Roadha Mihaaru
ބާސާ އަށް މެސީ ނުގެންދެވުމުން އެމެރިކާގެ މަޔާމީ އަށް

ފައިސާގެ ދަތިތަކާހެދި ބާސާ އަށް މެސީ ނުގެންދެވުނު، ބަދަލުވާނީ އެމެރިކާގެ މަޔާމީ އަށް

07 ޖޫން 2023

ބާސެލޯނާ (ޖޫން 7) - ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން އެ ކްލަބުން މަސައްކަތް ކުރި ނަމަވެސް، ދިމާވެފައިވާ ފައިސާގެ މައްސަލަތަކާ ހެދި އެކަން ކާމިޔާބު ނުވުމުން، އެމެރިކާގެ އިންޓަ މަޔާމީ އަށް ބަދަލުވާން މެސީ ނިންމައިފި އެވެ.

ބާސެލޯނާ (ޖޫން 7) - ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން އެ ކްލަބުން މަސައްކަތް ކުރި ނަމަވެސް، ދިމާވެފައިވާ ފައިސާގެ މައްސަލަތަކާ ހެދި އެކަން ކާމިޔާބު ނުވުމުން، އެމެރިކާގެ އިންޓަ މަޔާމީ އަށް ބަދަލުވާން މެސީ ނިންމައިފި އެވެ.

އެންމެ ފަހުގެ ދެ ސީޒަންގައި ޕީއެސްޖީ އަށް ކުޅުމަށް ފަހު މެސީ ވަނީ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ.

މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޖޯޖް މެސީގެ އިތުރުން އެ އާއިލާން ވެސް ބޭނުންވީ އަލުން ބާސާ އަށް މެސީ ބަދަލުވުމަށެވެ.

އެކަމަކު ބާސާގެ މުސާރަ ބިލް މިހާރު ވެސް ބޮޑެވެ. މެސީ ފެންވަރުގެ ކުޅުންތެރިޔެއް ގެންނަނަމަ، ލާލީގެގެ ފައިނޭންޝިއަލް ފެއާޕްލޭ އަށް ވުރެ ބާސާގެ މުސާރަ ބިލް ބޮޑުވާނެ އެވެ. ސްޕެއިންގެ "މާކާ" އިން ބުނީ އެ ޓީމުގެ ވޭޖްބިލް ކުޑަ ކުރުމަށް، ކްލަބުން ބައެއް ކުޅުންތެރިން ދޫކޮށްލައި މެސީ ކްލަބަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް، ބާސާގެ ރައީސް ޔޮއާން ލަޕޯޓާ، ޖޯޖް މެސީ ގާތު ބުނި ކަމަށެވެ.

އެކަމަށް އިތުރު ވަގުތުތަކެއް ހޭދަ ވާނެ އެވެ. މީގެ ދެ އަހަރު ކުރިން މެސީ އަށް ބާސާގައި ކުރިމަތިވި ހާލަތެއް އަލުން ކުރިމަތި ވެދާނެތީ މެސީ ނިންމީ ބާސާ އަށް މަޑު ނުކުރުމަށެވެ.

އޯގަސްޓް 2021 ގައި މެސީ ޕީއެސްޖީ އަށް ބަދަލުވީ، ބާސާ އަށް އޭނާ އަށް ސޮއި ކުރެވޭނެ ހާލަތެއް މާލީ ގޮތުން ބާސާ އަށް ހޯދޭނެ ގޮތް ނުވުމުންނެވެ.

އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ހިއްސާ ވެސް އޮންނަ އިންޓަ މިއާމީ އަށް ބަދަލުވާން މެސީ ނިންމީ ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް އަގު ބޮޑު ހުށަހެޅުމެއް ލިވިފައިވަނިކޮށެވެ.

ސައުދީގެ ހުށަހެޅުމުން މެސީ އަށް ބޮޑު މުސާރައެއް ލިބެ އެވެ. އެކަމަކު އެ ހުށަހެޅުމަށް މެސީގެ އާއިލައިން އެހާ ޝައުގުވެރިއެއް ނުވެ އެވެ. އިންޓަ މަޔާމީގެ ޕްރޮޖެކްޓަށް މެސީގެ އާއިލާއިން ޝައުގުވެރިވީ ސްޕޯޓިން ޕްރޮޖެކްޓް ރަނގަޅުވުމުނެވެ. ސައުދީގެ ލީގަށް ވުރެ އެމެރިކާގެ ލީގުގައި ވާދަވެރިކަން ބޮޑު ވާނެތީ އެވެ.