Roadha Mihaaru
މެސީ އަށް ހިލޭ އެހެން ޓީމަކަށް ނުދެވޭނެ: ލަލީގާ

މެސީ އަށް ހިލޭ އެހެން ޓީމަކަށް ނުދެވޭނެ: ލަލީގާ

31 އޯގަސްޓް 2020

މެޑްރިޑް (އޮގަސްޓް 31) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ.

މެޑްރިޑް (އޮގަސްޓް 31) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ޓީމަށް އެންގީ ހިލޭ (އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި) އެހެން ކްލަބަކަށް ބަދަލުވުމަށެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ އިހުތިޔާރު ކުރާ ޓީމަކަށް ބަދަލުވެވޭނެ އެވެ. ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 އަށް ހަމަވެފައިވާ ކަމަށެވެ.

މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކޮވިޑް-19އާ ހެދި ސީޒަން މެދުކަނޑާލަން ޖެހުމުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.

ސްޕެނިޝް ލީގުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީގެ ކޮންޓްރެކްޓްގައި އޭނާ ކްލަބް ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި އެއަށް އަށް ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"ކޮންމެ ކުޅުންތެރިއަކު ވެސް ކޮންޓްރެކްޓްގައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނީ. އެ ގޮތަށް ބަލާއިރު މެސީގެ އަގު ވެސް ކޮންޓްރެކްޓްގައި ލިޔެފައި އޮތީ. އެ ގޮތުން ކޮންޓްރެކްޓް ހަމަވުމުގެ ކުރިން މެސީ އަށް އެހެން ކްލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދައްކައިގެން،" ލަލީގާ އިން ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ އަންނަނީ އޭނާގެ ގާނޫނީ ޓީމު މެދުވެރިކޮށް ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކުގައި މެސީ އަށް އެހީތެރިވާތީ ބާސެލޯނާ އިން ވަނީ އެ ކްލަބްގެ ލޯ ފާމްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ.

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މެސީ އެ ޓީމަށް އެންގީ ފެކުހެއް މެދުވެރިކޮށެވެ. މެސީގެ ބައްޕައާ އެކު ބާސެލޯނާގެ ބައެއް އިސްވެރިން ބޭއްވި ބައްދަލުވުމުގައި ވަނީ މެސީ އަށް ކޮންޓްރެކްޓް ހަމަނުވަނީސް ބާސެލޯނާ ދޫކޮށްލެވޭނީ ޓްރާންސްފާ ފީއެއް ލިބޭ ގޮތަށް ކަމަށް ބުނެފަ އެވެ. އަދި މެސީ ކްލަބް ބަދަލުކުރަން ބޭނުންވާ ސަބަބުތައް ސަޕޯޓަރުންނަށް އެނގޭނެ ގޮތަށް އާންމުކުރަން ވެސް ބާސެލޯނާ އިން ޑިމާންޑްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެނިޝް ލީގުގެ ޕްރޮޓޮކޯލްއާ އެއްގޮތަށް ޕްރީ ސީޒަންގެ ޕްރެކްޓިސް ފެށުމުގެ ގޮތުން އިއްޔެ ބާސެލޯނާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. އެކަމަކު އިއްޔެ އެ ޓެސްޓް ހަދަން މެސީ ހާޒިރެއްނުވެ އެވެ. އޭގެ މާނަ އަކީ މިއަދު ފަށާ ޕްރީ ސީޒަންގެ ޕްރެކްޓިހުގައި މެސީ ބައިވެރިނުވާނެ އެވެ.

އުމުރުން 33 އަހަރުގެ މެސީ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އޭނާއާ އެކު ކުރިން ބާސެލޯނާގައި މަސައްކަތްކުރި ކޯޗު ޕެޕް ގާޑިއޯލާ މިހާރު ކޯޗުކޮށްދޭ މެންޗެސްޓާ ސިޓީ އާއި އިޓަލީގެ އިންޓަ މިލާނުންނެވެ.

ބާސެލޯނާގެ ބޯޑުން ބޭނުންވަނީ މެސީ ކްލަބް ބަދަލުކުރާނަމަ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު ޓްރާންސްފާ އަށް ހެދުމަށެވެ. މި ވަގުތު އެންމެ އަގުބޮޑު ޓްރާންސްފާގެ ރެކޯޑް އޮތީ މީގެ ތިން އަހަރު ކުރިން ބާސެލޯނާ ބަދަލުކޮށް ޕީއެސްޖީއާ ގުޅުނު ބްރެޒިލްގެ ނޭމާ އަތުގަ އެވެ. ނޭމާ ހޯދަން ޕީއެސްޖީން 245 މިލިއަން ޑޮލަރު ދެއްކި އެވެ.