Roadha Mihaaru
އިންޑިއާ އިން ސާފް އަށް ފޮނުވާނީ ޒުވާން ޓީމު

އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕަށް ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމު

18 ޖެނުއަރީ 2023

މި އަހަރުގެ ޖޫން މަހު ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު މި އަހަރުގެ ކަލަންޑަރާ ހަވާލާދީ ނޫސްތަކުން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި އަހަރުގެ ޖޫން މަހު ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު މި އަހަރުގެ ކަލަންޑަރާ ހަވާލާދީ ނޫސްތަކުން ބުނެފި އެވެ.

މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އިންޑިއާ އިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތަށް ފޮނުވީ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެ ފަހަރު އިންޑިއާ އިން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް ތަށި ހޯދި އެވެ.

އިންޑިއާ އިން އޭރު 23 އަހަރުން ދަށުގެ ޓީމު ފޮނުވަން ނިންމީ، ސީނިއާ ޓީމު އޭޝިއާ ފެންވަރުގެ މުބާރާތްތަކަށް ފޯކަސްކުރުވުމަށާއި ޒުވާން ޓީމަށް ތަޖުރިބާ ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

އެކަމަކު ފަހުން ކޯޗާއި ޓެކްނިކަލް ޑިރެކްޓަރުން ބަދަލުވެ އެ އުސޫލު އެގޮތަކަށް ކުރިއާށް ނުދިޔަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ އަލުން އެ ގޮތަށް ބަދަލުކޮށްފަ އެވެ.

އިންޑިއާ އިން ވަނީ އެހެން ގައުމުތަކަށް ދައުވަތު ދީގެން ކުރިން ބާއްވާ ނެހުރޫ ކަޕް، އިންޓަކޮންޓިނެލްޓަލް ކަޕަށް ރީބްރޭންޑްކޮށް މި އަހަރު ޖޫން 8-16 އަށް ބާއްވަން ރާވައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕް ބާއްވަން އޮތީ ޖޫން 20 އިން ޖުލައި 2 އަށެވެ. އެހެންވެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމު ފޮނުވުން ނޫން ގޮތެއް ވެސް އިންޑިއާ އަށް މި ވަގުތު ނެތެވެ.

އިންޑިއާ އިން ވަނީ ސަރަހައްދުގެ ޗެމްޕިއަންކަން 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021 ގައި ހޯދައިފަ އެވެ. އިންޑިއާ އަށް ފަހު އެންމެ ކާމިޔާބީ 2018 އާއި 2018 ގައި ތަށި ހޯދި ރާއްޖެ އެވެ. އެ ދެ ފަހަރު ވެސް ރާއްޖެ މޮޅުވީ އިންޑިއާ އަތުންނެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވަން މިދިޔަ އަހަރުގެ ޖޫން މަހު ގޮވާލައިފަ އެވެ. އޭނާ ބުނީ ސާފް އަށް ފޮނުވަންވީ 23 އަހަރުން ދަށުގެ ޓީމު ނުވަތަ ސީނިއާ ޓީމުން ފުރުސަތު ތިބި ކުޅުންތެރިންގެ ޓީމެއް ކަމަށެވެ.

"ބޮޑު ވަރަކަށް އަހަރެމެން އަތުން ތަށި ގެއްލޭނީ. އެކަމަކު އަހަރެމެން އަތުގައި މިހާރު ވެސް 8 ތަށި އެބައިން. އެހެންވީމާ ބަލިވިޔަސް އެއީ މައްސަލައަކަށް ނުވާނެ،" ޗެތުރީ ބުންޏެވެ.

އޭނާ ބުނީ އޭނާ އެގޮތަށް ދެކެނީ ސާފް ޗެމްޕިއަންޝިޕް މުހިއްމު ނުވާތީ ނޫން ކަމަށާއި އެކަމަކު މިދިޔަ 15 އަހަރު ދެކުނު އޭޝިއާގައި އިންޑިއާ އިން ރަނގަޅަށް ވާދަކޮށްފައިވާތީވެ، އެ ރިސްކު ނެގެން އޮތުމުން ކަމަށެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގެ އާ ޗެއާމަން ކަމަށްވާ ކުރީގެ ފޯވާޑް އައި.އެމް ވިޖަޔަންގެ ލަފާގެ ދަށުން އެކުލަވާލި ކަލަންޑަރުގެ ދަށުން ސީނިއާ ޓީމު ކުޅޭ ރަސްމީ ކޮންމެ މެޗެއްގެ ކުރިން 7-10 ދުވަހުގެ ތަމްރީން ކޭމްޕެއް ބާއްވާނެ އެވެ.

އިންޑިއާ އަކީ މި ސަހަރައްދުގެ ގައުމުތަކުގެ ތެރެއިން އޭޝިއަން ކަޕުގައި ވާދަކުރާ ހަމައެކަނި ގައުމެވެ. އެހެންވެ އިންޑިއާގެ ވިސްނުން މިހާރު ވަނީ ދެކުނު އޭޝިއާ އިން ދުރަށް ގޮސްފަ އެވެ.