Roadha Mihaaru
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި

ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި

24 އޮކްޓޯބަރ 2020

ބާސެލޯނާ (އޮކްޓޫބަރު 24) - ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާ އަތުން 3-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ބާސެލޯނާ (އޮކްޓޫބަރު 24) - ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާ އަތުން 3-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ރެއާލް ވަނީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މި ހަފްތާގައި ދެން ހުރި މެޗުތަކަށް ފަހު ރެއާލަށް އެއް ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާ މި ވަގުތު އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

މި މެޗަށް ނުކުތްއިރު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ރެއާލާއި ބާސެލޯނާ ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިއީ ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަން އެ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ކްލަސިކޯ މެޗެވެ. އޭނާ ފުރަތަަމަ ކްލަސިކޯގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.

ކްލަސިކޯ ތާރީހުގައި ސަޕޯޓަރުން ނުވައްދައި ކުޅުނު ފުރަތަމަ ފަހަރު ބާސެލޯނާ ދަނޑުގައި މިރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އެވެ. ބާސެލޯނާ ހާފް ތެރެއިން ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ލިބުނު ބޯޅަ ހިފައިގެން އައިސް އޭނާ ވަނީ އޭރިއާ ތެރެއިން ހުސްކޮށްލާފައި ވަލްވޭޑޭ އަށް ދީފަ އެވެ. ވަލްވޭޑޭ ވަނީ ހަމަަޖެހިލާފައި ބާސެލޯނާ ގޯލުގައި ހުރި ކީޕަރު ނެޓޯ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ފާޓީ (ކ) އާއި އަލްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ފާޓީ (ކ) އާއި އަލްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލަށް ލީޑުހިފަހައްޓައިލެވުނީ ތިން މިނިޓް ވަންދެނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ 17 އަހަރުގެ ފޯވާޑް އަންސޫ ފާޓީ އެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހުސްކޮށްލާފައި ޖޯޑީ އަލްބާ އަށް ދިން ބޯޅަ އޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ފާޓީ ވަނީ ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަަތަމަ ހާފްގައި ބާސެލޯނާ އަށް ލީޑުނަގައިދޭން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން މެސީ ވަނީ އަށް ލިބުނު ބޯޅަ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ކައިިރިން ނައްޓާލުމަށް ފަހު ފޮނުވާލި ނަމަވެސް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. ރެއާލަށް މި ހާފުގައި އަލުން ލީޑުނަގައިދޭން ލިބުނު ފުރުސަތުގައި ޓޮނީ ކްރޫސް ޖައްސާލި ބޯޅަ ބެންޒެމާ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ނޮލްބާޓޯ ނެޓޯ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ބާސެލޯނާ އަށް ލީޑުނަގައިދޭން ފިލިއްޕޭ ކުޓީނިއޯ ވަނީ ރަނުގެ ފުރުސަތެއް ނަގާލައިފަ އެވެ. އޭރިއާ ތެރޭގައި ހުރެފައި ކުޓީނިއޯ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ރެއާލްގެ ކަސެމީރޯ ބާސެލޯނާގެ މެސީ އަތުން ބޯޅަ ހޯދަން ޓެކުލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކަސެމީރޯ ބާސެލޯނާގެ މެސީ އަތުން ބޯޅަ ހޯދަން ޓެކުލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 63 ވަނަ މިނިޓްގައި ކެޕްޓަން ރާމޮސް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އޭރިއާ ތެރެއިން ރާމޮސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

މެޗުގައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކަ މޮޑްރިޗް އެވެ. މޮޑްރިޗް އެ ގޯލު ޖެހުމުގެ ކުރިން ކްރޫސް އާއި ރާމޮސް ފޮނުވާލި ރަނގަޅު ހަމަލާތަކެއް ކީޕަރު ނެޓޯ ވަނީ ހުއްޓުވައިފަ އެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު ލީގުގައި ބާސެލޯނާ ދަނޑުގައި ރެއާލުން ހޯދި ފުރަތަމަ މޮޅެވެ. އަދި ސީޒަނުގެ ފުރަތަމަ ކްލަސިކޯ މެޗަކުން ފާއިތުވި 13 އަހަރު ތެރެއިން ރެއާލަށް ކުރި ލިބުނު ދެ ވަނަ ފަހަރެވެ. ބާސެލޯނާ ދަނޑުގައި މިހާތަނަށް ޒިދާންގެ ކޯޗުމަުގައި ރެއާލް ބަލިވެފައިނުވެ އެވެ. ހަ މެޗުގެ ތެރެއިން ތިން މެޗުން ރެއާލް މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.