Roadha Mihaaru
ކޫމަން އަހަންނަށް އިހްތިރާމެއް ނުކުރޭ: ޕިޔަނިޗް

ކޫމަން އަހަންނަށް އިހްތިރާމެއް ނުކުރޭ: ޕިޔަނިޗް

05 ސެޕްޓެމްބަރ 2021

ސަރަޔޭވޯ، ބޮސްނިއާ (ސެޕްޓެމްބަރު 5) - ބާސެލޯނާގައި އޭނާ ހޭދަކުރި ސީޒަންގައި، ޓީމުގެ ކޯޗު ރޮނަލްޑް ކޫމަންގެ ފަރާތުން ފެނުނީ އިހްތިރާމް ނުކުރި މަންޒަރު ކަމަށް ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސަރަޔޭވޯ، ބޮސްނިއާ (ސެޕްޓެމްބަރު 5) - ބާސެލޯނާގައި އޭނާ ހޭދަކުރި ސީޒަންގައި، ޓީމުގެ ކޯޗު ރޮނަލްޑް ކޫމަންގެ ފަރާތުން ފެނުނީ އިހްތިރާމް ނުކުރި މަންޒަރު ކަމަށް ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބުނެފި އެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން ޔުވެންޓަސް އިން، ބާސާ އަށް ބަދަލުވި ނަމަވެސް އެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ޕިޔނިޗް އަށް ނުދެއްކުނެވެ. މިދިޔަ އަހަރު ބާސާގައި އޭނާ ކުޅުނީ އެންމެ ހަ މެޗެވެ.

ލޯނެއްގެ ދަށުން މިހާރު އޭނާ ވަނީ ތުރުކީގެ ބެސިކްޓަސް އަށް ބަދަލުވެފަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސް، މާކާ އަށް ދިން އިންޓަވިއުގައި ޕިޔަނިޗް ވަނީ ކޫމަން، އޭނާ އަށް އިހްތިރާމް އަދާ ނުކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ޕިޔަނިޗް ބުނީ އޭނާ އަށް ރަނގަޅަށް ނުކުޅެވުނަސް އެކަންކަން ރަނގަޅު ކުރުމަށް ކޫމަން އޭނާއާ ވާހަކަ ނުދައްކާ ކަމަށެވެ.

"އަހަންނަށް ފުރުސަތު ލިބުނީ މަދުން. ލިބޭ ފުރުސަތުތަކުގައި އަހަންނަށް ކުޅެން ވަރަށް އުނދަގޫ. ފިޒިކަލީ އަދި މެންޓަލީ ވެސް ރަނގަޅަށް ހުންނަން އުނދަގޫވޭ. އެކަމުގެ ސަބަބުން އަހަރެންގެ ހިތްވަރު ގެއްލޭ. ސަބަބަކީ ކޫމަން އަހަންނާ އެއްވެސް ވާހަކައެއް ނުދައްކާތީ،" ޕޔަނިޗް ބުންޏެވެ.

"އޮތީ ވަރަށް އުނދަގޫ ހާލަތެއް. ކުޅޭނެ މީހުންނާއި ނުކުޅޭނެ މީހުން ކަނޑައަޅާނީ ކޯޗު. އެކަން ކުރުމުގައި ތަފާތުތަކެއް ހުރޭ. އަހަރެންގެ ކުރިމަތީގައި އަހަރެންގެ ހުރިހާ ވާހަކައެއް ދެއްކިޔަސް އަހަންނަކީ އެކަންކަން ބަލައިގަނެވޭނެ ކުޅުންތެރިއެއް. އެކަމަކު އެކަން ވަނީ ކަމެއް ނުހިނގާ ކަހަލަ ގޮތަކަށް."

ބާސާ އަށް ބަދަލުވުން، އެއީ ހިތާމަ ކުރާކަމެއްތޯ ސުވާލު ކުރުމުން ޕިޔަނިޗް ބުނީ އޭނާ އަކީ ކުޑައިރުން ފެށިގެން ބާސާގެ ސަޕޯޓަރެއް ކަމަށެވެ. އެހެންވެ ބާސާ އަށް ބަދަލުވުން އެއީ ހިތާމަކުރަން ޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް އެނގޭ މި ޓީމަށް އަހަންނަށް ކުޅެވޭނެކަން. އެ މީހުން އަހަންނަށް ވާދަކުރުމުގެ ފުރުސަތު ނުދެނީ."

ޕިޔަނިޗް، 31، ބުނީ ބެސިކްޓަސް އަށް އޭނާ ބަދަލުވީ ކުޑަ މުސާރަ އަކަށް ކަމަށެވެ. ކުޅެން ފުރުސަތު ހޯދަން ބޭނުންވާތީ އެގޮތަށް ނިންމީ ކަމަށް އޭނާ ބުންޏެވެ.