Roadha Mihaaru
ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް

މެސީގެ ދެ ގޯލާ އެކު ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް

16 މާޗް 2021

ބާސެލޯނާ (މާޗް 16) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު ހުއެސްކާ އަތުން 4-1 އިން މޮޅުވެ ލީގުގެ ރޭހުގައި ބާސެލޯނާ އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ބާސެލޯނާ (މާޗް 16) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު ހުއެސްކާ އަތުން 4-1 އިން މޮޅުވެ ލީގުގެ ރޭހުގައި ބާސެލޯނާ އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުން ބާސެލޯނާ މޮޅުވުމާ އެކު އެ ޓީމުން ވަނީ އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އަދި އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ވަނީ 27 މެޗުން 59 ޕޮއިންޓް ހަަމަކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތިން ވަނައިގައި އޮތީ 27 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 13 ވަނަ މިނިޓްގައި މެސީ ޖެހި މޮޅު ގޯލުންނެވެ. މެސީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ބާސެލޯނާެ ލީޑުފުޅާކޮށްދިނީ ޕެޑްރީ ދިން ބޯޅައަކުން އެންޓޮއިން ގްރީޒްމަން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުއެސްކާގެ ރަފާ މިރް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން އޮސްކާ މިންގޭޒާ ވަނީ އަލުން ބާސެލޯނާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. މެސީ ބާސެލޯނާގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ޓްރިންކާއޯ ދިން ބޯޅައަކުންނެވެ.

ރޭގެ މެޗާ އެކު އުމުރުން 33 އަހަރުގެ މެސީ ވަނީ ހުރިހާ މުބާރާތެއްގައި ބާސެލޯނާ އަށް 767 މެޗު ކުޅެގެން ކުރީގެ އެއް ވަނަ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. މެސީ އެންމެ ފުރަތަމަ ބާސެލޯނާ އަށް މެޗެއް ކުޅުނީ 2004 ވަނަ އަހަރު އޮކްޓޫބަރު މަހު އެވެ. އޭގެ ފަހުން އެ ޓީމާ އެކު މިހާތަނަށް މެސީ ވަނީ 34 ތަށި އުފުލާލައިފަ އެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މެސީ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ހާއްސަ ކުޅުންތެރިޔާ ކަމަށް ބުނުމުން އެކަމާ ދެބަސްވާނެ މީހެއް ނުހުންނާނެ ކަމަށެވެ.