Roadha Mihaaru
ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި

ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި

23 ޑިސެމްބަރ 2020

ވަޔަޑޮލިޑް (ޑިސެމްބަރު 23) – އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ޖަހައިގެން ބްރެޒިލްގެ ލެޖެންޑްރީ ފޯވާޑް ޕެލޭ ހަދާފައިވާ ރެކޯޑް ބާސެލޯނާގެ ލިއޮނަލް މެސީ ރޭ މުގުރާލައިފި އެވެ.

ވަޔަޑޮލިޑް (ޑިސެމްބަރު 23) – އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ޖަހައިގެން ބްރެޒިލްގެ ލެޖެންޑްރީ ފޯވާޑް ޕެލޭ ހަދާފައިވާ ރެކޯޑް ބާސެލޯނާގެ ލިއޮނަލް މެސީ ރޭ މުގުރާލައިފި އެވެ.

ބްރެޒިލްގެ ސަންތޯސް އަށް 1956-1974 އަށް 656 މެޗުން 643 ގޯލް ޖަހައިގެން ޕެލޭ ހެދި ރެކޯޑް މެސީ މުގުރާލީ ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް އަތުން 3-0 އިން މޮޅުވި މެޗުގައި ޖެހި ލަނޑާ އެކު، 749 މެޗުން 644 ލަނޑު ހަމަކޮށްގެންނެވެ. ޕެލޭގެ ރެކޯޑާ މެސީ ހަމަކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

"އަހަރެން ފުޓްބޯޅަ ކުޅެން ފެށިއިރު ހިތަކަށް ނާރާ އެއްވެސް ރެކޯޑެއް މުގުރާލެވޭނެޔޭ،" މެސީ ބުންޏެވެ. "މިދިޔަ އަހަރުތަކުގައި އަހަންނަށް އެހީވެދިން އެންމެންނަށް ޝުކުރުއަދާކުރަން ބޭނުން. އަހަންނާ އެއް ޓީމަކަށް ކުޅުނު ކުޅުންތެރިންނާއި އާއިލާ މެމްބަރުންނާއި ރަހުމަތްތެރިން އަދި އަހަންނަށް ކޮންމެ ދުވަހަކު ސަޕޯޓްކުރާ އެންމެންނަށް."

ބާސެލޯނާގެ ޔޫތު ޓީމާ 2001 ވަނަ އަހަރު ގުޅުނު މެސީ ސީނިއާ ޓީމަށް ކުޅެން ފެށީ 2004 ގަ އެވެ. އެ ޓީމާ އެކު ސްޕެނިޝް ލީގު 10 ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ހަ ފަހަރު އޭނާ ކާމިޔާބުކުރި އެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 21 ވަނަ މިނެޓުގައި ކްލެމެން ލެންގްލޭ އެވެ. އަދި ދެ ވަނަ ގޯލް 35 ވަނަ މިނެޓުގައި ޖެހީ މާޓިން ބްރެއިތުވެއިޓެވެ. މެސީ ރެކޯޑް މުގުރާލި ލަނޑު ޖެހީ 65 ވަނަ މިނެޓުގަ އެވެ.

މި މޮޅާ އެކު ބާސެލޯނާ އޮތީ 14 މެޗުން 24 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމު ވަނީ ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން މޮޅުވެފަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. އަދި ތިން ވަނައިގައި އޮތީ 16 މެޗުން 26 ޕޮއިންޓާ އެކު އޮތް ސޮސިއެޑާޑެވެ.