Roadha Mihaaru
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ

ޕާކިސްތާން ވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ: ސްޓިމަކް

21 ޖޫން 2023

އިންޑިއާގެ ބެންގަލޫރުގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހަމައެކަނި މުބާރާތް ކުޅެލަން ބައިވެރިވާ ޓީމުތަކެއް ނޫން ކަމަށާއި، ކުރިއަށް ދެވޭނީ ގައުމުތަކުގެ ރޭންކިން މަތިން ހަނދާން ނައްތާލައިގެން ކުރިއަށް ދާން މަސައްކަތް ކޮށްގެން ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާގެ ބެންގަލޫރުގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހަމައެކަނި މުބާރާތް ކުޅެލަން ބައިވެރިވާ ޓީމުތަކެއް ނޫން ކަމަށާއި، ކުރިއަށް ދެވޭނީ ގައުމުތަކުގެ ރޭންކިން މަތިން ހަނދާން ނައްތާލައިގެން ކުރިއަށް ދާން މަސައްކަތް ކޮށްގެން ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

އިންޑިއާ އިން މުބާރާތާ ކުރިމަތިލީ ބުބަނޭޝްވަރުގައި ކުރިއަށް ގެންދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕްގައި، ލެބަނަން ބަލިކޮށްފަ އެވެ. ލެބަނަން އަކީ ރާއްޖޭގެ ގުރޫޕުގައި އޮތް ޓީމެކެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ އެންމއ ކުރީގައި އޮތީ ވެސް ލެބަނަން އެވެ.

ކޯޗު ސްޓިމަކް ބުނީ ނިމިދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރެވުމުން ޓީމުގެ ފޯމު ރަނގަޅު ވާނެ ކަމަށާއި ނަމަވެސް މިއީ ތަފާތު މާހައުލެއްގައި އޮންނަ ތަފާތު މުބާރާތެއްކަމަށް ވުމުން، ކުޅުންތެރިންގެ ފޯމު އެއް ފެންވަރެއްގައި ދެމެހެއްޓުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.

އިންޑިއާ މުބާރާޓުގައި އެންމެ ފުރަތަމަ ކުޅޭނީ ޕާކިސްތާނާ ދެކޮޅަށެވެ. މިއީ 2014 ވަނަ އަހަރު ފަހުން އެޓީމުން އިންޑިއާ ފަސްގަނޑުގައި ކުޅޭނެ ފުރަތަމަ މެޗެވެ. ޕާކިސްތާނުން ވަނީ މިދިޔަ މާޗު މަހު ރާއްޖެއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އަދި ޔޫރަޕްގައި ކުޅޭ ޕާކިސްތާނުގެ ގިނަ ކުޅުންތެރިންތަކަކާ އެކު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން މި މަހު އެޓީމުން ވަނީ އެފްރިކާ ބައްރުގެ ގައުމުތަކަކާ އެކު ފޯ ނޭޝަންސް ކަޕެއް ކުޅެފަ އެވެ.

ޕާކިސްތާނުން ވިސާގެ މައްސަލަތަކާ ހުރެ އިންޑިއާ އަށް ދިޔުން ލަސް ވިޔަސް، އެޓީމަށް ވުރެ ރޭންކިންގެ ކުރީގައި އުޅޭ ޓީމުތަކާ ދެކޮޅަށް މޮޅަށް ކުޅެފައިވާ ކަން ފާހަގަކޮށް ސްޓިމަކް ބުނީ ރޭންކިން މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށާއި، އިންޑިއާ ހިމެނޭ ގުރޫޕަކީ ސީރިއަސް ގުރޫޕެއް ކަމަށެވެ.

