Roadha Mihaaru
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ

ލަލީގާގެ އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ

05 ނޮވެމްބަރ 2023

ޖިރޯނާ (ނޮވެމްބަރު 5) - ރެއާލް މެޑްރިޑާއި ބާސެލޯނާ ޑޮމިނޭޓް ކުރަމުން އަންނަ ސްޕެނިޝް ލީގުގެ އެއްވަނަ އަށް ޖިރޯނާ ޖެހިލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖިރޯނާ (ނޮވެމްބަރު 5) - ރެއާލް މެޑްރިޑާއި ބާސެލޯނާ ޑޮމިނޭޓް ކުރަމުން އަންނަ ސްޕެނިޝް ލީގުގެ އެއްވަނަ އަށް ޖިރޯނާ ޖެހިލައިފި އެވެ.

ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގެ ކްލަބުން ރޭ ވަނީ އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗު 4-2 ން ކާމިޔާބުކޮށްފަ އެވެ.

އެ ޓީމުގެ ލަނޑުތައް ޖެހީ އީވާން މާޓިން، އާޓެމް ޑޮވްބީކް، ވިކްޓާ ސެންހެންކޯ އަދި އެލެކްސް ގާސިއާ އެވެ. އޮސަސޫނާގެ ދެ ލަނޑު ވެސް ޖެހީ އަންޓޭ ބުޑިމިރް އެވެ.

އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޖިރޯނާ ވަނީ މޮޅުވެފަ އެވެ. ލީގުގައި އެ ޓީމުން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ ޓީމު ވަނީ 10 މެޗުން މޮޅުވެފަ އެވެ.

ބާސާ އިން ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ މެޗުގެ ފަހު ވަގުތުގައި ރޮނަލްޑް އަރައުހޯ ޖަހައިދިން ލަނޑުން 1-0 ންނެވެ. އެކަމަކު ވެސް ތާވަލުގެ އެއްވަނަ އަށް ބާސާ އަށް އެރޭ ގޮތެއް ނުވި އެވެ. އެ ޓީމު އޮތީ ތިންވަނައިގަ އެވެ.

ރެއާލް ވަޔެކޯނާ އާ ދެކޮޅަށް މިރޭ ރެއާލް ކުޅޭ މެޗު ނިމެންދެން ޖިރޯނާ އެއްވަނައިގައި އޮންނާނެ އެވެ. އެ މެޗުން ރެއާލް މޮޅުވެއްޖެނަމަ އެ ޓީމަށް ތާވާލުގެ އެއްވަނަ މަގާމު ލިބޭނެ އެވެ.