާ އަތުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އިންޑިއާ ނުލައި އެންމެ ފަހުން މި މުބާރާތުގެ ފައިނަލެއް ކުޅުނީ 2003 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ އެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީގައި މެޗު ފަށައިގެން މިނިޓެއް ވެސް ނުވަނޫސް ޕާކިސްތާންގެ ފޯވާޑް ހަސަން ނަވީދު ބަޝީރު ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އިންޑިއާގެ ގޯލްކީޕަރު ވިޝާލް ކެއިތު ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ޕާކިސްތާނުގެ މުހައްމަދު ރިޔާޒް ފޮނުވާލި ބޯޅައެއް ދިޔައީ އަރިމަތިން ބޭރުންނެވެ.

އިންޑިއާ އިން ރާއްޖެ އަތުން މޮޅުވި މެޗުގައި ކުޅުނު ޓީމަށް ބަދަލުތަކެއް ގެނެސްގެން ކުޅުނުއިރު، އެ ޓީމުން ބޭނުންވާ ގޮތަށް ކުޅެވެން ފެށީ މެޗުގެ ފުރަތަމަ 20 މިނިޓް ފަހުންނެވެ. އޭގެ ފަހުން ޕާކިސްތާން ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ.

އިންޑިއާގެ ފޯވާޑް މަންވީރު ސިންގާ ފޮނުވާލި ދެ ހަމަލާއެއް، ޑެންމާކުގެ ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޕާކިސްތާންގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އިންޑިއާގެ އާޝިގް ކުރޫނިއަން ޖެހި ބޯޅައިގެ ހުރަހަކަށްވީ ވެސް ކީޕަރު ޔޫސުފް އެވެ.

މެޗުގެ 36 ވަނަ މިނިޓްގައި އިންޑިއާގެ ކީޕަރު ވިޝާލް އެ ޓީމުގެ ކުޅުންތެރިއަކު ފަަހަތަށް ދިން ބޯޅައެއް ހިފުމުން ރެފްރީ ވަނީ ނުސީދާ ޖެހުމެއް ދީފަ އެވެ. އެ ހިލޭ ޖެހުން ޕާކިސްތާނުގެ ފޯވާޑް މުހައްމަދު އަލީ ފޮނުވާލިއިރު، ކީޕަރު ވިޝާލް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އެ ބޯޅަ އަލުން ހޯދުމަށް ފަހު ޕާކިސްތާނުގެ ރިޔާޒް ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ވިޝާލް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާކިސްތާނަށް ލީޑު ނަގައިދޭން އެ ޓީމުގެ ފޯވާޑް ހަސަން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި އިންޑިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި އަރިމަތިން ކުރޫނިއަން ޖެހި ބޯޅަ އޭރިއާ ތެރެއިން މަންވީރު ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޕާކިސްތާނުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި އިންޑިއާގެ ލީޑުފުޅާކޮށްދިނީ ވެސް މަންވީރު އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަލިއަންޒުއާލާ ޗަންގްޓޭ މެޗުގެ 70 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި އެ ޓީމުގެ ވިނީތު އަށް ދިން ބޯޅަ އޭނާ ހުސްކޮށްލާފައި ދިނީ މަންވީރު އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިންޑިއާގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސުމީތު ޕާސީ އެވެ. އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭނާ ހުއްޓުވަން ޕާކިސްތާން ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ދެ ޓީމު ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 85 ވަނަ މިނިޓްގައި ދެ ޓީމުގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިއާގެ ލަލިއަންޒުއާލާ އާއި ޕާކިސްތާނުގެ މުހުސިން އަލީ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އެއާ އެކު ލަލިއަންޒުއާލާ ވަނީ ފައިނަލަށް ސަސްޕެންޑްވެފަ އެވެ.

ޕާކިސްތާނަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ޖެހީ ހަސަން އެވެ. އޭރިއާ ބޭރުން ހަސަން ޖެހި ބާރު ބޯޅަ ގޯލަށް ވަންއިރު ކީޕަރު ވިޝާލް ހުރީ ހަރަކާތް ހުއްޓިފަ އެވެ. މިއީ މި މުބާރާތުގައި އިންޑިއާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

އިންޑިއާ އާއި ރާއްޖެ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.