Roadha Mihaaru
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން

ރެފްރީގެ ގޯސް ނިންމުމާ ހެދި ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން

23 އެޕްރީލް 2024

ބާސެލޯނާ (އޭޕްރީލް 23) – ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ރެފްރީގެ ގޯސް ނިންމުންތައް ފާހަގަކޮށް، އެ މެޗު އަލުން ކުޅެން ބޭނުންވާކަމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ (އޭޕްރީލް 23) – ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ރެފްރީގެ ގޯސް ނިންމުންތައް ފާހަގަކޮށް، އެ މެޗު އަލުން ކުޅެން ބޭނުންވާކަމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ މެޑްރިޑްގެ ކުޅުނު މެޗު، ރެއާލުން ކާމިޔާބު ކުރީ 3-2 ންނެވެ. އެކަމަކު އެ މެޗަށް ފަހު ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ބުނީ، މެޗުން މޮޅުވުން ބާސާ އަށް ހައްގު ކަމަށެވެ.

އެ މެޗުގައި ބާސާގެ ލަމީން ޔަމާލް، ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު އަންޑްރޭ ލުނިން، ހިފީ ގޯލްގެ އެތެރެއިންނެވެ. އެކަމަކު ވީއޭއާރް މެދުވެރިކޮށް ބަލައިގެން ރެފްރީ އަށް އެ ބޯޅަ ގޯލްގެ އެތެރެއަށް ވަދެފައިވާކަން ދެނެ ނުގަނެވުނެވެ. ގޯލް ލައިން ޓެކްނޮލޮޖޯ ނެތުމުން ރެފްރީ އަށް ބަލަން ޖެހުނީ ވީއޭއާރް އެވެ.

ސޯޝަލް މީޑިއާގައި ބާސާއިން ޕޯސްޓް ކުރި ވީޑިއޯގައި ލަޕޯޓާ ވިދާޅުވީ ޔަމާލް ޖެހި ގޯލްގެ މަންޒަރުގެ އޯޑިއޯވިޝުއަލް ޑޮކިއުމަންޓް ބާސާ އަށް ފޮނުވައި ދިނުމަށް ރެފްރީންގެ ޓެކްނިކަލް ކޮމިޓީ އާއި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ކިބައިން އެދިފައި ވާނެ ކަމަށެވެ.

"އެ ބޯޅަ ދިޔައީ އަންޑްރީ ލުނިންގެ ގޯލް ލައިންގެ އެތެރެއަށްކަން ކަމާ ބެހޭ ފަރާތްތަކުން ހުށަހަޅާ އެ ޑޮކިޔުމެންޓްތަކުން ސާބިތުކޮށް ދީފި ނަމަ އެ މެޗު އަލުން ކުޅެން އެދޭނަން،" ލަޕޯޓާ ވިދާޅުވި އެވެ.