Roadha Mihaaru
32 ކުޅުންތެރިން މެނޭޖުކުރާނެ ގޮތެއް އަދި ނޭނގެ

32 ކުޅުންތެރިން މެނޭޖުކުރާނެ ގޮތެއް އަދި ނޭނގެ: ކޫމަން

29 އޯގަސްޓް 2021

ބާސެލޯނާ (އޮގަސްޓް 29) - ކޯޗިން ކޯސް ހެދިޔަސް 32 ކުޅުންތެރިން މެނޭޖްކުރާނެ ގޮތް އޭނާ ދަސްނުކުރާ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (އޮގަސްޓް 29) - ކޯޗިން ކޯސް ހެދިޔަސް 32 ކުޅުންތެރިން މެނޭޖްކުރާނެ ގޮތް އޭނާ ދަސްނުކުރާ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ބާސާގެ ސްކޮޑު ބޮޑުވުމުން މެނޭޖުކުރަން އުނދަގޫވާކަން ކޫމަން ފާހަގަކުރި އެވެ. އޭނާގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިންނާއި ނުހިމެނޭ ކުޅުންތެރިންނަކީ ކޮބައިކަން ކޫމަން ވަނީ ބާސާގެ މެނޭޖްމެންޓަށް އަންގައިފަ އެވެ. ނަމަވެސް އެ ކުޅުންތެރިން ވިއްކާލެވޭނެ ގޮތެއް އަދި ވެސް ބާސާގެ މެނޭޖުމެންޓަށް ހޯދިފައެއް ނުވެ އެވެ.

"32 ކުޅުންތެރިން ގޮވައިގެން ކުރިއަށް ދިއުމަކީ ނުވާނެ ކަމެއް،" ގެޓާފޭއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ ޕްރެސްގައި ކޫމަން ބުންޏެވެ.

"އަހަރެން ވެސް ކޯޗިން ކޯސްތައް ހެދިން، ނަމަވެސް 32 ކުޅުންތެރިން މެނޭޖުކުރާ ގޮތަކަށް ނޫން. ކްލަބަށް އެނގޭނެ އަހަރެން ބޭނުންވަނީ ކޮން ކުޅުންތެރިންނެއްކަން. އެކަމަކު ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހަދާފައި ހުރީމަ އެކަމަށް އިހުތިރާމް ކުރަން. ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭނެ ކުޅުމުގައި އުނދަގޫތައް ހުރީ ކޮން ކުޅުންތެރިންނަކަށްކަން."

މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑަކީ ބާސެލޯނާ އަށް އުނދަގޫ ކުރިމަތިވި ޕީރިއަޑެކެވެ. ޓީމުގެ ކުރީގެ ކްޕެޓަން ލިއޮނެލް މެސީ ދޫކޮށްލަން ޖެހުނުއިރު އަލަށް ޓީމަށް ގެނައި ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުވުމަށް ސީނިއާ ބައެއް ކުޅުންތެރިންގެ މުސާރަ ދަށް ކުރަން ޖެހުނެވެ.

ކޫމަން ބުނީ، މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑާ، އިގްތިސާދީ ގޮތުން ބާސާ އަށް ވާދަނުކުރެވޭނެކަން އެންމެންނަށް އެނގޭނެ ކަމަށެވެ. އޭނާ ބުނީ އިގްތިސާދީ ގޮތުން ބާސާ އޮތް ހާލަތުގެ ސަބަބުން އެކަން ދިގު މައްދަތަކަށް ކުރިއަށްދާނެ ކަމަށެވެ.

"މި ކްލަބަށް ހެޔޮ އެދޭ ކޮންމެ މީހަކު ވަނީ ކްލަބުގައި އޮތް އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވެފައި،" ކޫމަން ބުންޏެވެ. "އެކަމަކު އަހަރެމެން ޖެހޭނެ މި ހާލަތު ގަބޫލު ކުރަން. މި ހާލަތު ދިގު މުއްދަތަކަށް ދެމިގެންދާނެ. ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީގެން ކްލަބުގެ ހާލަތު ބަދަލު ކުރުމަށް އަހަރެމެން ކުރާ މަސައްކަތް ކަލޭމެންނަށް ވެސް ފެންނާނެ."