Roadha Mihaaru
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް

ރެއާލުން ލަލީގާގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފި، ބާސާއަށް ސީޒަން ނިމޭނީ ހުސްއަތާ

05 މެއި 2024

މެޑްރިޑް (މެއި 5) - ކަޑީޒްގެ މައްޗަށް ކުރި ހޯދައި، ވާދަވެރި ބާސެލޯނާ އާއި ޖިރޯނާ އަތުން ބަލިވުމުން، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

މެޑްރިޑް (މެއި 5) - ކަޑީޒްގެ މައްޗަށް ކުރި ހޯދައި، ވާދަވެރި ބާސެލޯނާ އާއި ޖިރޯނާ އަތުން ބަލިވުމުން، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ސެންތިއާގޯ ބާނެބެއުގައި ކަޑީޒާ ދެކޮޅަށް ކުޅުނު މެޗު ނިމުނުތާ ދެ ގަޑީއިރު ފަހުން، ޖިރޯނާގެ ދަނޑުގައި ބާސާގެ މެޗު ފެށި އެވެ. މެޑްރިޑާ 680 ކިލޯ މީޓަރު ދުރުގައި އޮތް ބާސެލޯނާ ސިޓީގައި ކުޅުނު މެޗު ޓީވީ ބަލަން، ރެއާލްގެ މެޗު ނިމިގެން ދެ ގަޑިއިރު ފަހުން ވެސް އެ ޓީމުގެ ބައެއް ކުޅުންތެރިން ބާނެބެއުގައި ތިއްބެވެ.

ކަޑީޒް އަތުން ރެއާލް މޮޅުވެފައި ވުމުން، ބާސާ މެޗުން އެއްވަރު ވި ނަމަވެސް، ރެއާލަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. ލީގު ކަށަވަރު ކުރަން އިތުރު ހަފުތާއަކަށް ލަސް ކުރުމުގެ ގޮތުން، މެޗުން މޮޅުވުން ނޫން ގޮތެއް ބާސާ އަކަށް ނެތެވެ. ފުރަތަމަ ހާފުގައި 2-1 ން ބާސާ ކުރީގައި އޮވެގެން ނިންމާލުމުން، ރެއާލްގެ އިންތިޒާރު ދިގު ވީ ކަމަށް ބެލެވުނެވެ.

އެކަމަކު ބާސާ ވެސް ނިސްބަތްވާ ކަޓަލާންގެ ކްލަބް ޖިރޯނާއިން ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި، ރެއާލަށް ލީގު ޗެމްޕިއަން ކަށަވަރުކޮށް ދިނެވެ.

ރެއާލްގެ ލަނޑުތައް ޖެހީ ބްރަހީމް ޑިއާޒް، ޖޫޑެ ބެލިންހަމް، ހޮސެލޫ އެވެ. މިއަދު ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ އިތުރަށް އެ ޓީމަށް ލިބު އުފަލަކީ ގިނަ ދުވަސްތަކެއް އަނިޔާގައި ހޭދަ ކުރުމަށް ފަހު އެއްވަނަ ކީޕަރު ޓިބޯ ކޯޓުއާ ސީޒަންގައި އޭނާގެ ފުރަތަމަ މެޗު ކުޅުމެވެ. ބާސާ އާއި ޖިރޯނާގެ މެޗުގައި ބާސާގެ ދެލަނޑު ޖެހީ އަންޑްރެސް ކްރިސްޓިއަންސެން އާއި ރޮބަްޓް ލެވަންޑޯސްކީ އެވެ. ޖިރޯނާގެ ލަނޑުތައް ޖެހީ އާޓެމް ޑޮވްބީކް އާއި ދެ ލަނޑު ޖެހީ ޕޯޓޫގެ އިތުރުން މިގުއެލް ގުޓިރޭޒެވެ.

ރެއާލުން އެއްވަނަ މަގާމު ކަށަވަރު ކުރި އިރު 13 ޕޮއިންޓްގެ ބޮޑު ލީޑެއް އޮތެވެ. ޖިރޯނާ މޮޅުވުމުން، އެ ޓީމު ވަނީ ބާސާ އަށް ވުރެ އެންމެ ޕޮއިންޓެއްގެ ފަރަގުން ދެވަނަ އަށް ޖެހިލައިފަ އެވެ. ރެއާލުން ލީގުގެ ޗެމްޕިއަންކަން މި ހޯދީ 36 ވަނަ ފަހަރެވެ. އެ ޓީމުން ވަނީ ސްޕެނިޝް ސުޕަ ކަޕު ވެސް މި ސީޒަނުގައި ކާމިޔާބުކޮށްފަ އެވެ. އެ ޓީމަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލު މެޗުގައި ބެޔާން މިޔުނިކާ ދެކޮޅަށް ކުޅޭ ދެވަނަ ލެގް މެޗެވެ.