Roadha Mihaaru
މެސީއަށްފަހު ބާސާގެ ފުރަތަމަ ފްރީކިކް ގޯލުޖެހީ ޓޮރޭޒް

މެސީ ދިޔަ ފަހުން ބާސާގެ ފުރަތަމަ ފްރީކިކް ގޯލު ޖެހީ ޓޮރޭޒް

17 ސެޕްޓެމްބަރ 2023

ބާސެލޯނާ (ސެޕްޓެމްބަރު 17) - ލިއޮނެލް މެސީ، ބާސެލޯނާ ދޫކޮށްލި ފަހުން، އެ ޓީމުގެ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ހިލޭ ޖެހުމަކުން ގޯލު ޖަހައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ސެޕްޓެމްބަރު 17) - ލިއޮނެލް މެސީ، ބާސެލޯނާ ދޫކޮށްލި ފަހުން، އެ ޓީމުގެ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ހިލޭ ޖެހުމަކުން ގޯލު ޖަހައިފި އެވެ.

ރެއާލް ބެޓިސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޭ 5-0 ން މޮޅުވި މެޗުގައި ހިލޭ ޖެހުމަކުން ބާސެލޯނާ އަށް ގޯލު ޖަހައިދިނީ ފެރާން ޓޮރޭޒް އެވެ.

"އަހަންނަށް ކުރިން ނޭނގުނު މެސީ ދިޔަ ފަހުން އަހަރެމެން ޓީމަށް ހިލޭ ޖެހުމަކުން ގޯލެއް ނުޖެހޭ ކަމެއް،" މެޗުގެ 62 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމުން ބާސެލޯނާގެ ތިންވަނަ ގޯލު ޖެހި ޓޮރޭޒް ބުންޏެވެ.

"އެ ހިލޭޖެހުން ފޮނުވާލުމުގެ ފުރުސަތު އެހެން ކުޅުންތެރިންނަށް ވެސް އޮތް، އެކަމު އަހަރެންނަށް ކާމިޔާބު ކުރެވުމުން ވަރަށް އުފާވެއްޖެ. މިއީ ފަރިތަކުރުންތަކުގެ ނަތީޖާ. ޓީމެއްގެ ގޮތުގައި އަހަރެމެންގެ ކޮލިޓީ ވަރަށް ރަނގަޅު ވެއްޖެ، ޓީމު ހުރިހާ ކުޅުންތެރިންނާ މެދު ވެސް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް."

މެސީ ބާސެލޯނާ ދޫކޮށްލީ 2020/2021 ސީޒަނަށް ފަހު އެވެ. އެ ސީޒަންގައި މެސީ، އެ ޓީމުގެ ޖޯޒީގައި ހިލޭ ޖެހުމަކުން އެންމެ ފަހު ގޯލު ޖެހީ، ވެލެންސިއާ ކޮޅަށެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ ޔާއޯ ފީލިކްސް އެވެ. މެޗުގެ 25 ވަނަ މިނިޓުގައި އޭނާ ޖެހި ގޯލަކީ އެތުލެޓިކޯ މެޑްރިޑުން ލޯނު އުސޫލުން އެޓީމަށް ބަދަލުވެ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. އޭގެ ހަތް މިނިޓް ފަހުން ދެވަނަ ގޯލު ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.

ދެވަނަ ހާފުގައި ހިލޭ ޖެހުމުން ޓޮރޭޒް ގޯލު ޖެހިތާ ފަސް މިނިޓު ނުވަނީސް ރަފީނިއާ އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދީފައި ވަނިކޮށް، ފަސްވަނަ ގޯލު ޖެހީ، މެންޗެސްޓާ ސިޓީ އިން ލޯނު އުސޫލުން ބާސާއަށް ބަދަލުވި ޔާއޯ ކަންސެލޯ އެވެ. މިއީ ކަންސެލޯ ވެސް ބާސެލޯނާގެ ޖޯޒީގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބެޓިސް ކޮޅަށް ފަސް ގޯލު ޖަހައިގެން ވެސް މިއީ އެންމެ ފުރިހަމަ މޮޅެއް ކަމަށް ނުދެކޭ ކަމަށާއި ރަނގަޅު ކުރަންވީ ބައިވަރު ކަންތައް އެބަހުރި ކަމަށެވެ.

"މިއީ އެންމެ ފުރިހަމަ ގޭމެކޭ ނުބުނެވޭނެ. ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން ފެނިގެން ދިޔަ، ހާއްސަކޮށް ޑިފެންސް ކުރާއިރު،" މެޗަށް ފަހު ޒަވީ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ވަރަށް ރަނގަޅު މެޗެއް ކުޅެފި، އަހަރެމެންގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހެއޭ ބުނެވޭނީ."