"އަހަރެން ބެލިން ޕާކިސްތާނުން ކެންޔާ އާ ދެކޮޅަށް ކުޅުނު މެޗު. އެންމެ ގޯލަކުން ކެންޔާ މޮޅުވިއަސް ޕާކިސްތާނުން ރަށުން ބޭރުގައި މޮޅަށް ކުޅެ، ގިނަ ފުރުސަތުތަކެއް އުފެއްދި. ކެންޔާ އޮތީ ރޭންކިންގެ 102 ވަނައިގައި،" ރާއްޖޭގައި 2021 ވަނަ އަހަރު އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ކްރޮއޭޝިއާގެ ކޯޗު ސްޓިމަކް ބުންޏެވެ.

"ޕާކިސްތާން ޓީމުގައި ގައުމުން ބޭރުގައި ކުޅޭ 6 ނޫނީ ހަތް ކުޅުންތެރިން އެބަތިބި. އޭގެ ތެރޭން ދެ ކުޅުންތެރިން އިންގްލެންޑުގައި، އަނެކަކު ޑެންމާކު ފުރަތަމަ ޑިވިޝަނުގައި ކުޅޭ. އެހެންވެ ރޭންކިން މަތިން ހަނދާން ކުރުމުގެ ބޭނުމެއް ނެތް. އަހަރެމެންނަށް މިއޮތީ ސީރިއަސް ގުރޫޕެއް. ވަރަށް ވާދަވެރި ވެފައި އުނދަގޫ ވާނެ. އަހަރެމެން އިންޓަ ކޮންޓިނެންޓަލް ކަޕް ފައިނަލްގައި ލެބަނަން އާ ދެކޮޅަށް ކުޅުނު މެޗު މަތިން ހަނދާން ނައްތާލައި، ހުރިހާ ޓީމަކަށް ވެސް އެންމެ ފުރިހަމައަށް އިހުތިރާން އަދާކުރަން ޖެހޭ."

ޕާކިސްތާން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން، އިންގްލެންޑުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު 2017 ވަނަ އަހަރު އޮތް 19 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރި ޑިފެންޑަރު އީސާ ސުލިމާން އަކީ ޕޯޗުގަލް ދެވަނަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިއެކެވެ. އިންގްލެންޑުގެ ކިއުޕީއާރަށް ކުޅޭ މިޑްފީލްޑަރު ހާރޫން ހާމިދު، ރާއްޖެއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެފައި ވާއިރު ޑެންމާކިު ުއެއްވަނަ ޑީވިޝަންގައި ކުޅޭ ފޯވާޑް އަބްދުﷲ އަރުޝަދު ވެސް ވަނީ ލ. ގަމުގައި ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. މީގެ އިތުރުން ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑަމީގައި ތަމްރީނުވި ފޯވާޑް އޯޓިސް ހާން ވެސް ޕާކިސްތާން ޓީމުގައި ހިމެނެ އެވެ.

ކޯޗު ސްޓިމަކް ފާހަގަ ކުރި ގޮތުގައި ޓީމަށް އޮތް ހަމައެކަނި ގޮންޖެހުމަކީ ބެންގަލޫރުގައި ޓްރޭނިން ފެސިލިޓީތަކުގެ ފެންވަރު ދަށް ވުމެވެ. ބެންގަލޫރުގައި އާޓިފިޝަލް ޓާފް ޕިޗުތަކެއްގައި ޓްރޭނިންތައް ކުރިއަށް ގެންދަން ޖެހުމުން އިންޑިއާ ކޯޗުގެ އިތުރުން ކުވެރިތުގެ ކޯޗު، ޕޯޗުގަލްގެ ރުއީ ބެންޓޯ ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

އިންޑިއާ އާއި ޕާކިސްތާން އަދި ކުވެއިތުގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ނޭޕާލެވެ. އިންޑިއާ ލީގުގައި ކާމިޔާބު ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ އާނެސީ ނޭޕާލްގެ ގައުމީ ޓީމާ ހަވާލުވީ މިދިޔަ މާޗު މަހު އެވެ.

ސާފް ޗެމްޕިއަންޝިޕް ފަށާނީ މިއަދު ހަވީރު ރާއްޖޭގަޑިން 3:30 ގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ މެޗުންނެވެ. އެއަށް ފަހު މިރޭ 7:30 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާނެ އެވެ.