Roadha Mihaaru
އިންޑިއާގެ ކޯޗު ކަންތައް ކުރި ގޮތުން ނޭޕާލް ރަތަށް!

އިންޑިއާގެ ކޯޗު ކާމިޔާބީ ފާހަގަކުރި ގޮތުން ނޭޕާލްގެ ކޯޗު ރަތަށް!

11 އޮކްޓޯބަރ 2021

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ- ނޭޕާލް ރޭ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، އިންޑިއާގެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް އެ ކާމިޔާބީ ފާހަގަކުރި ގޮތުން ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ- ނޭޕާލް ރޭ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، އިންޑިއާގެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް އެ ކާމިޔާބީ ފާހަގަކުރި ގޮތުން ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެ އެވެ.

މެޗަށް ފަހު ވަކިވަކިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ދެ ކޯޗުން ވަނީ އެކަކު އަނެކަކަށް މީޑިއާގެ ކުރިމަތީގައި ފާޑުކިޔައި، ނުރުހުން ފާޅުކޮށްފަ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ލަނޑާއެކު، އުފާފާޅު ކުރުމުގެ ގޮތުން ދެ އިނގިލި މައްޗަށް ހިއްލައި ސްޓީމަކު ނެށި މައްސަލައިގައި ނޭޕާލްގެ ކޯޗު މުތައިރީ ބުނީ އެއީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

"އިންޑިއާގެ ކޯޗު އުފާފާޅު ކުރިއިރު އޭނާ އަހަންނަށް ޖޯކު ޖެހި. އޭނާ ކީއްވެ އެހެން ހަދަންވީ؟" ނޭޕާލްގެ ޓީމު ލަނޑު ޖެހުމުން ކުޅުންތެރިންނާއެކު އާދަޔާ ހިލާފަށް އުފާފާޅު ކުރާ މުތައިރީ ބުންޏެވެ.

"މި ކުޅިވަރަކީ އިހުތިރާމު ލިބިގެންވާ ކުޅިވަރެއް. އެކަމަކު އޭނާ [އިންޑިއާގެ ކޯޗު] ކަންތައް ކުރި ގޮތުން ލަދުވެތި ވާން ޖެހޭ. އޭނާ އުޅުނު ގޮތުން ހީވީ 12 އަހަރުން ދަށުގެ ފުރާވަރު ކުއްޖެއްހެން. އެއްވެސް އިހުތިރާމެއް ނެތް. އޭނާ ޖައްސާ ވައްތަރަށް ވުރެ ގިނަ ވައްތަރު އަހަންނަށް ވެސް ޖެއްސޭނެ. އެކަމަކު އަލްހަމްދު ﷲ އަހަންނަކީ މޮޔައެއް ނޫން ކުޑަކުދިން ކުރާ ޒާތުގެ ކަންތައްތައް ކުރާކަށް."

ނޭޕާލްގެ ކޯޗު ބުނިގޮތުގައި، އޭނާ ވަނީ އޭޝިއާގެ ފަސް ގައުމެއްގައި މަސައްކަތް ކޮށްފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕަށް ވުރެ ވެސް އުނދަގޫ މުބާރާތްތަކުގައި ވެސް މަސައްކަތް ކުރިކަން ފާހަގަކޮށް މުތައިރީ ބުނީ އިންޑިއާގެ ކޯޗު ސްޓިމަކް އުޅުނު ގޮތަށް އުޅުނު މީހަކު ފެނިފައި ނުވާ ކަމަށެވެ.

"އިންޑިއާގެ ކޯޗު އުފާފާޅު ކުރިއިރު އޭނާ އަހަންނަށް ޖޯކު ޖެހި. އޭނާ ކީއްވެ އެހެން ހަދަންވީ؟"--- ނޭޕާލްގެ ކޯޗު

"ކުޅިވަރުގައި އޮންނަ އެންމެ ބޮޑު އެއްޗަކީ އިހުތިރާމް. ސްރީ ލަންކާ އާއި ނޭޕާލް ކުޅުނު މެޗަށް ފަހު ލަންކާގެ ކުޅުންތެރިޔަކު ދެރަވެގެން ރޯ ފެށުމުން އަހަރެން ގޮސް އެ ކުޅުންތެރިންގެ ގައިގައި ބައްދާލައި ހިތްވަރު ދެން،" ނޭޕާލްގެ ކޯޗު ބުންޏެވެ.

"އެއީ ވަރަށް ހޫނުވި މެޗެއް. ދަނޑުގައި ތިބި އެންމެން ތިބީ ހިތްހަމަ ނުޖެހިފައި. އެކަމަކު ވެސް އަހަރެން ގޮސް ކުޅުންތެރިޔާގެ ގައިގައި ބައްދާލިން. އެ ވަރުން ވެސް އޭނަ ނުހުއްޓައިފިއްޔާ އަހަރެން ވެސް ރޯނަން."

