Roadha Mihaaru

އެމްބާޕޭގެ ހެޓްރިކާ އެކު ވެސް ރެއާލަކަށް ނުވި، ބާސާ ޗެމްޕިއަންކަމާ ގާތަށް

ބާސެލޯނާ (މެއި 11) - ރެއާލް މެޑްރިޑް ވަރުގަދަކޮށް ފެށި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ފަހަތުން އަރައި 4-3 އިން މޮޅުވެ، ލީގު ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި އެވެ.

ރެއާލް ބަލިކޮށް ބާސާ ޗެމްޕިއަންކަމާ ގާތަށް

ބާސެލޯނާ (މެއި 11) - ރެއާލް މެޑްރިޑް ވަރުގަދަކޮށް ފެށި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ފަހަތުން އަރައި 4-3 އިން މޮޅުވެ، ލީގު ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި އެވެ.

މިއީ ބާސެލޯނާ މި ސީޒަންގައި ރެއާލް މެޑްރިޑްގެ މައްޗަށް ގަދަވި ހަތަރުވަނަ މެޗެވެ. ލީގުގެ ދެ މެޗު ކާމިޔާބު ކުރި އިރު، ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުން ވެސް ވަނީ ރެއާލް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.

ރެއާލް ވަނީ މިރޭ ކުޅުނު މެޗުގެ 14 މިނިޓުތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފަސްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ލީޑު ނަގައިދިން އިރު، ނުވަ މިނިޓު ފަހުން އޭނާ ވަނީ ދެވަނަ ގޯލެއް ޖަހައި ރެއާލްގެ ސަޕޯޓަރުންނަށް އުންމީދު ހޯދައިދީފަ އެވެ.

ނަމަވެސް ބާސެލޯނާ ވަނީ ފަހަތުން އަރައި މި ހާފު ނިމުމުގެ ކުރިން ހަތަރު ގޯލު ޖަހައި ރެއާލް ސިއްސުވާލައިފަ އެވެ. އެގޮތުން 19 ވަނަ މިނިޓުގައި ކޯނަރެއްގައި އެރިކް ގާސިއާ ފަރަގު ކުޑަ ކޮށްދިން އިރު، 32 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ލަމީން ޔަމާލް އެެވެ. ބާސާގެ ފަހު ދެ ލަނޑު 34 ވަނަ މިނިޓާއި 45 ވަނަ މިނިޓުގައި ޖަހައިދިނީ ރަފީނިއާ އެވެ.

މެޗުގެ 70 ވަނަ މިނިޓުގައި އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ނަމަވެސް، ރެއާލް ކޮޅަށް ނަތީޖާ އަނބުރައެއް ނުލެވުނެވެ.

މި މެޗުން މޮޅުވެގެން، ދެ ވަނައިގައި އޮތް ރެއާލަށް، އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓަކާ ގާތަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މި ނަތީޖާއާ އެކު ބާސެލޯނާ މި ވަނީ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮތް އިރު، ބާސާ އެއްވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ.