Roadha Mihaaru
މެސީ، ނެވެލްސްގެ ޖާޒީގައި މަރަޑޯނާއަށް އިހުތިރާމްކޮށްފި

މެސީ، ނެވެލްސްގެ ޖާޒީގައި މަރަޑޯނާ އަށް އިހުތިރާމް އަދާކޮށްފި

30 ނޮވެމްބަރ 2020

ބާސެލޯނާ (ނޮވެމްބަރު 30) – ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 4-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ބުދަ ދުވަހު މަރުވި ޑިއެގޯ މަރަޑޯނާ އަށް އިހުތިރާމް އަދާކޮށްފި އެވެ.

ބާސެލޯނާ (ނޮވެމްބަރު 30) – ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 4-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ބުދަ ދުވަހު މަރުވި ޑިއެގޯ މަރަޑޯނާ އަށް އިހުތިރާމް އަދާކޮށްފި އެވެ.

މަރަޑޯނާ ވަނީ 1982-1984 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އެކަމަކު މެސީ އަށް އެންމެ ހާއްސަވީ 1993-1994 އަށް އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް މަރަޑޯނާ ކުޅުމެވެ. މެސީ ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ފެށީ ނެވެލްސްގެ ޖާޒީގައި 1994 ގަ އެވެ.

މެސީ ވަނީ ލަނޑު ޖެހުމަށް ފަހު، މަރަޑޯނާ ބޭނުންކުރި ނެވެލްސްގެ 10 ނަމްބަރު ޖާޒީ ލައިގެން ހުރެ މަރަޑޯނާ އަށް އިހުތިރާމްއަދާކޮށްފަ އެވެ. މެސީ ރޭގެ މެޗު ކުޅުނީ ބާސެލޯނާ ޖާޒީގެ އެތެރެއިން ނެވެލްސްގެ އެ ޖާޒީ ލައިގެންނެވެ.

މަރަޑޯނާ 1994 ގައި ނެވެލްސް އަށް ފުރަތަމަ މެޗު ކުޅުނުއިރު އެ މެޗުގެ އިންޓޯލު ވަގުތު ސަޕޯޓަރުން މުނިފޫހިފިލުވައިދުމަށް ބޯޅައިގެ ހުނަރުތަކެއް ދައްކާލަން އޭރުގެ ކުޑަކުޑަކުއްޖެއްގެ ގޮތުގައި ހުރި މެސީ އެރި އެވެ.

މެސީ ވަނީ މަރަޑޯނާގެ ކޯޗުކަމުގައި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފަ އެވެ.

ހާޓް އެޓޭކެއް ޖެހިގެން އުމުރުން 60 އަހަރުގައި މަރުވި މަރަޑޯނާގެ ހަނދާން އާކުރުމުގެ ގޮތުން އޭނާގެ ޖާޒީއެއް ސެންޓަ ސާކަލުގައި ބާއްވައިގެން، ދެ ޓީމުގެ ކުޅުންތެރިން ރޭ މެޗު ފެށުމުގެ ކުރިން ހިމޭންކަމުގައި ތިއްބެވެ. ކޭމްޕް ނޯގެ ދިދަތައް ބައިދަނޑިއަށް ތިރިކޮށްފައި ހުރިއިރު، ދަނޑުގެ ހުރިހާ ސްކްރީނަކުންނާއި އިޝްތިހާރު ބޯޑުތަކުން ފެންނަން ހުރީ މަރަޑޯނާގެ ފޮޓޯ އެވެ.

ރޭގެ މެޗުގެ 29 ވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ގޯލް ޖެހީ މާޓިން ބްރެއިތުވެއިޓެވެ. އަދި ދެ ވަނަ ގޯލް 42 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރިޒްމަން އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 57 ވަނަ މިނެޓުގައި ފިލިއްޕެ ކުޓީނިއޯ ޖެހިއިރު ހަތަރު ވަނަ ލަނޑު މެސީ ވައްދާލީ 73 ވަނަ މިނެޓުގަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ ނުވަ މެޗުން 14 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެން ރެއާލް ސޮސިއެޑާޑެވެ. އަދި ދެ ވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ.