Roadha Mihaaru
މެސީ ނެތަސް ބާސާ އަށް ހިންދެމިލެވޭނެކަން އެނގިއްޖެ

މެސީ ނެތަސް ބާސާ އަށް ހިންދެމިލެވޭނެކަން އެނގިއްޖެ: ކޫމަން

09 އޯގަސްޓް 2021

ބާސެލޯނާ (އޯގަސްޓް 9) - އެފްސީ ބާސެލޯނާގައި ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ނެތަސް ޓީމަށް ހިންދެމި ލެވޭނެކަން، ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން އެނގިގެން ހިނގައްޖެ ކަމަށް ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (އޯގަސްޓް 9) - އެފްސީ ބާސެލޯނާގައި ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ނެތަސް ޓީމަށް ހިންދެމި ލެވޭނެކަން، ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން އެނގިގެން ހިނގައްޖެ ކަމަށް ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ބާސާގައި 21 އަހަރު ހޭދަކުރުމަށް ފަހު، މެސީ އިއްޔެ ވަނީ ރަސްމީކޮށް އެ ޓީމު ދޫކޮށްލައިފަ އެވެ. ޓީމު ދޫކޮށްލި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ބާސާ އިން ވަނީ ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 3-0 އިން މޮޅުވެފަ އެވެ. ބާސެލޯނާގެ ފައުންޑާ ޔޮއާން ގެމްޕާގެ ހަނދާނުގައި ކޮންމެ އަހަރަކު ކުޅޭ މެޗުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ މެންފިސް ޑިޕާއީ އާއި މާޓިން ބްރައިތުވެއިޓް އަދި ރިކީ ޕޫގް އެވެ.

ބާސާގައި މެސީ އަށް އެންމެ ފަހުން ކޯޗުކޮށްދިން ކޫމަން ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީމު ދޫކޮށްލުމުން އެ މަގާމު ފޫބައްދަން އުނދަގޫ ވާނެ ކަމަށެވެ.

"މެސީ ކަހަލަ ކުޅުންތެރިޔަކު ދިޔައީމާ އެންމެންނަށް އެއީ އުނދަގޫ ކަމަކަށް ވާނެ. ނަމަވެސް އަހަރެމެން ޖެހޭނެ ކުރިއަށް ދާން. ސަބަބަކީ އެ ހާލަތު ބަދަލު ކުރެވޭކަށް އަހަރެމެންނަކަށް ނެތް،" ކޫމަން ބުންޏެވެ.

"އަހަރެމެންގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ވުރެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ. އޭނާގެ މަގާމަށް ކުޅެވޭ އެހެން ކުޅުންތެރިން ޓީމުގައި އެބަތިބި. އެ ކުޅުންތެރިން ޖެހޭނެ މުހިންމު ރޯލެއް ކުޅެން."

ޔުވެންޓަސް އާ ދެކޮޅަށް ރޭ ބާސާ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އާ ދެކޮޅަށް ރޭ ބާސާ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ކޫމަން، ވަނީ ބާސާގެ ސަޕޯޓަރުންނަށް އުންމީދެއް ދީފަ އެވެ. ސަޕޯޓަރުން ޓީމާ މެދު އުންމީދު ކުރަން ޖެހޭނެ ފެންވަރު ޓީމުގައި އެބަހުރި ކަމަށް ކޫމަން ބުންޏެވެ. އެގޮތުން ބާސާ އަށް މި ސީޒަންގައި ސޮއިކުރި މެންފިސް ޑިޕާއީ ރޭ ދެއްކި ކުޅުމާ އެކު އޭނާގެ މުހިންމުކަން އެނގިގެންދާ ކަމަށް ކޫމަން ބުންޏެވެ.

"މިޑްފީލްޑަރުން ވެސް ގިނަ ގޯލްތަކެއް ޖަހަން ޖެހޭނެ. އަދި ސްކޮޑް ޖެހޭނެ ކުރިއަރަން. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނެތްތަން އަބަދުވެސް ދައްކާނެ. އެކަމަކު އެކަން ބަލައިގަނެ އަހަރެމެން ޖެހޭނެ މަސައްކަތުގައި ކުރިއަށްދާން،" ކޫމަން ބުންޏެވެ. "މި ޓީމާ މެދު އަހަންނަށް ވަރަށް އުންމީދު އެބައޮތް."

ކޫމަން ބުނީ ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމުން ފުޓްބޯޅައިގެ ނަޒަރުން ބާސާ ރަނގަޅު ހިސާބަކަށް ގޮސްފައިވާކަން ހާމަވާ ކަމަށެވެ.