Roadha Mihaaru
މެސީ ނެތަސް ލީގުގެ ހައިބަތު ކުޑަނުވާނެ: ލަލީގާ ރައީސް

މެސީ ނެތަސް ލީގުގެ ހައިބަތު ކުޑަނުވާނެ: ލަލީގާ ރައީސް

09 ސެޕްޓެމްބަރ 2020

މެޑްރިޑް (ސެޕްޓެމްބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބް ދޫކޮށް ދިޔަ ނަމަވެސް ސްޕެނިޝް ލީގުގެ ހައިބަތު ކުޑަނުވާނެ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

މެޑްރިޑް (ސެޕްޓެމްބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބް ދޫކޮށް ދިޔަ ނަމަވެސް ސްޕެނިޝް ލީގުގެ ހައިބަތު ކުޑަނުވާނެ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ކޮންޓްރެކްޓްގައިވާ ވަކި މާއްދާ އަކަށް ރިއާޔަތްކޮށް ހިލޭ ޓްރާންސްފާއެއްގައި މި ފަހަރު ކްލަބް ބަދަލުކުރަން މެސީ ކުރި މަސައްކަތް ކާމިޔާބުނުވުމުން މިހާރު އޭނާ ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ. މެސީ އަށް އެހެން ކްލަބަކަށް ނުދެވުނީ އޭނާގެ ކޮންޓްރެކްޓްގައިވާ 700 މިލިއަން ޔޫރޯ މައްސަލައިގައި ގޮތެއް ނުނިމިގެންނެވެ. މެސީގެ ނަޒަރުގައި އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ ނުދައްކައި ވެސް އޭނާ އަށް ޓީމު ބަދަލުކުރެވޭނެ އެވެ. އެކަމަކު ބާސެލޯނާ އާއި ލަލީގާ އިން ވެސް ވަނީ އެ އަދަދު ނުދައްކައި މެސީ އަށް ކްލަބް ބަދަލުނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.

މެސީ އެހެން ކްލަބަކަށް ދިޔަ ނުދޭން ލަލީގާ އިން ވެސް މަސައްކަތްކުރި ކަމަުގެ ތުހުމަތު ބައެއް މީޑިއާތަކުން ކުރެ އެވެ. ލަލީގާގެ ރައީސް ޓެބާސް ވިދާޅުވީ މެސީ އަކީ މުހިއްމު ކުޅުންތެރިއެއްކަން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ވަރަށް ގިނަ ފަހަރު ބުނެފައިވާނެ މެސީ އަކީ ފުޓްބޯޅަ ތާރީހުގައި އައި އެންމެ މޮޅު ކުޅުންތެރިޔާއޭ. ލަލީގާ ރައީސެއްގެ ހައިސިއްޔަތުން އަހަރެން ބޭނުން އޭނަ މި ލީގުގައި ކެރިއަރު ނިންމާލަން، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތް މެސީ ދާން އުޅުނީމަ. އެއީ 20 އަހަރު ވަންދެން އޭނަ އަހަރެމެން ލީގުގައި ހުރެފައި. ދެން އެހެން ލީގަކުން އޭނަ ފެންނަން ބޭނުމެއް ނޫން،" ޓެބާސް ވިދާޅުވި އެވެ.

ޓެބާސް ވިދާޅުވީ މެސީ ލީގު ދޫކޮށްދިއުމަކީ ވަރަށް ބޮޑު ގެއްލުމެއްވާނެ ކަމެއްގެ ގޮތުގައި އެއްވެސް އިރަކު ނުދެކޭ ކަމަށެވެ. އަދި ލަލީގާ އަކީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރިން ފަށާފައިވާ ކަމަށާއި އޭގެ ބޭނުމަކީ ވަކި ވަކި ކުޅުންތެރިންނާއި ޓީމުތަކަކަށް ބަރޯސާވެފައި އޮތުން ނައްތާލުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެ ކަމުން (މެސީ ދިއުމުން) އަސަރެއް ކުރާނެ ކަމަށް. އެއީ ކުރިއަށް އޮތް ހަތަރު ސީޒަނުގެ 90 ޕަސެންޓް ރައިޓްސް އަހަރެމެން ވާނީ ވިއްކާލާފައި. އެހެންވުމުން މެސީ ދިޔަސް ލަލީގާގެ އާމްދަނީ އަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނުދެކެން. ވަކި ކުޅުންތެރިއަކު ނެތިގެން ލީގުގެ ހައިބަތު ކުޑައެއްނުވާނެ،" ޓެބާސް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ މާލީ ކަންތައްތައް ދިރާސާކުރާ ތަޖުރިބާކާރުންގެ ރިޕޯޓްތައް ދައްކާގޮތުން މީގެ ދެ އަހަރު ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެނިޝް ލީގުު ދޫކޮށްދިއުމުން ފުރަތަމަ ސީޒަނުގައި ވެސް އެ ލީގުގެ އާމްދަނީ 13 ޕަސެންޓް ވެއްޓުނެވެ. އަދި މެސީ އެ ލީގު ދޫކޮށްލައިފިނަމަ ވެސް އެ ވަރުގެ ވެއްޓުމެއް އަންނާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

މެސީ އަންނަނީ ބާސެލޯނާގެ ޕްރީ ސީޒަނުގެ ޓްރެއިނިންތަކުގައި ބައިވެރިވަމުންނެވެ.