ނޭޕާލްގެ ކޯޗު ބުނީ، އިންޑިއާގެ ކޯޗު ރޭ ގަލޮޅު ދަނޑުގައި "އުޅުނު ގޮތަށް އަހަރެން އުޅެން ވެއްޖިއްޔާ އަހަރެންގެ މަންމަ އަހަރެންގެ ދުވަސް ދުއްވާލާނެ." ކަމަށެވެ.

"އަހަރެންގެ އުފާފާޅު ކުރާނެ ގޮތާއި އަހަރެންނާ ބެހޭ ކަންކަމަކީ އޭނާ [ނޭޕާލްގެ ކޯޗު] ވިސްނަން ޖެހޭ ކަންކަމެއް ނޫން. އޭނާ ވިސްނަން ޖެހޭނީ ހަމައެކަނި އޭނާގެ ކަންކަމާ މެދު.--- އިންޑިއާގެ ކޯޗު

އެ ވާހަކަތަކާ ގުޅިގެން އިންޑިއާގެ ކޯޗު ސްޓިމަކް ރައްދު ދެމުން ބުނީ އޭނާ އުފާފާޅު ކުރި ގޮތާމެދު ނޭޕާލްގެ ކޯޗު ވިސްނަން ނުޖެހޭ ކަމަށެވެ. އޭނާ ރޭ އުފާފާޅު ކުރުމުގެ ތެރޭގައި ކުރި ގޯސް ކަމަކީ ކޮބައިތޯ ބުނެ ސްޓިމަކް ސުވާލު އުފެއްދި އެވެ. އަދި އެއްވެސް މީހަކަށް އޭނާ ބޭއިހުތިރާމެއް ނުކުރާ ކަމަށް ކްރޮއޭޝިއާގެ ކުރީގެ ކޯޗު ބުންޏެވެ.

"އިންޑިއާ އަކީ 95 ޕަސެންޓް ފޭވަރިޓް ކަމަށް އޭނާ [ނޭޕާލްގެ ކޯޗު] ބުނުމުގެ މާނައަކީ ކޮބައިތޯ ބަލަން އެބަޖެހޭ. އޭނާ އެހެން ބުނުމަކީ އޭނާގެ އަމިއްލަ ޓީމާ މެދު ބޭއިހުތިރާމު ކުރުން،" ސްޓިމަކް ބުންޏެވެ.

"އަހަރެންގެ އުފާފާޅު ކުރާނެ ގޮތާއި އަހަރެންނާ ބެހޭ ކަންކަމަކީ އޭނާ [ނޭޕާލްގެ ކޯޗު] ވިސްނަން ޖެހޭ ކަންކަމެއް ނޫން. އޭނާ ވިސްނަން ޖެހޭނީ ހަމައެކަނި އޭނާގެ ކަންކަމާ މެދު. ތިފަދަ ގޮތަކަށް އޭނާ އަހަރެންގެ އުފާފާޅު ކުރުން ސިފަ ކުރީތީ އަހަރެން ދެރަވަން. ސަބަބަކީ އަހަރެންގެ އުފާފާޅު ކުރުމުގައި ތިބުނާ ގޯހެއް ނުހުންނާނެ. ނޫނީ އަހަންނަށް ނެތީތަ އުފާފާޅު ކުުރުމުގެ ހައްގު."

ރޭގެ މެޗުގައި އިންޑިއާގެ ޓީމުގެ ފޯވާޑް ޗެތުރީ ނޭޕާލްގެ ގޯލަށް ބޯޅައެއް ފޮނުވައިލަނީ.---ފޮޓޯ: ފަޔާޒް މޫސާ

ރޭގެ މެޗުގައި އިންޑިއާގެ ޓީމުގެ ފޯވާޑް ޗެތުރީ ނޭޕާލްގެ ގޯލަށް ބޯޅައެއް ފޮނުވައިލަނީ.---ފޮޓޯ: ފަޔާޒް މޫސާ

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އިން މިހާތަނަށް ޖެހި ދެ ލަނޑު ވެސް ކާމިޔާބު ކުރީ ސުނިލް ޗެތުރީ އެވެ. ބަންގްލަދޭޝް ކޮޅަށާއި ރޭ ނޭޕާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ވެސް އޭނާ އުފާފާޅު ކޮށްފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕާ މެދު ޗެތުރީގެ ފޯރި ކުޑައީތޯ ސުވާލު ކުރުމުން ސްޓިމަކް ބުނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން އެދުނީ ޓީމު މޮޅުކޮށްދޭން ކަމަށާއި އެކަން ކުރުމަށް ފަހު އެހެން ކަމެއް ކުރޭތޯ ނުވަތަ ނުކުރޭތޯ ބެލުން މުހިންމު ނޫން ކަމަށެވެ.