Roadha Mihaaru
ވިދިވިގެން ހަތަރުވަނަ ކްލެސީކޯގައި ބާސާ ބަލިވެއްޖެ

ވިދިވިގެން ހަތަރުވަނަ އެލް ކްލެސިކޯގައި ރެއާލުން ބާސާ އަތްދަށުލައިފި

24 އޮކްޓޯބަރ 2021

ބާސެލޯނާ (އޮކްޓޯބަރު 24) - ވިދިވިދިގެން ހަތަރުވަނަ އެލްކްލެސިކޯގެ މެޗުން ރެއާލް މެޑްރިޑުން، ވާދަވެރި އެފްސީ ބާސެލޯނާގެ މައްޗަށް ގަދެވެގެންފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (އޮކްޓޯބަރު 24) - ވިދިވިދިގެން ހަތަރުވަނަ އެލްކްލެސިކޯގެ މެޗުން ރެއާލް މެޑްރިޑުން، ވާދަވެރި އެފްސީ ބާސެލޯނާގެ މައްޗަށް ގަދެވެގެންފި އެވެ.

ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 އިންނެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ލިއޮނެލް މެސީ އާއި ސާޖިއޯ ރާމޯސް ނެތި ކުޅުނު ފުރަތަމަ އެލްކްލެސިކޯ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ރެއާލް އެވެ. އެ ޓީމުގެ ލަނޑު 32 ވަނަ މިނެޓްގައި ޑެވީޑް އަލަބާ ކާމިޔާބު ކުރީ ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފަހު ވަގުތުގައި ރެއާލްގެ ދެ ވަނަ ލަނޑު ލޫކަސް ވަޒްކްއޭޒް ކާމިޔާބު ކުރި އެވެ. ބާސާގެ ލަނޑު އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެެވެ.

ބާސާގެ ޑިފެންޑަރު ޕީކޭ މާޔޫސްވެފައި: މިއީ ވިދިވިގެން ބާސާ ބަލިވި ތިން ވަނަ އެލް ކްލެސީކޯ --- ފޮޓޯ: އޭއެފްޕީ

ބާސާގެ ޑިފެންޑަރު ޕީކޭ މާޔޫސްވެފައި: މިއީ ވިދިވިގެން ބާސާ ބަލިވި ތިން ވަނަ އެލް ކްލެސީކޯ --- ފޮޓޯ: އޭއެފްޕީ

އަގުއޭރޯގެ އެ ލަނޑާއެކު އޭނާ ވަނީ ދުނިޔޭގެ ކްލަބު ފުޓްބޯޅައިގައި ވަރުގަދަ ތިން ކުރިމަތިލުމެއްގައި ލަނޑު ޖަހާފަ އެވެ. ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު އަގުއޭރޯ ވަނީ މެޑްރިޑް ޑާބީ ގައި ވެސް ލަނޑު ޖަހައިފަ އެވެ. އަދި މެންޗެސްޓާ ސިޓީ ގައި މެންޗެސްޓާ ޑާބީ ގައި ވެސް އޭނާ ލަނޑު ޖެހި އެވެ.

ކްލަބު ފުޓްބޯޅައިގައި އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ރެއާލް އާއި ބާސާގެ ކުރިމަތިލުންތަކަކީ އަބަދުވެސް ބޮޑު ވާދަވެރިކަމެއް އުފައްދާ މެޗެކެވެ. އެލް ކްލެސިކޯގެ ނަމުގައި މަޝްހޫރުވެފައިވާ މި ކުރިމަތިލުންތަކުގައި އަދި ވެސް ކުރީގައި އޮތީ ބާސާ އެވެ. މިހާތަނަށް 280 އެލްކްލެސީކޯ މެޗު ކުޅުނު އިރު ބާސާއިން ވަނީ 115 މެޗުން މޮޅުވެފަ އެވެ. ރެއާލް މޮޅުވީ 103 މެޗުންނެވެ.

ކޯޗެއްގެ ގޮތުގައި ރޮނާލްޑް ކޫމަން އަދި އެލްކްލެސިކޯގައި މޮޅު ވެވިފައެއް ނުވެ އެވެ. ދެ ވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހަވާލުވި ކަލޯ އަންޗެލޯޓީ އަށް އޭނާ ކުރިން ކޯޗުކޮށްދިން ދެ އަހަރުގައި އެލް ކްލެސިކޯގެ އެއް ވެސް މެޗަކުން މޮޅު ވެފައެއް ނުވެ އެވެ. މިރޭގެ މެޗަކީ އޭނާ ކާމިޔާބު ކުރި ފުރަތަމަ އެލްކްލެސިކޯ މެޗެވެ.