Roadha Mihaaru
ދިވެހި ކޯޗިން ޓީމާމެދު އޮތް އިތުބާރު ބޮޑު

ދިވެހި ކޯޗިން ޓީމާ މެދު އޮތް އިތުބާރު ބޮޑު

30 ސެޕްޓެމްބަރ 2021

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހާއްސަވާ އެއް ސަބަބަކީ މި އެވެ. ސައްތައިން ސައްތަ ދިވެހި ކޯޗުން ޓީމަކާ އެކު ދިވެހި ޓީމު މުބާރާތަށް ތައްޔާރުވުމެވެ. ބޭރު މީހެއްގެ އެއްވެސް ހިއްސާއެއް މި ފަހަރުގެ މުބާރާތަށް ޓީމު ތައްޔާރު ކުރުމުގައި ނެތެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހާއްސަވާ އެއް ސަބަބަކީ މި އެވެ. ސައްތައިން ސައްތަ ދިވެހި ކޯޗުން ޓީމަކާ އެކު ދިވެހި ޓީމު މުބާރާތަށް ތައްޔާރުވުމެވެ. ބޭރު މީހެއްގެ އެއްވެސް ހިއްސާއެއް މި ފަހަރުގެ މުބާރާތަށް ޓީމު ތައްޔާރު ކުރުމުގައި ނެތެވެ.

ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ، ކްލަބު ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ. އޭނާގެ އެސިސްޓެންޓަކަށް ހަމައްޖައްސާފައި ވަނީ ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. "މިހާރު" އާ ވާހަކަ ދެއްކި ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަނީ ދިވެހިންނަށް މިކަން ކުރެވޭނެ ކަމަށެވެ.

ކުރިން 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނިގޮތުގައި، މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ބިދޭސީ ކޯޗުންގެ ތެރެއިން ދިވެހި ކޯޗުންނާ އަޅާބަލާއިރު ވަކި ތަފާތު މޮޅު ކޯޗެއް ރާއްޖޭގެ ކޯޗުކަމާ ހަވާލުވެފައެއް ނުވެ އެވެ. ނިޒާމްބެ ގަބޫލުކުރާ ގޮތުގައި ދިވެހި ކޯޗުންނަށް މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.

"ވަރަށް ތެދަށް ބުނާ ކަމަށްވަންޏާ މިހާތަނަށް ގައުމީ ޓީމާ ހަވާލުވި އެއްވެސް ބިދޭސީ ކޯޗަކަށް، ހަމަ އެއްވެސް ކޯޗަކަށް ދިވެހި ކުޅުންތެރިންގެ މެކްސިމަމް ނެރެވިފައެއް ނެތް،" ނިޒާމްބެ ބުންޏެވެ.

"ނެޝަނަލް ޓީމުގެ ބޮޑު ކަމަކަށް އޮންނާނީ ޓީމެއް މެނޭޖުކުރުމާއި ގޭމް އެނަލައިޒްކޮށްފައި އެ ޓެކްޓިކްސް އާއި ގޭމް ޕްލޭން. އެކަންކަން ބޮޑު ކަމަކަށް އޮންނާނީ. މިހާރު މިތިބަ ދެ ކޯޗުން (ސުޒޭން އާއި އިންމަ) ގެ ތަޖުރިބާ އަށް ބަލާއިރު އެ ލެވެލްގައި މަސައްކަތް ކުރާކަށް ތި ކޯޗިން ޓީމު އާ ވެގެނެއް ނުވާނެ. އެ ހުރިހާ ކަމަކަށް ބަލާއިރު ތި ޓީމަށް ނުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް."

ކްލަބު އީގަލްސްގެ ހެޑް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ކޯޗިން ޓީމުގައި މި ވަގުތު ތިބީ ރާއްޖެއިން ހޯދެން ތިބި އެންމެ ތަޖުރިބާކާރު ކޯޗުން ކަމަށެވެ.

"ދިވެހި ކޯޗުން ވެއްޖެއްޔާ އެޑްވާންޓޭޖްތަކެއް ހުންނާނެ. އެންމެ ފުރަތަމަ ކަމަކަށް ދިވެހި ވަންތަކަން. ދިވެހި ޓީމެއް ނުކުންނައިރު އެ ކޯޗެއްގެ ކިބައިގައި ދިވެހި ވަންތަކަން ހުންނާނެ. ބޭރު ކޯޗެއް ވެއްޖެއްޔާ އެކަމެއް ނޯންނާނެ. އެއީ ޕްލަސް ޕޮއިންޓެއް،" ސާފް ޗެމްޕިއަންޝިޕުގެ 19 އަހަރުން ދަށުގެ މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިން ކޯޗު ބުންޏެވެ. "ދެން ސާފް ޗެމްޕިއަންޝިޕަށް ބަލާއިރު މިހާރު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ އެކްސްޕީރިއަންސް އެއް ކޯޗު އެއީ. އެންމެ އެކަށީގެންވާ އެކަކު މިހާރު އެ ހުރީ. ވަރަށް ރަނގަޅު ބަދަލެއް އެއީ. ދިވެހި ކޯޗުންނަށް ވެސް އެކަން ކުރެވޭނެ."

ކުރިން ވެސް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ސުޒޭން ވަނީ މަސައްކަތް ކޮށްފަ އެވެ. މިހާރު އެކްޓިވްކޮށް ފުޓްބޯޅައިގައި މަސައްކަތްކުރާ ކޯޗުންގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައިވާ ކޯޗަކީ ވެސް ސުޒޭން އެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި 11 ތަށި ހޯދައިފަ އެވެ. ސުޒޭން އެންމެ ގިނަ ކާމިޔާބު ހޯދައިދިނީ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ އަށެވެ. އެ ކުލަބަށް ހަ ތަށި ހޯދައި ދިނެވެ. އެއީ ޕްރެޒިޑެންޓް ކަޕްގެ ތިން ތަށި، އެފްއޭ ކަޕްގެ ދެ ތަށި އަދި މާލޭ ލީގުގެ އެއް ތައްޓެވެ. މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގު އެއް ފަހަރު، ޕްރެޒިޑެންޓް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހޯދައިދިނެވެ.