Roadha Mihaaru
ނޭޕާލް ބަލިކޮށް އިންޑިއާ ސާފް ޗެމްޕިއަންޝިޕް ހޯދައިފި

އިންޑިއާ އިން 8 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

16 އޮކްޓޯބަރ 2021

ދެވަނަ ހާފުގެ ގޯލުތަކުން ނޭޕާލް 3-0 އިން ބަލިކޮށް އިންޑިއާއިން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މިރޭ ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދެވަނަ ހާފުގެ ގޯލުތަކުން ނޭޕާލް 3-0 އިން ބަލިކޮށް އިންޑިއާއިން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މިރޭ ކާމިޔާބު ކޮށްފި އެވެ.

މި މެޗުގައި އިންޑިއާއަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ވެންކަޓޭޝް ޝަންމުގާމް އެވެ. އަދި ނޭޕާލަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ޝްރެސްތާ ކިރަން އެވެ.

އިންޑިއާގެ ހެޑު ކޯޗު އީގޯ ސްޓިމަކަށް ވަނީ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އަދި ނޭޕާލް ހެޑް ކޯޗު އަބްދުﷲ އަލް މުތައިރީ ވެސް މިމެޗުގައި ހުރީ ސަސްޕެންޝަނުގަ އެވެ. މުތައިރީ އަށް ފައިނަލް މެޗު ގެއްލުނީ ލީގު ބުރުގައި ސްރީ ލަންކާ އަދި އެންމެ ފަހުން ކުޅުނު ބަންގްލަދޭޝް މެޗުގައި ރީނދޫ ކާޑު ދެއްކުމުންނެވެ.

ފުރަތަމަ ހާފުގައި އިންޑިއާގެ އަނިރުދް ތާޕާ އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޔާސިރު މުހައްމަދު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ނޭޕާލް ކީޕަރު ކިރަން މަތަކުރިއިރު ރީބައުންސްވެފައި އައި ބޯޅަ ކައިރީގައި ހުރި ތާޕާ ފޮނުވާލުމުން ވެސް ކިރަން އެ ބޯޅަ ދިފާއު ކުރިއެވެ.

ނޭޕާލަށް މި ހާފުގައި ލަނޑުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ރޯހިތު ޗާންދަށެވެ. ނޭޕާލް ކުޅުންތެރިޔެއް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅައެއް ރޯހިތު ޗާންދު ކޮންޓްރޯލްކޮށްލާފައި ފޮނުވާލަން އުޅުނު ނަމަވެސް އޭގެ ބޭނުން ނުހިފުނީ ބޯޅަ ކޮންޓްރޯލްކުރުމާ އެކު އޭނާ ކަހާލައިގެން ވެއްޓުމުންނެވެ.

އިންޑިއާއިން ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި ކެޕްޓަން ސުނިލް ޗެތުރީ ޖެހި ލަނޑުންނެވެ. ޗެތުރީ މި ލަނޑު ޖެހީ ޕްރީތަމް ކޮޓާލް ނަގައިދިން ހުރަހެއް އޭރިއާ ތެެރެއިން ދުވެފައި އައިސް ބޮލުން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އޭގެ މިނިޓެއް ފަހުން ޔާސިރު ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އިންޑިއާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސުރޭޝް ސިންގް ވަންޖަމް އެވެ. މިއީ މިއަހަރު ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި ސުރޭޝް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ނޭޕާލުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ރޯހިތު ޗާންދެވެ. މަނީޝް ޑަންގީ ހިލޭޖެހުމަކުން ނަގައިދިން ބޯޅައެއް ޗާންދު ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އިންޑިއާގެ ތިންވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ސަހަލް އަބްދުލް ސަމަދެވެ. މިއީ ސަހަލް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެ ގައުމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ފައިނަލް މެޗު ބަލަން މިރޭ ގަލޮޅު ދަނޑަށް ވަދެފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ މިރޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އިންޑިއާގެ ސުނިލް ޗެތުރީ އެވެ. އޭނާ ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހައިފަ އެވެ.