Roadha Mihaaru
ބާސާ އަށް ގެއްލުން، ރެއާލަށް އޮތީ ފައިދާ: ވަލްޑާނޯ

ބާސެލޯނާ އަށް ގެއްލުން، ރެއާލަށް އޮތީ ފައިދާ: ވަލްޑާނޯ

10 ޖޫން 2020

މެޑްރިޑް (ޖޫން 10) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގު މާދަމާރޭ އަލުން ފަށާއިރު މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދުގެ ސަބަބުން ބާސެލޯނާ އަށް ގެއްލުންވި ނަމަވެސް ރެއާލް މެޑްރިޑަށް ފައިދާ ނެގޭނެ ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން ޖޯޖް ވަލްޑާނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖޫން 10) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގު މާދަމާރޭ އަލުން ފަށާއިރު މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދުގެ ސަބަބުން ބާސެލޯނާ އަށް ގެއްލުންވި ނަމަވެސް ރެއާލް މެޑްރިޑަށް ފައިދާ ނެގޭނެ ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން ޖޯޖް ވަލްޑާނޯ ބުނެފި އެވެ.

ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން ފީފާ ހުށަހެޅި ޕްރޮޕޯސަލް ބަލައި ގަނެ އެ ހުއްދަދޭން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ނިންމުމާ އެކު ޖަރުމަނު ލީގު ފެށީ އެ ގަވާއިދަށް އަމަލުކުރެވޭ ގޮތް ހަދައިގެންނެވެ. އިނގިރޭސި ޕްރިމިއާ ލީގާއި ލަލީގާ ވެސް އަލުން ފަށާނީ އެ ގަވާއިދު ހިމަނައިގެންނެވެ.

ދާދިފަހުން ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ވަނީ ބާސެލޯނާ ކަަހަލަ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕޮޒެޝަން ފުޓްބޯޅަ ކުޅޭ ޓީމަކަށް ފަސް ބަދަލު ކުރެވޭ ގަވާއިދުގެ ސަބަބުން ގެއްލުންތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ. ރެއާލުގެ ކުރީގެ ކޯޗު އަދި މިހާރުގެ ސްޕެއިނުގެ ފުޓްބޯޅަ އެނަލިސްޓު ވަލްޑާނޯ ބުނީ ބާސެލޯނާ އަށް އޮތް ގެއްލުން އިތުރު ކަމަށެވެ.

"ބާސެލޯނާ ކަހަލަ ޓީމަކަށް ފައިދާ ނެގެން މި އަންނަނީ ޕޮޒެޝަން ފުޓްބޯޅަ ކުޅެގެން އިދިކޮޅު ޓީމު ރޫޅާލަން ވަގުތު ހޯދައިގެން. އެ ވަގުތު މި ލިބެނީ ފިޒިކަލީ އިދިކޮޅު ޓީމު ވަރުބަލި ވެގެން. މި ގަވާއިދުގެ ސަބަބުން އިދިކޮޅު ޓީމަށް އެބަ އޮތް އިތުރު ދެ ބަދަލެއް ކުރުމުގެ ފުރުސަތު މިއީ. އިދިކޮޅު ޓީމުން އެ ބަދަލުތައް ވިސްނައިގެން ގެނެސްފިނަމަ ބާސެލޯނާ އަށް ވަރަށް އުނދަގޫވާނެ،" ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ވަލްޑާނޯ ބުންޏެވެ.

"އަނެއް މައްސަލަ އަކީ ބާސެލޯނާގައި އެއް ފެންވަރެއްގެ މާ ގިނަ އޮޕްޝަނެއް ނެތް. ބެންޗުގައި ވެސް މިހާ ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު ނެތް މާ އެކަށޭނެ އެއް ފެންވަރެއްގެ ބަދަލުތަކެއް ނެތް. އަހަރެންގެ ނަޒަރުގައި ރަނގަޅު 17 ކުޅުންތެރިން ތިބުމަކުން މި ހާލަތަށް އެންމެ ފިޓެއް ނޫން،"

ލަލީގާގައި ކޮންމެ ޓީމެއް ބާކީ 11 މެޗު ކުޅެން އޮތްއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.

ރެއާލަށް ކުޅުމުގެ އިތުރުން އެ ޓީމަށް ކޯޗުކޮށްދީފައިވާ ވަލްޑާނޯ ބުނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން އޮތް ސްކޮޑަކަށް ބަލާއިރު ރެއާލް ވަރަށް ފުރިހަމަ ކަމަށާއި ސްކޮޑު ވަރުގަދަ ވުމުގެ ފައިދާ ބާސެލޯނާ އަށް ވުރެން ރަނގަޅަށް ރެއާލަށް ނެގޭނެ ކަމަށެވެ.

"ބާސެލޯނާ އޮތީ ތާވަލުގެ ކުރީގައި. އެކަމަކު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރުގަދަ ބޮޑު ސްކޮޑުގެ ފައިދާ ރެއާލަށް ނެގޭނެ،" ވަލްޑާނޯ ބުންޏެވެ.

ލީގު އަލުން ފަށާ މެޗުގައި މާދަމާރޭ ކުޅޭނީ ސެވިއްޔާ އާއި ރެއާލް ބެޓިސް އެވެ. ހޮނިހިރު ދުވަހުގެރޭ ބާސެލޯނާ ކުޅޭނީ ރަށުން ބޭރުގައި މަޔޯކާއާ އެވެ. އާދިއްތަ ދުވަހުގެރޭ ރެއާލް އަމިއްލަ ދަނޑުގައި އެއިބާއާ ބައްދަލުކުރާނެ އެވެ.